އެޖެންޑާ 19ގެ ފަހަތުގައިވާ ފިތުނައިގެ އެޖެންޑާ

15 Mar 2019 | 00:36

އެންމެ ދެކުނުގެ ހަތަރު އަތޮޅުގެތެރެއިން އަތޮޅެއްގެ ރަށެއްގައި ހިންގާ އަމިއްލަ ޖަމްއިއްޔާއަކުން ހިލޭ ސާބަހަށް މަސައްކަތްކުރާ ބޭރުގެ ޖަމްއިއްޔާތަކާއިގުޅިގެން ހިންގާ ޕްރޮގްރާމްތަކުގައި އެރަށަށް ބޭރުގެ ވޮލަންޓިޔަރުން ވަރަށް ގިނަގިނައިން ގެންދެއެވެ. ގިނައިން ގެންނަނީ ޔޫރަޕްގެ އަންހެން ވޮލަންޓިޔަރުންނެވެ. އެމީހުންބައިތިއްބަނީ ކުރިން ރަށުގެ ގޭގޭގައި ކޮޓަރި ކުއްޔަށް ހިފައިގެންނެވެ. ފަހުން ވަކިގެއެއްގައި އެމީހުން ބައިތިއްބަންފެށިއެވެ. ވޮލަންޓިޔަރުންނާއެކު ގިނައިން ހަރަކާތްތެރިވަނީ އަދި ތަންތަނަށް ގެންގޮސްހަދަނީ އެރަށު ޖަމްއިއްޔާގެ ޒުވާން ފިރިހެންކުދިންނެވެ. ހައެއްކަ މަސްފަހުން އެގޭގެ ޖަންގްޝަންބެދި ގޭގެ ވެރިފަރާތުން އައިސް ޗެކްކުރިއިރު ޖަންގްޝަންގައި ގިނައަދަދަކަށް ކޮންޑަމް ހުރެގެން ކޮންމެ ކޮންޑަމްއެއް ވަކިވަކިން އެގޭގެވެރިމީހާ ގުނިއެވެ. 160 ވަރަކަށް ކޮންޑަމް އެޖަންގްޝަންތެރެއިން އޭނާ ނެރުނެވެ. ދެން އޭނާ އެވާހަކަ އަޅުގަނޑަށް ކިޔައިދިނެވެ. ގޭގެވެރިމީހާ ގަބޫލުކުރާގޮތުގައި އެއީ ހަމަސްދުވަހުގެތެރޭގައި އެގޭގައި ކޮށްފައިވާ 160 ޒިނޭކަމަށް އޭނާ ގަބޫލުކުރެއެވެ.

އެމްޑީޕީގެ އެޖެންޑާ 19 ގައި ރައީސް މުހައްމަދު ނަޝީދު ކަނޑައަޅުއްވާފައިވާ ގެސްޓްހައުސް ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން މީހުންދިރިއުޅޭ ގޭގޭގެތެރެއަށް ބޭރުގެ ފަތުރުވެރިން ވައްދަނީ އެގޭގޭމީހުންނަށް ފައިސާގެ ތަނަވަސްކަން ހޯދައިދޭންކަމަށް ބުނެއެވެ. އެކަމަކު މި ކުރަންއުޅޭކަންތަކާމެދު ފުންކޮށް ވިސްނާލުމުން ފެންނަނީ މުޅިން އެހެންމަންޒަރެކެވެ. މަތީގައި ނަންގަނެލީ މިސާލެކެވެ.

