ލިވަޕޫލް އެއްވަނައަށް، ޗެލްސީ ބަލިވެއްޖެ

18 Mar 2019 | 05:37

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް ކުޅުނު މެޗް ކާމިޔާބުކޮށް އަނެއްކާވެސް ތާވަލުގެ އެއްވަނައަށް އަރައިފިއެވެ.

ފުލަމްގެ މައްޗަށް 2-1 ކުން ލިވަޕޫލް ކުރި ހޯދި މެޗުގައި ފުރަތަމަ ގޯލް ޖަހާ ލީޑް ނަގާފައިވަނީވެސް ލިވަޕޫލްއެވެ. ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި މި ގޯލް އެޓީމަށް ޖަހައިދިނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ސަޑިއޯ މާނޭއެވެ.

ފުރަތަމަ ހާފުގެ ކުޅުން 1-0 ގައި އޮވެ ނިމުނު އިރު ފުލަމްވަނީ ދެވަނަ ހާފުގެ 76 ވަނަ މިނެޓުގައި ރަޔާން ބަބެލް ޖަހައިދިން ގޯލުން ނަތީޖާ ހަމަހަމަ ކޮށްފައެވެ. ނަމަވެސް މެޗް ނިމެން ދިހަ މިނެޓަށް ވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން މިލްނާވަނީ ލިވަޕޫލްއަށް އަނެއްކާވެސް ކުރި ހޯދަދީފައެވެ.

މި ނަތީޖާގައި އޮވެ ފުރިހަމަ ވަގުތު ހަމަވިއިރު ރެލިގޭޝަން ޒޯނުގައި އޮތް ފުލަމްއަށް މި މެޗުގައި މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ލިވަޕޫލްވަނީ މުޅި މެޗް ޑޮމިނޭޓްކޮށް މޮޅު ކުޅުމެއް ދައްކާފައެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ލިވަޕޫލް ތާވަލުގެ އެއްވަނައަށް އަރާފައިވަނީ ވަގުތީ ގޮތުންނެވެ. އެއީ ވާދަވެރި މެންޗެސްޓާ ސިޓީއަށް ވުރެ އެއް މެޗް އިތުރަށް ކުޅެގެން ލިބުނު 76 ޕޮއިންޓާއެކީއެވެ. މިވަގުތު ސިޓީ ދެވަނައިގަ އޮތީ 74 ޕޮއިންޓް ލިބިގެންނެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅެވުނު އަނެއް މެޗުގައި އެވަޓަންވަނީ 2-0 ކުން ޗެލްސީ ބަލިކޮށްފައެވެ.

ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް ނުރައްކާތެރި ހަމަލާތަކެއް ނޫފެއްދުނު ޗެލްސީ ކޮޅަށް އެވަޓަންއިން ކާމިޔާބުކުރި ދެ ގޯލް ޖަހާފައިވަނީ ރިޗާލިސަން އަދި ސިގަޑްސަންއެވެ. މި ދެ ގޯލްވެސް ފެނިފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ.

މި މެޗުން ބަލިވުމުން ޗެލްސީ ގަދަ ހަތަރަކަށް ކުރާ އުންމީދުތަކަށް ވަނީ އިތުރު ހުރަސްތަކެއް ކުރިމަތިވެފައެވެ. 57 ޕޮއިންޓާއެކު ޗެލްސީ ތާވަލުގެ ހަވަނައިގަ އޮތްއިރު މެންޗެސްޓާ ޔުނައިޓެޑް ފަސްވަނައިގަ އޮތީ 58 ޕޮއިންޓާއެކީއެވެ. ހަތަރުވަނައިގަ އާސެނަލް އޮތީ 60 ޕޮއިންޓް ހަމަކޮށްގެންނެވެ.

މެޗުން ބަލިވުމުން ޗެލްސީގެ ކޯޗް ސަރީ ބުނީ ފުރަތަމަ ހާފުގައި އޭނާ ޓީމުގެ ފަރާތުން ފެނުނީ ވަރަށް މޮޅު ކުޅުމެއް ކަމަށެވެ. ރަނގަޅު ކުޅުމެއް ކުޅެމުން ގޮސް ކުއްލިއަކަށް މުޅި ޓީމް ހުއްޓުނީ ކަމަށައި ވީ ގޮތް ކިޔައިދޭން އުނދަގޫ ކަމަށްވެސް އޭނާ ބުނެފައިވެއެވެ. 

Advertisement

ކޮމެންޓް