އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވެއްޖެ

17 Mar 2019 | 19:56

މުދާ އިމްޕޯޓްކުރި މިންވަރު މިއަހަރު ދަށްވެ، މިދިޔަ މަހު ދައުލަތަށް ޑިއުޓީގެ ގޮތުގައި އާމްދަނީ ލިބުނު މިންވަރު ފަސް އިންސައްތަ ދައްވެއްޖެއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ފާއިތުވި ފެބްރުއަރީ މަހު ޑިއުޓީގެ ގޮތުގައި ލިބިފައިވަނީ 240 މިލިއަން ރުފިޔާއެެވެ. ނަމަވެސް ފާއިތުވި އަހަރުގެ ފެބްރުއަރީ މަހުގައި ވަނީ ޑިއުޓީގެ ގޮތުގައި 254 މިލިއަން ރުފިޔާ ލިބިފައެވެ.

ފާއިތުވި ފެބުރުއަރީ މަހު ރާއްޖެއަށް 3.5 ބިލިއން ރުފިޔާގެ މުދާ އިންޕޯޓްކޮށްފައިވާއިރު ފާއިތުވި އަހަރުގެ އެ މުއްދަތުގައި 3.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވެއެވެ.

އެއާއެކު މިދިޔަ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަދަދު ވަނީ 10 އިންސައްތަ ދަށްވެފައެވެ.

ފާއިތުވި ފެބްރުއަރީ މަހު ރާއްޖެއިން އެކްސްޕޯޓު ކުރި މުދަލުގެ އަގު މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު 16 ވަނީ ޕަސެންޓް އިތުރުވެފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެއިން 228 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު މި އަހަރުގެ ފެބްރުއަރީ މަހު އެ އަދަދު ވަނީ 264 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އިމްޕޯޓްކުރި މުދަލުގެ އަގުގެ ގޮތުން ބަލާއިރު 18 ޕަސެންޓް އިމްޕޯޓްކޮށްފައިވަނީ ޔޫއޭއީ އިން އެވެ. އަދި ސިންގަޕޯ އިން 17 ޕަސެންޓް އަދި ޗައިނާ އިން 15 ޕަސެންޓް މުދާ އިމްޕޯޓްކޮށްފައިވާކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

Advertisement

ކޮމެންޓް