ގައުމީ ޓީމާއެކު ރޮނާލްޑޯ އަދި މެސީގެ އެނބުރި އައުން ކާމިޔާބެއްނުވި

23 Mar 2019 | 07:30

ގައުމީ ޓީމައި ދުވަސްތަކަކަށް ދުރުގަ ހުރުމަށް ފަހު އެނބުރި އައިސް ކުޅުނު މެޗުތަކުން ރޯނާލްޑޯ އަދި މެސީވެސް ކާމިޔާބަކައި ނުލާ ނިންމާލަން ޖެހިއްޖެއެވެ.

ޔޫރޯ ކޮލިފައިންގައި ޕޯޗުގަލްއާއެކު ރޮނާލްޑޯ ޔޫކްރެއިންއައި ދެކޮޅަށް ކުޅުނު މެޗް ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި 0-0 ކުން އެއްވަރު ވެގެންނެވެ. މި މެޗަކީ މިދިޔަ އަހަރު ބޭއްވުނު ވޯލްޑް ކަޕުގެ ނޮކް އައުޓް ސްޓޭޖުގައި ޕޯޗުގަލް މުބާރާތުން ވަކިވިފަހުން ރޮނާލްޑޯ ޕޯޗުގަލްއަށް ކުޅުނު ފުރަތަމަ މެޗެވެ.

އެންމެ ފަހުން ބޭއްވުނު ޔޫރޯ މުބާރާތުގެ ޗެންޕިއަން ޓީމް، ޕޯޗުގަލްގެ ފަރާތުން މި މެޗުގައިވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ޕޯޗުގަލް ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އިދިކޮޅު ގޯލަށް ފޮނުވާލިތަން ފެނުނު މި މެޗުގައި ޔޫކްރެއިންގެ ކީޕަރުވަނީ މޮޅު ސޭވްތަކެއް ކޮށްފައެވެ. އެގޮތުން ރޮނާލްޑޯ އަދި އަންދްރޭ ސިލްވާ ފޮނުވާލި ނުރައްކާތެރި ހަމަލާތައް ޔޫކްރެއިންގެ ކީޕަރު އަންދްރީ ޕިޔަޓޯވްވަނީ ހުށިޔާރުކަމާއެކީ މަތަކޮށްފައެވެ.

ކުރިއަށް އޮތް ޔޫރޯ ކޮލިފައިންގެ މެޗުގައި ޕޯޗުގަލް ކުޅުމަށް ހަމަޖެހިފައިވަނީ ލަގްޒެމްބާގްއައި ދެކޮޅަށެވެ.

ނިމިދިޔަ ވޯލްޑް ކަޕް މުބާރާތުން އާޖެންޓީނާ ވަކިވި ހިސާބުން ގައުމީ ޓީމުން އެއްގޮތަކަށް ފެނިފައިނުވާ މެސީ އެނބުރި އައިސް ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗުން ވީ ބައްޔެވެ.

ރަހުމަތްތެރިކަމުގެ މެޗެއްގައި ވެނެޒުއެލާއައި ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗް ނިމުނީ 3-1 ކުން ވެނެޒުއެލާ ކޮޅަށް ބުރަވެގެންނެވެ.

އާޖެންޓީނާ ސްކޮޑުގައި އަގުއޭރޯ، ހިގުއައިން، އަދި އިކާޑީ ފަދަ ތަޖުރިބާކާރު ކުޅުންތެރިން ނުހިމަނާ އެޓީމުގެ އައު ކޯޗް އެކުލަވާލި ޓީމުގެ ފަރާތުން މި މެޗުގައި މާއެދެވޭ ކުޅުމެއް ފެނިފައެއް ނުވެއެވެ.

މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި މެސީއަށްވަނީ މި މެޗުގައި އަނިޔާވެފައެވެ. އެހެންކަމުން މޮރޮކޯއައި ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ ރަހުމަތްތެރިކަމުގެ މެޗުން އޭނާ ފެނިގެންދިޔުމަކީ ނާދިރުކަމެއް ކަމުގައިވެސް މީޑިއާތަކުން ވަނީ ބުނެފައެވެ.  

Advertisement

ކޮމެންޓް

Advertisement