އަލްއުސްތާޛާ ޢާއިޝަތު ރިޔާސާގެ ކެމްޕެއިނަށް ސަރުކާރުގެ އިސްވަފުދެއް މީމު އަތޮޅަށް

18 Mar 2019 | 07:41

ސަރުކާރުގެ ކެންޑިޑޭޓް އަލްއުސްތާޛާ ޢާއިޝަތު ރިޔާސާ ރައްޔިތުންގެ މަޖިލިހަށް ކުރިމަތިލައްވައި ކުރަށްވަމުންގެންދަވާ ކެންޕެއިންއާއި ގުޅިވަޑައިގަތުމަށް ސަރުކާރުގެ އިސްވަފުދެއް މީމު އަތޮޅަށް ވަޑައިގެންފިއެވެ. 

މި ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ މި ސަރުކާރުގެ އިސް ހަތަރު ލީޑަރުންގެ ތެރެއިން އެއް ލީޑަރ އަދި ހޯމް މިނިސްޓަރ އައްޝައިޚް ޢިމްރާން ޢަބްދުﷲއެވެ. ދެން ހިމެނި ވަޑައިގަންނަވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހޯމް އެފެއަރސް ޢަލީ ނަޒީރު، ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިިިނިސްޓަރ އަޙްމަދު މުޙްސިން، ޑެޕިއުޓީ މިނިސްޓަރ އޮފް ހެލްތު ޝިޔާމާ މުޙައްމަދު އަދި ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނަޝީދުއެވެ.

މި ވަފުދުން ފުރަތަމަ ޒިޔާރަތްކުރީ މ. ކޮޅުފުއްޓަށެވެ. ކޮޅުފުއްޓަށް ވަޑައިގެން ރިޔާސާގެ ކެންޕެއިންގައި ބައިވެރިވެ ވަޑައިގެންނެވުމުގެ އިތުރަށް ސަރުކާރުގެ ބައެއް މުއައްސަސާތަކާއި ބައްދަލުކުރައްވާ އެ ފަރާތްތަކުގެ ޚިޔާލު ހޯއްދަވާ ސަރުކާރުގެ ތެރެއިން ހައްލު ހޯއްދެވެންހުރި ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން އަލްއުސްތާޛާ ޢާއިޝަތު ރިޔާސާގެ ޖަގަހައެއް މ. ކޮޅުފުށީގައި ހުޅުއްވައި ދެެއްވިއެވެ. ޖަގަހަ ހުޅުއްވައި ދެއްވީ ރިޔާސާއާއި ހޯމް މިނިސްޓަރ އައްޝައިޚް ޢިމްރާން ޢަބްދުﷲ އެވެ. އެއަށްފަހު ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނަޝީދު އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ރައްޔިތުންނަށް މ. ކޮޅުފުށީ ހައުސިންގ ޔުނިޓްތަކުގެ މައުލޫމާތު ހިއްސާކުރެއްވިއެވެ.

އެއަށްފަހު ސަރުކާރުގެ ވަފުދު ވަޑައިގަތީ މ. ނާލާފުއްޓަށެވެ. ނާލާފުއްޓަށް ވަޑައިގެން ނާލާފުށީ ކައުންސިލާއި ބައްދަލުކުރެއްވިއެވެ. އަދި ނާލާފުށީ ހެލްތް ޕޯސްޓްގެ ހާލަތުބައްލަވާ ލެއްވިއެވެ. ނާލާފުއްޓަށް ފަހު ވަޑައިގަތީ މ. މުލަކަށެވެ. މުލަކުގައި މުލަކުގެ ގިނަ އަދަދެއްގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ސަރުކާރުގެ ވަފުދުގެ ދަތުރު ނިންމަވާލެއްވިއެވެ. 

Advertisement

ކޮމެންޓް