Advertisement

ބަޑި ހިފައިގެން ހުރި މީހަކު ނެދަލޭންޑްސްގައި ރޭލަކަށް ހަމަލާދީފި

18 Mar 2019 | 19:05

ނެދަލޭންޑްސްގެ އޫޓްރެކްޓް ސިޓީގައި ގިނަ އަަދަދެއްގެ ބަޔަކު ދަތުރުކުރަމުން ދިޔަ ޓްރޭމަކަށް ހަމަލާދީ އެކަކު މަރާލައި ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްކޮށްލައިފިއެވެ.

ނެދަލޭންޑްސްގެ ޓީވީ ޗެނަލެއް ކަމަށްވާ "އާރްޓީވީ އޫޓްރެކް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހަމަލާދީފައި ވަނީ މިއަދުގެ ހެނދުނު ޓްރެފިކް އެންމެ ބާރު ބޮޑު ގަޑީގައި ކަމަށެވެ.

ހަމަލާދިން މަންޒަރު ފެނުނު މީހަކާއި ހަވާލާދީ "އާރްޓީވީ އޫޓްރެކް" އިން ބުނެފައިވާ ގޮތުގައި ބަޑި ހިފައިގެން ހުރި މީހާ ހަމަލާދީފައި ވަނީ ޓްރޭމްގެ ތެރޭގައި ކަމަށެވެ.

ޓްރޭމަށް އަމާޒުކޮށް ހަމަލާދިން މީހާ ފިލައިގެން ގޮސްފައިވާއިރު ނެދަލޭންޑްސްގެ ފުލުހުން ދަނީ އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް މިހާތަނަށް އޭނާ ހައްޔަރުކުރި ކަމެއް އަދި ސާފެއް ނުވެއެވެ. 

ނެދަލޭންޑްސްގެ އެންޓި ޓެރަރިޒަމް ކޯޑިނޭޓަރު ޕީޓާ ޔާޕް އާލްސްބާސްބާގް ބުނެފައިވާ ގޮތުގައި ހަމަލާދިން މީހާ ހޯދުމަށް ހުރިހާ ވަސީލަތެއް ބޭނުންކުރަމުންދާ ކަމަށެވެ. އަދި ބަޑިން ދިން ހަމަލާގައި އެކަކަށް ވުރެ ގިނަ މީހުން ބައިވެރިވުން އޮވެދާނެ ކަމަށް ބެލެވޭ ވެސް އޭނާ ވަނީ ބުނެފައެވެ.

އޫޓްރެކްޓް ސިޓީގެ ފުލުހުން ވަނީ ހަމަލާދިން ކަމަށް ޝައްކު ކުރެވޭ މީހާގެ ފޮޓޯ އާއްމުކޮށްފައެވެ. ފުލުހުން އާއްމުކޮށްފައިވަނީ ތުރުކީ ދަރިކޮޅަށް ނިސްބަތްވާ 37 އަހަރުގެ ގޫކްމަން ތާނިސް ކިޔާ މީހެއްގެ ފޮޓޯއެވެ. 


ޓްރޭމް ސިސްޓަމަކީ މަގުމަތީގައި އަޅާފައި އޮންނަ ރޭލު ދަގަނޑުތަކެއްގެ މަތީ ކަރަންޓު ބޭނުންކޮށްގެން ދުއްވާ ރޭލަކަށް ކިޔާ ނަމެކެވެ.

Advertisement

ކޮމެންޓް