މަޚުލޫފްގެ ކޮރަޕްޝަންގެ މައްސަލައެއް ނެތް: އޭސީސީ

14 Mar 2019 | 18:24

ޔޫތް މިނިސްޓަރ އަހުމަދު މަޚުލޫފްގެ މައްޗަށް ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ހުށައަޅައި، ބަލަމުން ނުދާކަމަށް އޭސީސީން ބުނެފިއެވެ.

އޭސީސީން މަޚުލޫފަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ މަހުލޫފަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް މިހާތަނަށް އެ ކޮމިޝަނުން ބަލާފައިނުވާ ކަމަށާއި އަދި އެފަދަ މައްސަލައެއް ބަލަމުން ނުދާކަމަށެވެ.

އޭސީސީން މިހެން ބުނިއިރު، މަޚުލޫފްގެ މަގާމުގެ މައްސަލަ ސާފުވަންދެން، އެބޭފުޅާ މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފައި ބެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިންމަވާފައެވެ.

ޔޫތް މިނިސްޓްރީ ވަގުތީގޮތުން މިހާރު ހިންގަވަމުން ގެންދަވަނީ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދެވެ.

މަޚުލޫފް މީގެ ކުރިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެސްއޯއެފްގެ ޚިޔާނާތުގެ ފައިސާ ދިޔަ އެކައުންޓްތަކުގެ ތެރޭގައި އޭނާގެ އެކައުންޓް އިންކަން ދާދިފަހުން އެނގުމުން އެ މައްސަލަ އޭސީސީއަށް ހުށައަޅުއްވާފައިވާކަމަށެވެ.

އެސްއޯއެފްެއާއި އެކު މުއާމަލާތްކުރެވުނީ މީގެ ފަސް އަހަރުކުރިން 2014ވަނަ އަހަރުގައިކަމަށް މަޚުލޫފް ވަނީ ފާހަގަކުރައްވާފައެވެ. އެއީ މަޚުލޫފްގެ އާއިލާއިން ދަޖީންސް ކިޔާ ފިހާރަ ހިންގިއިރުގައި، މަހުލޫފްގެ އެއްބަަފާ ކޮއްކޮ އަލީ މުބީން މެދުވެރިކޮށް ނަގުުދު ފައިސާ ދީފައި ޑޮލަރ ގަންނަން ކުރި މުއާމަލާތެއްކަމުގައިވަނީ އެބޭފުޅާ ވަނީ ފާހަަގަކުރައްވާފައެވެ.

އަދި އެ 33،000 ޑޮލަރު މަހުލޫފްގެ އަމިއްލަ ޑޮލަރ އެކައުންޓަށް ޖަމާކޮށްފައިވަނީ ދަޖީންސް ފިހާރައިގެ ޑޮލަރ އެކައުންޓެއް ނެތުމުންކަމަށް މަޚުލޫފް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އެސްއޯއެފްއާއި އެކު މަޚުލޫފް މި މުއާމަލާތްކުރައްވާފައިވަނީ އެސްއޯއެފްއަށް ބޭރުފައިސާ ގަނެވިއްކުމުގެ ހުއްދަ ލިބުމުގެ މާކުރިންކަން ފާހަގަކޮށްލެވެއެވެ.

ވޮއިސްއަށް މައުލޫމާތު ދެއްވަމުން އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑަށް ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ ލިބުނީ 2015ވަނަ އަހަރުގެ ޖެނުއަރީމަހުގެ 13 ވަނަ ދުވަހުގައި ކަމަށެވެ. ނަމަވެސް އެމްއެމްޕީއާރްސީގެ ތަހުގީގުގެ ކަންކަން ނިމުމާއި އެކު، އެމްއެމްއޭގެ ފަރާތުން އެ ހުއްދަ ބާތިލްކުރިކަމަށް މުއައްވިޒް ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް