އަހަރެންގެ އެޖެންޑާ

25 Mar 2019 | 07:09

މިއީ އަހަރެންގެ އެޖެންޑާއެވެ. އަހަރެންގެ އެޖެންޑާ އެންމެންނަށްވެސް ވަރަށް ސާފެވެ.

އަހަރެންނަކީ މުސްލިމު ގައުމަކަށް އުފަން، މުސްލިމު މަޔަކާއި ބަފަޔަކަށް ލިބިފައި ހުރި މުސްލިމު ދިވެއްސެކެވެ. އަދި އަހަރެންގެ އުފަން ގައުމަކީ މުޅި ދުނިޔޭގައި ވެސް އެންމެ ރީތި ގައުމުކަމާއި އެންމެ އަމާން ސުލްހަވެރި ގައުމު ކަމަށް ދުނިޔެވެސް ގަބޫލު ކުރެއެވެ. އެއީ ވިލު ނޫކުލައިގެ ފަޅުތަކާއި ހުދު ބިއްލޫރި ކޮޅެއްފަދަ ރީތި މޫދަކާއި ބޯކިރުކޮޅެއްފަދަ ހުދު ދޮންވެލީގެ ބީޗަކާއި ފެހި ބަގީޗާއެއް ހެން އޮތް ހޭޅި އެއް ހިމެނޭ ގުދުރަތީ އެތައް އަޖަބުތަކެއް އެކުލެވޭހެން ހިންދު ކަނޑުގައި އުފެދިފައިވާ '' ދިވެހި ރާއްޖެ'' އެވެ.

އެގައުމަކަށް އުފަންވީތީ އަހަރެން ފަޚުރުވެރިވަމެވެ. އަދި އަހަރެންގެ އެޖެންޑާއަކީ އިސްލާމީ އުސޫލުތައް ދެމެހެއްޓުމާއި މާތްވެގެންވާ އިސްލާމް ދީން ހިމާޔަތް ކުރުމުގެ އެޖެންޑާއެވެ. އެކަން އަހަރެން ކުރަނީ ސަބަބުތަކެއް ހުރުމުންނެވެ.

އަދި އަހަރެން ގަބޫލުކުރާ އެޖެންޑާއަށް އެއްޗެއް ލައިދިނުމުން ވަކި ކަމެއް ކޮށްދޭނެ ކަމަކަށް އަހަރެން ނުބުނާނަމެވެ. ސަބަބަކީ އަހަރެން ދުނިޔޭގައި ހުރިއިރު ހާސިލު ކުރި އެޖެންޑާ ތަރާދަކުން ކިރާލަންޖެހޭނެ ދުވަހެއް އޮތުމުންނެވެ. އަހަރެންގެ އެންމެ މުހިންމު އެޖެންޑާގައި އަހަރެންނަށް ވަރަށްގިނަ ކަންތައްތަކެއް އެބަހުއްޓެވެ. އެކަންކަން ހާސިލުކުރުމަށް އަހަރެންގެ އެޖެންޑާ އަހަރެން ފުރިހަމަކުރެވޭތޯ ގަދައަޅައި މަސައްކަތް ކުރަމެވެ.

އަހަރެންގެ އެޖެންޑާގައި ހިމަނަންޖެހޭ ކަންކަމެއް ހަރުބީ ކާފަރުންނަކަށް ނޭނގޭނެއެވެ. އެޖެންޑާގެ ހުރި ފުރިހަކަމާ އުފާވެރިކަން އެމީހުން ގަބޫލެއްވެސް ނުކުރާނެއެވެ.

އަހަރެން ދުނިޔެއަށް ފޮނުއްވީ އެޖެންޑާގައިވާ ކަންކަން ފުރިހަމައަށް ކުރުމަށެވެ. މިއީ އިމްތިހާނެކެވެ. ފައިސާއަކުން އަހަރެންގެ އެޖެންޑާއަށް ބަދަލެއް ނުގެނެވޭނެއެވެ. އަދި ބަޔަކު ބުނާހާ ކަމެއް އަހަރެންގެ އެޖެންޑާއަށް އިތުރެއްވެސް ނުކުރާނަމެވެ.

އެޖެންޑާ ކާމިޔާބުކޮށްގެން އަހަރެން އަނެއް ގައުމިއްޔަތު ހޯދާކަށް ބޭނުމެއް ނޫނެވެ. އަދި އަނެއްގޮތެއް އަހަރެންނަކަށް ކަމަކު ނުދެއެވެ. އަހަރެން ބޭނުންވަނީ އަހަރެންގެ އެޖެންޑާ ފުރިހަމަކޮށްގެން އެ އެޖެންޑާގައި ހުރި ހިތްހަމަޖެހުމާއި އުފާވެރިކަން ހާސިލުކުރާށެވެ.

