އޭސީސީގެ ތަހުގީގަކީ ގަބޫލުކުރެވޭ ތަހުގީގެއް ނޫން: އަލްހާން

14 Mar 2019 | 20:47

އޭސީސީން އެމަނިކުފާނާއި ދެކޮޅަށް ފަށާފައިވާ ރިޝްވަތުގެ މައްސަލައިގެ ތަހުގީގަކީ ގަބޫލުކުރެވޭނެ ތަހުގީގެއް ނޫންކަމަށް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން މިހެން ވިދާޅުވީ މިއަދު ހަވީރު އޭސީސީގެ ތަހުގީގަށް ބަޔާން ދެއްވުމަށްފަހު މީޑިޔާތަކާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހެންވޭރު އުުތުރު ދާއިރާގެ ޖޭޕީގެ ކެނޑިޑޭޓް ވިދާޅުވީ އޭސީސީން ކުރިއަށް ގެންދާ ތަހުގީގަކީ ގަބޫލުކުރައްވާ ތަހުގީގެއް ނޫން ކަމަށް އޭސީސީ ގާތު ވިދާޅުވި ކަމަށާއި ރިޝްވަތުގެ ކުށް ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތާއި ބަލާއިރު މި މައްސަލައަށް އިންކާރުކުރައްވާ ކަމަށެވެ.

އަލްހާން ވިދާޅުވީ ކެމްޕެއިންގައި މުބާރާތްތައް ބޭއްވީ ހިންގި އިޖުތިމާއީ ހަރަކާތެއްގެ ތެރެއިން މުޅި މާލެއަށް ހުޅުވާލައިގެންކަމަަށެވެ.

"ކޮންމެހެން ކޮންސްޓިޓުއެންސީގެ ދާއިރާއަށް ހުޅުވާލައިގެންނެއް ނޫން. އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދެވޭ މުބާރާތެއްގެ ޗެމްޕިއަނުންނަށް ކަނޑައެޅިފައިވާ އިނާމަކީ ވަކި ފަރާތަކަށް ފައިދާއެއް ހޯދައިދިނުމަށް ނުވަތަ ވަކި ޖަމާއަތަކަށް ފައިދާއެއް ހޯދައިދިނުމުގެ ގޮތުން ނުވަތަ ވޯޓުލާ މީހުންނަށް އެކަނި ފުރުސަތު އޮންނަ ގޮތަށް ބޭއްވުނު ކަމަށް ނުވާއިރު މީގެ އިނާމަކީ އަޅުގަނޑު ވޯޓު ހޯދަން ކުރި މަސައްކަތެއް ކަމަށް ގާނޫނީ ހަމަތަކުން ބެލޭނެ އެއްވެސް އަސާސެއް ނެތް،"، އަލްހާން ވިދާޅުވިއެވެ.

އަލްހާން ފަހުމީ އޭސީސީއަށް ހާޒިރުކުރެވުނު މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާފައިވާ ހިނދުގައި، ގާނޫނާއި ޚިލާފަށް ބޮޑެތި މުބާރާތްތައް ބާއްވައި ބޮޑެތި ފައިސާގެ އިނާމުތައް ދީފައިވާކަމަށް ބުނާ މައްސަލައެއްގައެވެ.

Advertisement

ކޮމެންޓް