''ފާގަސަންގެ ރަން ޒަމާނުގަ އުޅުން ހުއްޓާލަންވެއްޖެ''

19 Mar 2019 | 16:46

މެންޗެސްޓާ ޔުނައިޓެޑުގަ ވާ ހުރިހާކަމެއް ކުރީގެ ކޯޗް ސަރ އެލެކްސް ފާގަސަންގެ ޒަމާނުގައި ކަންތައްވީގޮތައި އަޅާ ކިޔުން ހުއްޓާލަންވެއްޖެ ކަމަށް އެ ކްލަބަށް ކުރިން ކުޅެފައިވާ ސްވިޑިންގެ ތަރި ޒްލަޓާން އިބްރަހީމޮވިޗް ބުނެފިއެވެ.

ޔުނައިޓެޑުގައި ދެ ސީޒަން ހޭދަ ކުރި އިބްރަހީމޮވިޗް ބުނެފައިވަނީ ފާގަސަންގެ ކޯޗެއްގެ ގޮތުގައި ހުރެ ކްލަބް ހޭދަކުރި ރަން ޒަމާނުގައި ކަންތައްވީގޮތައި މިހާރު ކަންތައްތައް ވަމުންދާގޮތައި މެދު ކްލަބުގެ ސަޕޯޓަރުން އަދި ކުރީގެ ކުޅުންތެރިން އަޅާ ކިޔުން ހުއްޓާލަންވެއްޖެ ކަމުގައެވެ.

ކްލަބުގެ ވަގުތީ ކޯޗުގެ މަގާމު ފުރަމުންދާ ޝޯލްޝާ އޭރުގެ ހަނދާންތައް ފޮހެލާ އަމިއްލަ ލެގަސީއެއް އުފެއްދޭތޯ މަސައްކަތް ކުރަންވެއްޖެ ކަމަށްވެސް އިބްރަހީމޮވިޗް ބުނެފައިވެއެވެ.

އިނގިރޭސި މީޑިއާއައި ވާހަކަ ދައްކަމުން އޭނާ އިތުރަށް ބުނިގޮތުގައި ފާގަސަން މިހާރު ނެތް ކަމަށައި މިވަގުތަކީ ޔުނައިޓެޑުން ތާރީހުގައި އައު ސޮފުހާތަކެއް ލިޔަން ފަށަންވީ ވަގުތުކަމަށެވެ.

ޔުނައިޓެޑުގެ ކުރީގެ ކޯޗް މޮރީނިއޯއައި ގާތް ގުޅުމެއް އޮންނަ އިބްރަހީމޮވިޗްވަނީ 'ކްލާސް އޮފް 92'ގެ ކުޅުންތެރިންނަށްވެސް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެގޮތުން އޭނާ ބުނީ ގެރީ ނެވިލް އަދި ޕޯލް ސްކޯލްސް ފަދަ ކުޅުންތެރިންނަކީ ކްލަބުގެ ލެޖެންޑުން ކަމަށައި ނަމަވެސް ކްލަބް ކުރިއަށް ދިޔުމަށް އެ ކުޅުންތެރިން ހުރަސް އަޅަމުންދާ ކަމަށެވެ.

ކުރީގެ ކުޅުންތެރިންގެ ކަމަކީ ޓީވީ ޝޯ ތަކުގައި ކްލަބުގެ ކަންކަމާމެދު އަބަދު ޝަކުވާ ކުރުން ކަމަށް އިބްރަހީމޮވިޗް ބުންޏެވެ.

ޔުނައިޓެޑުގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރި އިބްރަހީމޮވިޗް ވަނީ އެ ކްލަބާއެކު އިނގިރޭސި ލީގް ކަޕް އަދި ޔުއޭފާ ޔޫރޯޕާ ލީގް ކާމިޔާބު ކޮށްފައެވެ. 

Advertisement

ކޮމެންޓް