Advertisement

އިންތިހާބަށް ހުރަސް އަޅަން ހަމަނުޖެހުން ހިންގަން އެބަ ރާވާ: ފުލުހުން

10 Sep 2018 | 19:34

މިއަހަރުގެ ރިޔާސީ އިންތިހާބަށް ހުރަސްއެޅުމުގެ ގޮތުން، މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގުމަށް ބަޔަކު ރާވަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ދެއްވި ސްޓޭޓްމަންޓެއްގައި ވިދާޅުވީ، އިންތިހާބަށް ހުރަސްއެޅުމުގެ ގޮތުން، މާލެ އާއި އަތޮޅުތަކުގައި ނުރައްކާތެރި ކަންތައްތަކެއް ހިންގުމަށް ރާވަމުން އަންނަކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށާއި ތަހުގީގުތަކަށް ލިބިފައިވާ ކަމަށެވެ.

ޝިފާން ވިދާޅުވީ، ގާނޫނީ ގޮތުން ފުލުހުންނަކީ މި ގައުމުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރަން ތިބި ފަރާތްތައްކަމަށާއި، އެހެން ކަމުން އެފަދަ އަމަލުތައް ރާވާ ފަރާތްތަކަށް އެފަދަ ކަންކަން ނުކުރުމަށް ނަސޭހަތްތެރިވާ ކަމަށެވެ. އަދި އެފަދަ ކަންތައްތައް ރާވައި ފަރާތްތައް ހޯދައި އެފަދަ ކަންކަމަށް ވާގިވެރިވާ ފަރާތްތަކާ މެދު ވެސް، ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނެކަމަށް ޝިފާން ވަނީ ވިދާޅުވެފަ އެވެ.

2012 ވަނަ އަހަރުގެ ފެބުރުއަރީ އަށްވަނަ ދުވަހު ދައުލަތާއި ފުލުހުންނާއި އަދި އާއްމު ބައެއް ފަރާތްތަކުގެ އަގުބޮޑު މުދާ ރޯކޮށް އެފަރާތްތަކުގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާކަން ފާހަގަކުރައްވާ ޝިފާން ވިދާޅުވީ، މިފަދަ ޢަމަލުތަކެއް ތަކުރާރުކޮށް ރިޔާސީ އިންތިހާބަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ނޫންކަން، ބޭރުގެ ބައެއް ފަރާތްތަކަށް ދެއްކުމަށްޓަކައި މިފަދަ އަމަލުތައް ތަކުރާރު ކުރުމަށް ބައެއް ފަރާތްތަކުން ރާވަމުންދާކަމަށެވެ. އެހެންނަމަވެސް މިފަދަ އެއްވެސް ކަމަކަށް ފުރުސަތެއް ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

ކޮމެންޓް