މީހުން ދިރިއުޅޭ ގޭގޭގެތެރެއަށް ބޭރުގެ ފަތުރުވެރިން ވައްދަނީ ދޮރުން ދޮރަށް ހިގައިގެން ރައްޔިތުން އެމްޑީޕީގެ ލީޑަރުންގާތު އެކަންކުރަން އެދިގެންކަމަށް ބުނާތީއިވެއެވެ. ހަގައިމުވެސް ރައްޔިތުންގެ މަޖިލީހުގެ ބަހުސްގައި ބައިވެރިވާ އެމްޑީޕީގެ ކެންޑިޑޭޓުން އެހެން އެބަކިޔައެވެ. އެ އެޖެނޑާ 19 ގައިވާ ހުރިހައިކަމަކީވެސް ދޮރުން ދޮރަށް ހިގައިގެން އެމީހުންގާތު ރައްޔިތުން އެދިފައިވާ އެދުންތައްކަމަށް ފަޚްރުވެރިކަމާއެކު މޭގައި އަތްޖަހައި އެބަ ބުނެއެވެ. ކޮންމެކެންޑިޑޭޓަކުވެސް ހަމަ އެއް އިބާރާތެއް އެއްގޮތަކަށް ބުނާތީ އެއީ ހުރިހައި ކެންޑިޑޭޓުންގެ އަގަޔަށް އަޅައިދީފައިވާ އެއްޗެއް ކިޔަނީކަމަށް ނުބުނެވޭނެތޯއެވެ.

ބަނގުރަލާއި އަންހެނުންގެ މަސްތުގައި ދިވެހި މުސްލިމް އާއިލާތަށް ގަޑުބަޑުކުރުން

ގޭގެއަށް ބޭރުގެ ފަތުރުވެރިން ގެންދިއުމުގެ ފަހަތުގައިވާ އެންމެ ބޮޑު އެއް މަގްސަދަކީ ދިވެހި ރާއްޖޭގެ އިސްލާމް އާއިލާތަކުގެތެރޭގައި ލަދުހަޔާތްކަނޑުވައިލުންކަމަށް ބުނެވިދާނެއެވެ. ބަރަހަނާހެދުމުގައި ގޭތެރެގައި ފާހިޝްއަމަލުތަކަށް ދައުވަތުދޭ އަދި ދޭ ދައުވަތަށް އެއްވެސް އިދިކޮޅުހެދުމެއްނެތި ހުޅުވާލެވިފައިވާ ހިތަކާއެކު އުޅޭ ރީތި ދޮން އަންހެނަކު ހުރެގެން އުފެދިގެންދާނެ ފިތުނަ އެއީ ސުވާލެއްވެސް އޮތްކަމެއް ނޫނެވެ. އެމްޑީޕީގެ މިއެޖެންޑާގެ ވާހަކަ މާފުށީގައި ސާފު ބަހުން ވިދާޅުވެދެއްވީއެވެ. ދުނިޔޭގައި އެންމެ ގިނަ ފައިސާ ލިބޭތަކެތީގެ ތެރޭގައި ބަނގުރަލުގެ ވާހަކަ ފާހަގަކުރައްވައިގެންނެވ. އެއީ ގަސްދުގައި ދައްކަވާ ވާހަކަތަކެއްނޫނެވެ. އެކަމަކު ހިތުތެރޭގައި ސިއްރުކޮށްފައިހުންނަ ކަންކަން ނުކުންނަމުންދަނީއެވެ. މާފުށީގެ ވާހަކައާމެދު ފުންކޮށް ވިސްނާލުމުން އެޖެންޑާ 19 ގެ އަސްލު މަގުސަދު އެގިހާމަވެއެވެ. އެއީ 2009 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާވިއްކަން ނިންމި ނިންމުން ދީނީ އިލްމުވެރިންގެ އިދިކޮޅު ހެދުމާހެދި ކުރިއަށް ނުގެންދެވިގެން ހުއްޓާލާފައިވާ ހުއްޓާލުން އެހެންނަމައްގައި އަލުން ފަށައިގަތުމެވެ. އިލްމުވެރިޔަކު އޭނާގެ ޓްވީޓާގައި ލިޔެފައިވެއެވެ. " "ހިޑެން އެޖެންޑާ" ގައި އޮތީ، ރަލުގެ ވިޔަފާރިއަށް މީހުން އުޅޭ ރަށްރަށުގައި ހުއްދަ ދިނުން... އެ އެޖެންޑާއަށް ތާޢީދު ހޯދަން މިއުޅުއްވަނީ ރައީސް އިބޫ... އިބޫއަށް ތާޢީދު މިދަމަހައްޓަނީ ޢަދާލަތުން... އަދިވެސް ތެދުވެރިވާން ނުވަނީތޯއެވެ؟" ޝައިޚް އިލްޔާސްވެސް އެއްޗެއް ވިދާޅުވެފައިވެއެވެ. ފުރަތަމަ ގެންނަވާފައިވަނީ ކީރިތި ގުރުއާންގެ އާޔަތެކެވެ. އެއާޔަތުގެ މާނާގައިވަނީ " ރާއާއި ޖުވާކުޅުމާމެދު އެއުރެން ކަލޭގެފާނާއި ސުވާލުކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އެދެކަމުގައި ބޮޑުވެގެންވާ ފާފަވެރިވުމަކާއި މީސްތަކުންނަށް ހިސާބަކަށް ނަފާލިބެނިވި ގޮތްތަކެއްވެސް ވެއެވެ. އެދެކަމުގެ މަންފާއަށްވުރެ އެދެކަމުގެ ފާފަވެރިކަން މާބޮޑެވެ." ކުރީގެ ނާއިބް ރައީސް ޑޮކްޓަރ މުހައްމަދު ޖަމީލު އަހުމަދު ޓްވީޓާގައި ވިދާޅުވެފައިވެއެވެ. " ދިވެހި އެއްވެސް ސިޔާސީ ލީޑަރަކުވިޔަސް އިސްލާމްދީނުގެ އަސްލަކާ ޚިލާފް ވާހަކައެއް ދައްކައިގެން ނުވާނެއެވެ. އެއީ އަޅުގަނޑުމެންގެ ކާބަފައިންގެ ވަސިއްޔަތެކެވެ. ދިވެހި ޒުވާނުންގެ އެދުމެވެ"

