ރެއާލް މެޑްރިޑަކީ ޑްރީމް ކްލަބް: ޕޮގްބާ

21 Mar 2019 | 06:29

ސްޕެއިންގެ ރެއާލް މެޑްރިޑަކީ ހުރިހާ ފުޓްބޯޅަ ކުޅުންތެރިންގެ ޑްރީމް ކްލަބް ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ސްޓާ މިޑްފީލްޑަރ ޕޯލް ޕޮގްބާ ބުނެފިއެވެ.

ރެއާލް އަކީ ދުނިޔޭގަ އޮތް އެންމެ ބޮޑު އެއް ކްލަބް ކަމަށައި ރެއާލްއަށް ކުޅުމަކީ ކޮންމެ ކުޅުންތެރިއެއްގެވެސް ހުވަފެނެެއް ކަމުގައި އަބަދުވެސް ބުނަމުން އަންނަ ކަމުގައި ޕޮގްބާ ބުންޏެވެ.

ޔޫރޯ 2020ގެ ކޮލިފައިންގައި މޮލްޑޯވާއައި ދެކޮޅަށް ކުޅުމަށް ހަމަޖެހިފަައިވާ މެޗުގެ ކުރިން މީޑިއާތަކައި ވާހަކަ ދައްކަމުން ޕޮގްބާ އިތުރަށް ބުނީ މިވަގުތު އޭނާ ޔުނައިޓެޑުގައި ހުރީ އުފަލުން ކަމަށައި ފުރަތަމަ އެގާރައިގަ ހިމެނިގެން ކުޅެން ފުރުސަތު ލިބެމުންދާ ކަމަށެވެ.

މި ވާހަކަތަކައި ގުޅިގެން ގިނަ އަދަދެއްގެ ޔުނައިޓެޑް ސަޕޯޓަރުން ދަނީ ޝޯޝަލް މީޑިއާގައި ޕޮގްބާއައި މެދު ނުރުހުން ފާޅު ކުރަމުންނެވެ. ޕޮގްބާއަކީ އެއްވެސް އިރެއްގައި ޔުނައިޓެޑް ދެކެ ލޯބިވާ ކުޅުންތެރިއެއް ނޫން ކަމަށައި ޕޮގްބާއަކީ އަބަދުވެސް އޭނާގެ އަމިއްލަ އެޖެންޑާއެއް ގެންގުޅޭ ކުޅުންތެރިއެއް ކަމަށް އެ ކްލަބުގެ ބައެއް ސަޕޯޓަރުން ދަނީ ބުނަމުންނެވެ.

ޕޮގްބާ ވަނީ މިވަގުތު ޔުނައިޓެޑައި ވަގުތީ ގޮތުން ހަވާލުވެހުރި ޝޯލްޝާއައި ބެހޭ ގޮތުންވެސް ވާހަދަ ދައްކާފައެވެ. އެގޮތުން އޭނާ ބުނީ، ޝޯލްޝާއަށް ޔުނައިޓެޑުގެ ދާއިމީ ކޯޗު ކަމުގެ މަގާމު ލިބެން ކްލަބުގެ ހުރިހާ ކުޅުންތެރިން ބޭނުންވާ ކަމުގައެވެ.

ޝޯލްޝާ ކްލަބައި ހަވާލުވިފަހުން މެޗުތަކުން ރަނގަޅު ނަތީޖާތަކެއް ނެރެވިފައިވާކަން ފާހަގަކުރަމުން ޕޮގްބާ ބުނީ ޝޯލްޝާއައި ކުޅުންތެރިންނައި ދެމެދު އޮންނަނީ ވަރަށް ބަދަހި ގުޅުމެއް ކަމަށެވެ. ޝޯލްޝާއަށް ދާއިމީ ކޯޗުކަން ދިނުން ހައްގު ކަމަށައި އޭނާއަށް ޔުނައިޓެޑުގެ ކަންތައްތައް ވަރަށް ރަނގަޅަށް އެނގޭ ކަމަށްވެސް ޕޮގްބާ ބުނެފައިވެއެވެ.

Advertisement

ކޮމެންޓް

Advertisement