Advertisement

މަސީހު އަށް ދެން އޮތް ގޮތަކީ ރީތިގޮތުގައި މަގާމުން އިސްތިއުފާ ދިނުން: ރިޔާޒު

09 Oct 2018 | 10:31

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މަގާމުން ދުރުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

"މަސީހު ރީތިކޮށް އިސްތިއުފާ ނުދެއްވާކަމަށް ވަންޏާ އޭނަގެ ނޯކޮންފިޑެންސް ނަގައިގެން އޭނަ އެ މަގާމުން ބޭރުކުރާނަން. އެ މަސައްކަތް މިހާރުވެސް އެބަކުރިއަށްދޭ" ރިޔާޒު ވިދާޅުވިއެވެ.

މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ މެންބަރުންގެ ގޮނޑި ގެއްލިފައިވާ މައްސަލައިގެ ހުކުމް އިއްވުމާއެކު، ނޫްސްވެރިންނާ މުހާތަބު ރިޔާޒު ވިދާޅުވީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގެ މަސައްކަތް ކުރިއަށް އެބަދާ ކަމަށެވެ. 

އަދި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް ދެން އޮތް ގޮތަކީ ރީތިގޮތުގައި މަގާމުން އިސްތިއުފާ ދެއްވުން ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ މިއަދު އިއްވި ހުކުމުން އެނގިގެން ދިޔައީ "ސްޓޭޓް ސްޕޮންސާޑް ކްރައިމް" އެއްގެ ތެރެއިން މަޖިލީހުގެ ބާރު ކަނޑުވާލާފައިވާކަން ކަމަށާއި އެއީ ތަހުގީގު ކުރެވެންޖެހޭ މައްސަލައެއް ކަމަށެވެ. 

މީގެކުރިން ޕީޕީއެމް އިން 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނަމުންދިޔަ ނަމަވެސް ދެން އެބޭފުޅުން މަޖިލީހަށް ވަނުމަށް ހުރަސްއެޅުމަށް ސަރުކާރުން އެންގިޔަސް އެ އެންގުމަށް ސިފައިންނާއި ފުލުހުން ދެން ތަބާވެގެން ނުވާނެ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

"ސްޓޭޓް ސްޕޮންސާޑް ކްރައިމެެއްގެ ތެރެއިން މަޖިލިސް ހުއްޓާލާފައިވާކަން މީގެން ވަރަށް ސާފުކޮށް އެނގޭ. މިއީ މިކަންކަން ބެލިގެން އިންސާފުގެ މަގަށް ރާއްޖެ ގެނައުމުގައި ބަލަންޖެހޭނެ މައްސަލައެއް. މަޖިލީހުގެ ބާރުކަނޑުވާލި މައްސަލައަކީ ހަމައެކަނި މި ހުކުމުން ނިމެންޖެހޭނެ މައްސަލައެއް ނޫން. މިކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލެންޖެހޭނެ،" ރިޔާޒު ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުންވަނީ މީގެކުރިންވެސް ދެފަހަރެއްގެ މަތިން މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމަށް ހުށައަޅާފައެވެ. 

އެންމެ ފުރަތަމަ އިދިކޮޅު މެމްބަރުން ހުށަހެޅި މައްސަލަ ކާމިޔާބު ވީއިރު، އޭގެފަހުން ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލާގައި ގާނޫނީ މައްސަލަތަކެއް ހުރުމުން އެ މައްސަލަ ވަނީ ބޭރުކޮށްލާފައެވެ.


Advertisement

ކޮމެންޓް