ކޮންމެއަކަސް މިފަހަރު މިފެންނަނީ ކުރިއަށްވުރެ މާވަރުގަދަ އިންޖީނެއް އަޅުވާފައިވާ ތަނެވެ. ހަށިވިއްކައި ހަދާނެ އަންހުންނާ، ޖިންސީ ފާހިޝްއަމަލުތަކަށް ހިއްވަރުދޭ ބަރަހަނާ އަންހެނުން ދިވެހި މުސްލިމް އާއިލާތެރެއަށް ފުރަތަމަ ސްޓޭޖްހައި ތައާރަފްކުރުމަށްފަހު، މީހުން ފައިސާގެ ދަހިވެތިކަމަށް ހެއްލިދިއުމުން ގޭގޭގައި ކުއްޔަށް ތިބޭ ފަތުރުވެރިންނަށް ބޭނުންވާ ބަނގުރާވިއްކާނެ ނާދީއެއް ނުވަތަ ކްލަބެއް ނުވަތަ އެފަދަ ތަންތަން ހުޅުވުމުގެ ހުއްދަދޫކުރަންފެށުމެވެ. އެހެންނޫންނަމަ ގެސްޓްހައުސް ވިޔަފާރިއާއި ގުޅުވައިގެން ބަނގުރަލުގެ ފައިދާގެ ވާހަކަ ދެއްކުމުގެ މާނައެއް ނެތެވެ. އަދި މި ވާހަކަތަކަށްފަހު މިފަދައިން ތަސައްވުރު ނުއުފެދެންވީ ސަބަބެއް އެބައޮތްތޯއެވެ. އެޖެންޑާ 19ގައި އާދައިގެ މީހާއަށް ސިއްރުކޮށްފައިވާ އެކަމަކު އެސިއްރު ބޭޒާރުވަމުންދާތީ އޭގެމައްޗަށް ބިނާކޮށް ބޮޑުމަންޒަރުގެ ވާހަކަދެއްކުމުން ރުޅިއައުމުގެ ބަދަލުގައި އަމިއްލަ ސިކުނޑިން ވިސްނައި ފިކުރުކުރާ ބަޔަކަށް ނުވާންވީ ކީއްވެގެންތޯއެވެ.

Advertisement

ކޮމެންޓް