އަހަރެންގެ މި އެޖެންޑާ ފުރިހަމަ ކުރުމަށް އަހަރެން ކުރަމުންދާ މަސައްކަތަށް އެއްވެސް ފަރާތަކުން ހުރަސްއަޅަން ނޫޅޭށެވެ.

އަހަރެން މިގައުމަށް ފޮނުއްވި އިރު މިއީ ހާދަހާވާ އަމާން ސުލްހަވެރި އެއްބައެއް ވަންތަ ގައުމެކެވެ. އެކަމަކު ދާދިފަހުން އަނެއް ގައުމިއްޔަތު ހޯދަން ބަޔަކު ކުރާ މަސައްކަތުގެ ސަބަބުން މިއަމާން ސުލްހަވެރި ގައުމު އެފުށް މިފުށަށް ޖަހާލަން އުޅޭހެން އަހަރެންނަށް ގަބޫލުކުރެވެން ފަށައިފިއެވެ.

އަހަރެން މިއުޅެނީ މުސްލިމު ގައުމެއްގައި ކަމުން، ޣައިރު މުސްލިމުން ގަބޫލުކުރާ އެޖެންޑާއެއް އަހަރެން ފަދައިން މިގައުމުގެ އުޅޭ އެހެން ރައްޔިތުންނަކަށްވެސް ކަމަކުނުދާނެއެވެ.

އަހަރެން ދުނިޔެއަށް އައިއިރުވެސް އަހަރެން ގަބޫލުކުރާ މިއެޖެންޑާ ހާސިލުކުރުމަށް މިގައުމުގެ އެތައް ދަރިންނެއް ވަނީ ގައުމަށްޓަކައި ދީނަށްޓަކައި މޭ އައްޑަނައަކަށް ހަދައިގެން ޣައިރު މުސްލިމުންނާ ކުރިމަތިލައި ވަރަށް ބޮޑެތި ގުރުބާނީތައް ވެފައެވެ. އަދި އެތައް ބަތޮލުންނެއް ދީނާއި ގައުމަށްޓަކައި ޖިހާދުކޮށް މި ފަސްގަނޑަށް ލޭ އޮހޮރުގައި ޝަހީދުވެގެން ހިނގައްޖެއެވެ.

އަހަރެންނަށްވެސް އަހަރެންގެ އެޖެންޑާ ފުރިހަމަކުރަން އަމާން ފުރުސަތެއް ލިބިގެން މިދަނީ އަހަރެމެންގެ ގައުމީ ބަތޮލުންނާއި އަހަރެމެންގެ ކާބަފައިން ވީ ގުރުބާނީގެ އިތުރުން ދީނުގައި ސާބިތުވެ ތިބުމުގެ ސަބަބުންނެވެ. އެމީހުންގެ ފުރާނަ އަތްމައްޗަށް ލައިގެން ނުކުމެ ކުރި ޖިހާދުން ނަސްރު ލިބި، އަހަރެމެންނަށް މިގައުމު ހޯދައިދިނީ އަހަރެމެންގެ އެފަދަ ހިތްވަރާއި ފަންވަރު ހުންނާނެކަމަށް ގަބޫލުކޮށްގެންނެވެ.

މިއީ އަހަރެމެންގެ ކަބަފައިން އަހަރެމެންނާ ހަވާލުކުރި އަމާނާތެކެވެ. މިއަމާނާތް އަންނަން އޮތް ޖީލަށް އަމާންކަމާއެކު ވާސިލުކޮށްދިނުމަކީ މިއަދު އަހަރެމެން އެންމެންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެކެވެ.

އަހަރެމެންގެ އެޖެންޑާގެ މައްޗަށް އެހެން ބައެއްގެ އެޖެންޑާއެއް ނުގެނެވޭނެއެވެ. އަނެއް ގައުމިއްޔަތު ހޯދައިދިނުމަށް ކާބަފައިންގެ ޒަމާނުގައިވެސް ބައެއް ދިވެހިން މަސައްކަތްކުރިއެވެ. ނަމަވެސް އެބުނާ އެޖެންޑާއެއް ދިވެހިން ގަބޫލެއް ނުކުރެއެވެ. އެއީ އެބުނާ އެޖެންޑާގެ ސަބަބުން އަހަރެމެންގެ ދީނީ އަގީދާ ފުނޑުފުނޑުވެ، މުޅި ދިރިއުޅުން އެފުށް މިފުށަށްޖެހި އެތަކެއް މުސީބާތަކާއި ކުރިމަތިލާންޖެހޭނެކަން އޭރުވެސް ދިވެހިން ގަބޫލުކުރީތީއެވެ.

