Advertisement

މިހާރު މިސަރުކާރުން އެހިންގަނީ އިޤުތިޞާދީ ޖަރީމާއެއް: އާޒިމް

09 Oct 2018 | 20:28

ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއާއެކު ރައީސް ޔާމީންގެ ސަރުކާރު ނިމުމަކަށް އައިސް ފައިވަނިކޮށް ސަރުކާރުން މިހާރު ހިންގަމުން އެގެންދަނީ އިޤުތިޞާދީ ބޮޑެތި ޖަރީމާތައް ކަމަށާއި އެކަންކަން ހުއްޓުވުމަށް ދައުލަތުގެ ކަމާއި ބެހޭ މުއައްސަސާތަކަށް ޖޭޕީގެ ލީޑަރުގެ މުޝީރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ.

"އިޤުތިޞާދީ ބޮޑު ޖަރީމާއެއް މިހިންގަނީ ސަރުކާރުގެ ތެރެއިން. މި އިޤުތިޞާދީ ޖަރީމާ މިހިންގާ ގޮތަކީ ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރުގެ މިނިސްޓްރީތަކުގައި ވަޒީފާ އިތުރުކޮށް އުފައްދައި، އެތަންތަނުގެ ޚަރަދު ބަރަދު ވަަރަށް ބޮޑުތައް ބޮޑު ކުރުމާއި، އެއްވެސް ބެލުމެއް ނެތި މުދާ ގަތުމާއި، މިހެންގޮސް މިއަންނަ ސަރުކާރަށް އިޤުތިޞާދީ ގޮތުން ދުއްތުރާކުރުމަށްޓަކައި ބޮޑުސިންގާ ޖަރީމާއެއް މިހިންގަނީ." އާޒިމް ވިދާޅުވިއެވެ.

ވީޓީވީގެ ލައިވް ކަވަރޭޖުގެ ތެރޭގައި ވާހަކަފުޅު ދައްކަވަމުން އާދަމް އާޒިމް ވިދާޅުވީ މިސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތަކީ ރާއްޖޭގެ އިޤުތިޞާދު ހަލާކުކޮށްލައި އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރަށް ދުއްތުރާތައް ޖެއްސުން ކަމަށެވެ.

އާޒިމް ވިދާޅުވީ، ވިއްސަކަށް މީހުން އެއްކޮށްގެން ޕީޕީއެމް އޮފީސް ދޮރުމަތީގައި މުޒާހަރާކުރަމުން ދަނީވެސް މިހާރު އެހިންގާ ކަންކަމަށް މީހުންގެ ސަމާލުކަން ހުއްޓުނަ ނުދިނުމަށް ކަމަށެވެ.

އާޒިމް އިތުރަށް ވިދާޅުވީ، ވެރިކަން ބަދަލުވުމުގެ މިމަރުހަލާގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކާއި މުއްސަސާތަކުން ހިންގާ އިޤުތިޞާދީ ޖަރީމާތައް ބަލައި އެފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

އަދި ރައީސް ޔާމީނު ވެރިކަމުން ފައިބައި ވަޑައިގަންނަވާއިރު ޤައުމުގެ އިޤުތިޞާދު ފުނޑުފުނޑުކޮށްލުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށާއި މާޒީގައިވެސް އެމަނިކުފާނު އަމަލު ކުރެއްވި އެގޮތަށް ކަމަށެވެ.

ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންނެވިފަހުން އޭރު އިދިކޮޅު ފަރާތްތަކަށް މަޖިލީހުގެ މެޖޯރިޓީ 2009 ވަނަ އަހަރު ލިބިގެން ދިޔުމާއި އެކު، ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ރައީސް ޔާމީނު އިސްވެ ހުންނަވައި ޤާނޫނުތަކަށް ބަދަލުގެނެސްގެން ރައީސް ނަޝީދުގެ ސަރުކާރުވެސް އިޤުތިޞާދީ އަނދަވަޅަކަށް ވައްޓާލި ކަމަށެވެ.

"ޔާމީނު މިއަދު ކުރަމުންދާ މަސައްކަތަކީ، ދައުލަތުގެ ޚަރަދުތައް ބޮޑު ކުރުމަށްޓަކައި ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރުގެ އޮފީސްތަކާއި ހުރިހާތަންތަން ބޭނުންކޮށްގެން ޚަރަދު ބޮޑު ކުރެވެން އޮތިއްޔާ ހުރިހާކަމެއް އެބަކުރޭ. އަދި އެއާއި އެކުގައި ދިވެހިރާއްޖޭގެ ބިންތައް ނުއަގުގައި ވިއްކުމަށް ކުރާ މަސައްކަތްވެސްކުރަމުން އެދަނީ ހޭކަނޑާލާފައި." އާޒިމް ވިދާޅުވިއެވެ.

އިންތިޚާބު ނިމި ރައީސް ޔާމީނަށް ވެރިކަން ގެއްލުމާއި އެކު ސަރުކާރުގެ ބައެއް ކުންފުނިތަކުން ގިނައަދަދެއްގެ ބަޔަކަށް ކުއްލިއަކަށް ވަޒީފާ ދިނުމާއި ވިޔަފާރި އެގްރިމެންޓްތަކުގައި ސޮއެ ކުރުމާއި، ފްލެޓާއި ގޯތި ދިނުމަށް ކުރާ މަސައްކަތްތަކަކީ އިޤުތިޞާދީ ގޮތުން ޖެއްސުން ކުރުމަށް ކުރާކަންކަމަށް ވާތީ އެކަަމުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށްވެސް ފިޔަވަޅު އަޅާނެ ކަމުގައި އިއްތިހާދުން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް