ރެއާލް މެޑްރިޑުން ޑިގެއާ ގެންދިޔުމުގެ މަސައްކަތް ފަށައިފި

18 Mar 2019 | 05:37

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ހުނަރުވެރި ގޯލް ކީޕަރު ޑޭވިޑް ޑިގެއާ ރެއާލް މެޑްރިޑަށް ގެންދިޔުމުގެ މަސައްކަތް އަނެއްކާވެސް އެ ކްލަބުން ފަށައިފި ކަމުގައި ޔޫރަޕުގެ މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.

ރެއާލްއިން ވަނީ 2015 ވަނަ އަހަރުވެސް ޑިގެއާ އެ ކްލަބަށް ގެންދަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ޑިގެއާވަނީ އެ އަހަރު ޔުނައިޓެޑްގައި މަޑުކޮށް އިތުރު ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައެވެ.

ޗެލްސީއަށް ކުޅެމުން ދިޔަ ކީޕަރު ކޯޓުއާ ރެއާލްއިން ގަތުމުން ގިނަ ބަޔަކު ހީކޮށްފައިވަނީ ޑިގެއާ ހޯދުމަށް އެ ކްލަބުން ކުރަމުން އައިސްފައިވާ މަސައްކަތަށް ނިމުމެއް އައީ ކަމުގައެވެ. ނަމަވެސް ޒިދާން އެނބުރި ރެއާލްގެ ކޯޗްކަމާ ހަވާލުވެ ޑިގެއާ ގަތުމުގެ މަސައްކަތްތައް އަލުން ފަށާފައިވާކަމަށް މީޑިއާތަކުގައިވެއެވެ.

ރެއާލްއައި އަލުން ހަވާލުވެގެން އެޓީމް ކުޅުނު ފުރަތަމަ މެޗުގައި ޒިދާންވަނީ ކޯޓުއާ ބެންޗުގައި ބޭންދުމަށްފަހު ކޭލާ ނާވާސްއަށް ފުރަތަމަ އެގާރައިން ޖާގަ ދީފައެވެ. ނާވާސްއަކީ ޒިދާންގެ އިރުޝާދުގެ ދަށުން ޖެހިޖެހިގެން ތިން ފަހަރު ޔުއޭފާ ޗެންޕިއަންސް ލީގް ރެއާލް ކާމިޔާބުކުރިއިރު އެޓީމުގެ އެއް ނަންބަރު ގޯލް ކީޕަރެވެ.

ކުރިއަށް އޮތް ސަމާ ޓްރާންސްފާ މާކެޓުގައި ރެއާލްގެ ސްކޮޑަށް ބަދަލުތަކެއް ގެންނަން ބޭނުންވެފައިވާ ޒިދާން، ބޮޑު އަގެއް ދީފަ ނަމަވެސް ޑިގެއާ އެ ކްލަބަށް ގެންދާނެ ކަމުގައި ބެލެވެއެވެ.

ޔުނައިޓެޑައި ޑިގެއާއައި ދެމެދު އައު އެއްބަސްވުމަކަށް އާދެވިފައިނުވަނީ މުސާރައިގެ މައްސަލައިގަ ކަމަށް އިނގިރޭސި މީޑިއާތަކުންދަނީ ބުނަމުންނެވެ. 

Advertisement

ކޮމެންޓް