Advertisement

އަކްޝޭގެ "ސޫރިޔަވަންޝީ" ރިލީޒް ކުރަނީ އަންނަ އަހަރުގެ އީދުގައި

18 Mar 2019 | 06:13

އަކްޝޭ ކުމާރުގެ "ސޫރިޔަވަންޝީ" ރިލީޒް ކުރަނީ އަންނަ އަހަރުގެ އީދުގައި ކަމަށް އެފިލްމު އުފައްދާ ފަރާތުން ބުނެފިއެވެ.

ރޯހިތު ޝެޓީ ޑައިރެކްޓްކުރާ "ސޫރިޔަވަންޝީ"ގެ މަސައްކަތްތައް މިހާރު ވަރަށް ބާރަށް ކުރިއަށްދާއިރު އެފިލްމު ރިލީޒްކުރަން ނިންމާފައިވަނީ އަންނަ އަހަރުގެ ބޮޑު އީދުގައި ކަމަށް ވަނީ އިއުލާން ކޮށްފައެވެ.

އެފިލްމު އީދުގައި ރިލީޒްކުރަން ނިންމުމުގެ ކުރިން އަކްޝޭ ކުމާރު ސަލްމާން ޚާންއާއި ވާހަކަދައްކާފައިވާކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައިވެއެވެ. ސަބަބަކީ އާންމުގޮތެއްގައި އީދުގައި ފިލްމުތައް ރިލީޒްކުރަނީ ސަލްމާންކަމަށް ވެފައި އަންނަ އަހަރު ވެސް ސަލްމާންގެ ފިލްމެއް އެދުވަހުގައި ރިލީޒްކުރަން ނިންމާފައިވާކަމަށް އަޑުފެތުރިފައިވާތީއެވެ.

ނަމަވެސް ސަލްމާން ޚާނަށް ގުޅިކަމަށް ދެކެވޭ ވާހަކަތައް އަކްޝޭ ވަނީ ދޮގުކޮށްފައެވެ. އަކްޝޭ ބުނެފައިވަނީ އެފަދަ ކޯލެއް ކޮށް ސަލްމާން އާއި ވާހަކަދައްކާފައި ނުވާ ކަމަށެވެ. އަދި ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރާ ތަރިންގެ ކާމިޔާބީ އަޅާކިއުމަކީ އިންޑިއާގެ މީޑިއާތަކުން ކުރާކަމެއް ކަމަށާއި ފިލްމު އިންޑަސްޓްރީއަކީ އެންމެންގެވެސް ތަނެއްކަމަށެވެ.

"ސޫރިއަވަންޝީ"ގައި އަކްޝޭ ފެނިގެންދާނީ ޕޮލިސް އޮފިސަރެއްގެ ރޯލުންނެވެ. މިއީ ރޯހިތު ޝެއްޓީ އުފައްދާ ކްރައިމް ސީރީޒްގެ ތިންވަނަ ފިލްމެވެ. އެގޮތުން އެންމެ ފަހުން ރަންވީރު ފެނިގެންދިޔަ "ސިންބާ"ގެ އިތުރުން "ސިންގަމް" ފާހަގަކޮށްލެވެއެވެ.

Advertisement

ކޮމެންޓް