ޔުއޭފާ ޗެންޕިއަންސް ލީގް: ސިޓީ 7-0 ޝާލްކޭ

13 Mar 2019 | 05:17

ޔުއޭފާ ޗެންޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީއިން ޝާލްކޭ ކޮޅަށް 7 ގޯލް ވައްދާލާ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ކަށަވަރު ކޮށްފިއެވެ.

މި ދެޓީމް ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗް، 3-2 ކުން ޝާލްކޭގެ ދަނޑުގައި ސިޓީ ކާމިޔާބު ހޯދިއިރު ދެވަނަ ލެގުގައި ނުކުތް 7-0 ގެ ނަތީޖާއާއެކީ ސިޓީ ކުއާޓާއަށް ގޮސްފައިވަނީ 10-2 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

މި ސީޒަނުގެ ހުރިހާ މުބާރާތެއްގައިވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ސިޓީއަށް މި މެޗުގައި ގޯލްތައް ޖަހައިދިނީ އަގުއޭރޯ (ދެ ގޯލް)، ސާނޭ، ސްޓާލިންގް، ބެނާޑޯ، ފޯޑެން، އަދި ޖީސުސްއެވެ.

މެޗައި ބެހޭގޮތުން ވާހަކަ ދައްކަމުން ސިޓީގެ ކޯޗް ގާޑިއޯލާ ބުނީ ނަތީޖާ ވަރަށް ސާފުކޮށް ފެންނަން އޮތް ކަމަށައި ކުއާޓާ ފައިނަލަށް ދެވުމުން އުފާވާ ކަމުގައެވެ. މެޗް ފެށުނީ އެންމެ ބޭނުންވި ގޮތަށް ނޫން ކަމަށައި އެހެންނަމަވެސް ފުރަތަމަ ގޯލަށްފަހު ހުރިހާ ކަމެއްވެސް ދިޔައީ ރަނގަޅަށް ކަމަށް އޭނާ ބުންޏެވެ.

އަނިޔާގެ ސަބަބުން ގިނަ ކުޅުންތެރިން ތަކެއް ކުޅުމައި ދުރުގަ ހުރިކަން ފާހަގަކުރަމުން ގާޑިއޯލާ ބުނީ މެޗަކަށްފަހު މެޗެއްގައި މޮޅު ކުޅުމެއް ތަކުރާރުކޮށް އަނިޔާގަ ތިބި ކުޅުންތެރިން އަނބުރާ އަންނަންދެން އެއް ފެންވަރެއްގައި ހިފަހައްޓާލުން މުހިންމު ކަމަށެވެ.

ސިޓީވަނީ ލީގް ކަޕް ކާމިޔާބުކޮށް މި ސީޒަނުގައި އެޓީމް ކުޅޭ ހުރިހާ މުބާރާތަކަށް ވާދަކުރަމުންނެވެ.

Advertisement

ކޮމެންޓް

Advertisement