ރީތި ގޯލް ތަކަކާއެކު މެސީ ހެދި ހެޓްރިކުން ބާސާ މޮޅުވެއްޖެ

18 Mar 2019 | 05:39

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސްގެ މައްޗަށް ފަސޭހަކަމާއެކު 4-1 ކުން ކުރި ހޯދާ ބާސެލޯނާ ތާވަލުގެ އެއްވަނައިގަ އޮތް ލީޑް 10 ޕޮއިންޓަށް ފުޅާ ކޮށްފިއެވެ.

މެސީގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އޭނާވަނީ ތިން ގޯލް ޖަހާ ހެޓްރިކް ހަދާފައެވެ. މެސީގެ އިތުރުން މި މެޗުގައި ދެން ބާސެލޯނާއަށް ގޯލް ޖަހާދީފައިވަނީ ސުއަރޭޒްއެވެ.

މެޗުގައި ފެނުނު ފުރަތަމަ ގޯލް ލިބުނު ހިލޭ ޖެހުމަކުން މެސީ ކާމިޔާބުކުރި އިރު ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ގަޑީގައި އެޓީމުގެ ދެވަނަ ގޯލްވެސް ޖަހާފައިވަނީ މެސީއެވެ.

ދެޓީމުގެ ފަރާތުންވެސް ގިނަ ހަމަލާތަކެއް އުފެއްދިތަން ފެނުނު މި މެޗުގައި ބާސެލޯނާއަށް ތިންވަނަ ގޯލް ޖަހައިދިނީ މި ދުވަސްކޮޅު ރަނގަޅު ފޯމެއްގައި ހުރި ފޯވަޑް ސުއަރޭޒްއެވެ.

82 ވަނަ މިނެޓުގައި ބެޓިސްގެ ހަމައެކަނި ގޯލް މޮރޯން ޖެހިއިރު މެސީވަނީ އެ ގޯލަށް ދެމިނެޓް ނުވަނީސް ކީޕަރު ބޯ މަތިން ވަރަށް ރީއްޗަށް ފޮނުވާލި ބޯޅައަކުން އޭނާގެ ތިންވަނަ ގޯލް ޖަހާ ހެޓްރިކް ހަދާފައެވެ. މެސީ ޖެހި ރީތި އަދި މޮޅު މި ގޯލަށް ބެޓިސްގެ ސަޕޯޓަރުން ތައުރީފް މަންޒަރު ފެނިގެން ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގަ ބާސެލޯނާ އޮތީ 66 ޕޮއިންޓާއެކީއެވެ. ބާސެލޯނާއައި އެންމެ ގާތުން ލީގަށް ވާދަކުރާ އެޓްލެޓިކޯ މެޑްރިޑަށް 56 ޕޮއިންޓް ލިބިފައިވާއިރު ރެއާލް މެޑްރިޑް ތިންވަނައިގަ އޮތީ 54 ޕޮއިންޓް ލިބިގެންނެވެ.

Advertisement

ކޮމެންޓް