އަލީއާ ބަޓް އޭނާގެ ޑްރައިވަރު އަދި މަސައްކަތު މީހާއަށް 50 ލައްކަ ރުޕީސް ހަދިޔާކޮށްފި

20 Mar 2019 | 06:19

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި އާލިއާ ބަޓް އޭނާގެ ޑްރައިވަރު އަދި މަސައްކަތު މީހާއަށް 50 ލައްކަ ރުޕީސް ހަދިޔާކޮށްފި ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.

އާލިއާ އޭނާގެ ކާރު ދުއްވާ ޑްރައިވަރު އަދި މަސައްކަތު މީހާއަށް 50 ލައްކަ ރުޕީސް ހަދިޔާގެ ގޮތުގައި ދީފައިވަނީ އެމީހުން މުމްބާއީއިން ގެއެއް ގަތުމަށް ކަމަށް ހަބަރުތަކުގައިވެއެވެ. މީގެ މަދު ދުވަސް ކޮޅެއް ކުރިން 26 އަހަރު ފުރުނު އާލިއާ، އޭނާގެ އުފަން ދުވަސް ފާހަގަކުރުމުގެ ކުރިން އެ ދެމީހުނަށް މި އަގުބޮޑު ހަދިޔާ ދީފައިވާކަމަށްވެސް ހަބަރުތަކުގައިވެއެވެ.

ރަންބީރް ކަޕޫރްއައި ލޯބީގެ ގޮތުން ގުޅިގެން އުޅޭ އާލިއާ މި ދުވަސްކޮޅު އުޅެނީ އޭނާގެ ފަހުގެ ފިލްމް ''ކަލަންކް'' ގެ ޕްރޮމޯޝަންސް މަސައްކަތް ތަކުގައެވެ. އާލިއާގެ އިތުރުން މި ފިލްމުން ވަރުން ދާވަން، މާދުރީ، ސަންޖޭ ދަތް، ޝޮނާޝްކީ، އަދި އަދިތިޔަ ރޯއީ ކަޕޫރް މުހިންމު ރޯލްތަކުން ފެނިގެން ދާނެއެވެ.

ކާމިޔާބު ފިލްމްތަކަކުން ފެނިގެން ގޮސްފައިވާ އާލިއާ އެންމެ ފަހުން ކުޅުނު ފިލްމް ''ގަލީ ބޯއީ'' ވެސް ވެގެންގޮސްފައިވަނީ ހިޓަކަށެވެ. ރަންވީރް ސިންހްއާއެކީ އޭނާ ފެނިގެންދިޔަ މި ފިލްމްވަނީ ބޮކްސް އޮފީހުގައި 100 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދާފައެވެ. 

Advertisement

ކޮމެންޓް