Advertisement

ރޮނާލްޑޯ ހެޓްރިކް ހަދާ ޔުވެންޓަސް ކުއާޓާއަށް ގެންގޮސް ލޯބިވެރިޔާ ރޮއްވާލައިފި

13 Mar 2019 | 05:38

ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ ކްރިސްޓިއާނޯ ރޮނާލްޑޯ ޗެންޕިއަންސް ލީގުގައި އެޓްލެޓިކޯ މެޑްރިޑައި ދެކޮޅަށް ހެދި ހެކްޓްރިކާއެކު ޔުވެންޓަސް ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

އެޓްލެޓިކޯގެ އަމިއްލަ ދަނޑުގައި މި ދެޓީމް ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗް 2-0 ކުން އެޓްލެޓިކޯ ކާމިޔާބު ކޮށްފައިވާއިރު ދެވަނަ ލެގުން ޔުވެންޓަސް މޮޅުވީ 3-0 ގެ ނަތީޖާ އަކުންނެވެ. މިއާއެކު ޔުވެންޓަސް ކުއާޓާ ފައިނަލަށް ދަތުރުކޮށްފައިވަނީ 3-2 ގެ އެގްރިގޭޓް ނަތީޖާއަކާއެކުއެވެ.

މެޗު ފަށައިގެން ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފައިވަނީ ޔުވެންޓަސްކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން އިދިކޮޅު ޓީމް އަތުގައި ބޯޅަ އޮންނަ ވަގުތު ތަކުގައިވެސް ދޫދިނުމެއް ނެތި ޔުވެންޓަސްވަނީ ވަރުގަދައަށް ޕްރެސް ކޮށްގެން ކުޅެފައެވެ.

ޔުވެންޓަސްއިން ހަމަލާއަކަށްފަހު ހަމަލާއެއް އުފައްދަމުން ދިޔުމުގެ ނަތީޖާއަކަށްވީ 27 ވަނަ މިނެޓުގައި ބަރނަޑެޝްކީ ނަގައިދިން ހުރަހަކުން މި ސީޒަނުގައި އެޓީމައި އަލަށް ގުޅުނު ރޮނާލްޑޯ، ބޮލުން ގޯލު ތެރެއަށް ބޯޅަ ވައްދާލުމުވެ. ކުރީގައި އޮވެ ޔުވެންޓަސް ފުރަތަމަ ހާފް ނިންމާލިއިރު އެޓްލެޓިކޯގެ ފަރާތުން މާ އެދެވޭ ކުޅުމެއް ފެނިފައެއް ނުވެއެވެ.

ދެވަނަ ހާފް ފަށައިގެން ތިންވަނައަށް ވީ މިނެޓުގައި ފެނިގެންދިޔައީ ޔުވެންޓަސް އިތުރު ގޯލެއް ޖަހާ މެޗުގެ ނަތީޖާ 2-0 ކަށް އަދި އެގްރިގޭޓް ނަތީޖާ 2-2 ކަށް ހެދި މަންޒަރެވެ. ފުރަތަމަ ގޯލް ޖެހި ރޮނާލްޑޯ މިގޯލްވެސް ކާމިޔާބުކުރީ ބޮލުން ފޮނުވާލި ބޯޅައަކުންނެވެ. ޔުވެންޓަސްގެ ފުލްބެކްއަށް ކުޅެމުން އަންނަ ޖާއޮ ކޮންސޭލޯ ނަގައިދިން ހުރަހަކުން ރޮނާލްޑޯ ގޯލާ އަމާޒުކުރި ބޯޅަ އެޓްލެޓިކޯގެ ކީޕަރު އޮބްލަކް މަތަކުރި މަންޒަރު ފެނުނު ނަމަވެސް ވީއޭއާރް މެދުވެރިކޮށް ރެފްރީވަނީ އެއީ ގޯލެއް ކަމުގައި ނިންމާފައެވެ.

ޔޫރަޕުގެ އެންމެ ވަރުގަދަ އަދި އެންމެ މޮޅު އެއް ޑިފެންސް އޮންނަކަމަށް މަޝްހޫރު އެޓްލެޓިކޯ ކޮޅަށް ރޮނާލްޑޯ ހެޓްރިކް ހެދީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ކުޑަ ވަގުތު ކޮޅަކަށް ވެފައިވަނިކޮށެވެ. ޔުވެންޓަސްއަށް މި ޕެނަލްޓީ ލިބުނީ ބަރނަޑެޝްކީއަށް އެޓްލެޓިކޯގެ އޭންޖެލް ކޮރެއާ ޕެނަލްޓީ އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެންނެވެ.

ރޮނާލްޑޯގެ ތިން ގޯލާއެކު ޔުވެންޓަސް ކުއާޓާ ފައިނަލާއި ގާތަށް ޖެހުމުން އެންމެ ބޮޑަށް ފާހަގަވެގެންދިޔަ އެއްކަމަކީ ރޮނާލްޑޯގެ ލޯބިވެރިޔާ ޖިއޮޖީނާ ރޮޑްރިގޭޒްގެ ލޮލުން އަންނަމުން ދިޔަ އުފާވެރިކަމުގެ ކަރުނަތަކެވެ. ގިނަ ބައެއްގެ ލޮލުގައި މި މަންޒަރު އަޅައިގައިން އިރު ރޮނާލްޑޯގެ ދޮށީ ދަރިފުޅު އުފާ ފާޅު ކުރަމުން ގެންދިޔަ މަންޒަރުވެސް ފެނިގެންގޮސްފައިވެއެވެ.

ފުރިހަމަ ވަގުތު ހަމަވެގެން ދިޔައިރުވެސް އެޓްލެޓިކޯއަށް ޔުވެންޓަސްގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއްވެސް އޮން ޓާގެޓަށް ފޮނުވާލެވިފައި ނުވާއިރު ޔުވެންޓަސްވަނީ ޖުމްލަ 16 ޝޮޓް ހަދާ އޭގެތެރެއިން ހަތަރު ހަމަލާ ޓާގެޓަށް ފޮނުވާލާފައެވެ.

މި މެޗުގައި ރޮނާލްޑޯ ޖެހި ތިން ގޯލާއެކު އޭނާ ޗެންޕިއަންސް ލީގުގައި މިހާތަނަށް ޖަހާފައިވާ ގޯލުގެ އަދަދު 124 އަށް އަރާފައިވާއިރު އޭނާ ވެގެން ގޮސްފައިވަނީ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ސްޓޭޖްގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ އަށްވެސްމެއެވެ.

Advertisement

ކޮމެންޓް