ރެއާލްގެ ސަޕޯޓަރުން އެންމެ ބޭނުން ކުޅުންތެރިޔަކީ އެމްބާޕޭ

21 Mar 2019 | 06:29

ރެއާލް މެޑްރިޑްގެ ސަޕޯޓަރުން އެ ޓީމަށް ގެންދަން އެންމެ ބޭނުންވާ ކުޅުންތެރިޔަކީ ފްރާންސްގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ ކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ ސްޕެއިންގެ އެންމެ މަޤްބޫލު ކުޅިވަރު ނޫސް "މަރްކާ" އިން ނެގި ޚިޔާލު ހޯދުމުގެ ވޯޓަކުންނެވެ.

ވޯލްޑް ކަޕުގައި ފްރާންސަށް މޮޅު ކުޅުމެއް ދައްކައި މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއާގެ މަގާމް ހޯދި އެމްބާޕޭގެ އިތުރުން މި ވޯޓުގައި ހިމަނާފައިވާ ނަންތަކުގެ ތެރޭގައި އިނގިރޭސި ފޯވާޑް ހެރީ ކޭން އަދި ބްރެޒިލްގެ ފޯވާޑް ނޭމާ ހިމެނެއެވެ.

އެހެން ނަމަވެސް މިއިން އެއްވެސް ކުޅުންތެރިޔަކަށް އެމްބާޕޭ އަށް ލިބުނު ވޯޓާއި ގާތްކުރާ އަދަދަކަށްވެސް ވޯޓް ލިބިފައެއް ނުވެއެވެ.

2 ލައްކައެއްހާ މީހުން ބައިވެރިވި މި ޚިޔާލު ހޯދުމުގެ ވޯޓުގައި 79 އިން ސައްތަ މީހުން ވަނީ ރެއާލްއަށް އެމްބާޕޭ ގެންނަން ބޭނުން ކަމަށް ބުނެފައެވެ. 

Advertisement

ކޮމެންޓް