ތަފާތު އެޖެންޑާތައް ހަދައިގެން އެކި ދުވަސްވަރު ޣައިރު މުސްލިމުން އަހަރެމެންގެ ގައުމަށް އައެވެ. މިއަދެކޭ އެއްފަދައިން އެދުވަހު ވެސް ދިވެހިންނާ ބީރައްޓެހި އެޖެންޑާއެއް ހިފައިގެން ރާއްޖެއައީ މިގައުމުގައި ރަސްކަން ކުރެއްވި ބޭފުޅުންނާއި ރަސްކަމާ ތޮޅެމުން ދިޔަ ޣާއިނުންނެވެ.

ދިވެހިތާރީޚުން ފެންނަގޮތުން މަލާބާރީން ދިވެހީންގެ ދާޚިލީ ކަމެއްގެ ތެރެއަށް ފުރަތަމަ ފަހަރަށް ވަދެ، މީލާދީން 1494 ވަނަ އަހަރު ޒާތެއްގެ އެޖެންޑާއެއް ހިފައިގެން ރާއްޖެ އައެވެ. މީލާދީން 20 ޑިސެންބަރ 1752 ވަނަ އަހަރު، އަދި ހިޖުރައިން 1166 ވަނަ އަހަރުގެ ސަފަރު މަހުގެ ތޭރަ ވިލޭރޭ، މަލާބާރީން އަނެއްކާވެސް ޒާތެއްގެ އެޖެންޑާއެއް ހިފައިގެން ރާއްޖެ އައެވެ. އޭރު ރަސްކަމުގައި ހުންނެވި މުކައްރަމު މުހައްމަދު އިމާދުއްދީން އަވަހާރަކޮށްލިއެވެ. އަދި މަލާބާރީން ރާއްޖޭގެ އުތުރުގެ ރައްތަކަށް އަރައިގަނެ 459 މީހަކު ރަހީނުކޮށްގެން އިންޑިއާގެ ގޯވާއަށް ގެންދިޔަކަމަށް ބުނެއުޅެއެވެ.

އަދި 19 މެއި 1558 ވަނަ ދުވަހު ޕޯޗްގީޒުން ރާއްޖެއަރައި އޭރު ރަސްކަމުގައި ހުންނެވި އަލީ ރަސްގެފާނު ޝަހީދުކޮށްލިއެވެ.

އިނގިރޭސީންގެ އަޅުވެތިކަމުގެ ދަށުގައި 80 އަށް ވުރެ ގިނަ އަހަަރު ވަންދެން ތިބި އިރު އިންޑިއާގެ ވޯރާވިޔަފާރިވެރިންގެ އަޅުވެތިކަމުގައި ވެސް ދިވެހިން މީލާދީން 1857 އިން 23 އޮގަސްޓް 1957 އަށް ވޯރާއިން ރާއްޖޭގައި ތިބެގެން އަހަރެމެންނަށް ދުއްތުރާތައް ކުރިއެވެ.

އަދި ދާދިފަހުން މީލާދީން 1988 ނޮވެންބަރު 3 ގައިވެސް ވެރިކަމާ ތޮޅެން ސްރީލަންކާގެ ޓައިގަރު ޖަމާއަތުގެ މީހުން ރާއްޖެ އައިސް 19 ދިވެހިން ޝަހީދުކޮށްލިއެވެ.

މިކަހަލަ އެތައް ބަަޔަކު ތަފާތު އެޖެންޑާތައް ހިފައިގެން ދިވެހިންގެ ގާތަށް އައެވެ. އާހިރުގައި މުސްލިމު ދިވެހިން ގަބޫލުކުރި އެއްވެސް އެޖެންޑައެއް ނެތެވެ.

އަދި މިފަހަރު ގެންނަން އުޅޭ އެޖެންޑާ ތަފާތުވާނެއޭ ބުނާއަޑު އެބަ އިވެއެވެ. އެހެންކަމަށްވާނަމަ ކުރިން ދިވެހިންނަށް ވެދުމަށް އަރުވަން އެކި މީސް މީހުން ގެނައި އެޖެންޑާއަށްވުރެ މިފަހަރުގެ އެޖެންޑާ މާ ބޮޑަށްވެސް ނުރައްކާވާނެތާއެވެ. ސަބަބަކީ ޒަމާނާ އެއްވަރަށް އެޖެންޑާތައްވެސް ބަދަލުވާނެތީއެވެ.

އެކަމަކު އަހަރެމެންނަކީ ތަނަކުން ބަޔަކު މީހުން ގެންނަ އެޖެންޑާ ގަބޫލުކުރާ ވަރަށްވުރެ އަގީދާ ވަރުގަދަ އަދި އަހަރެމެން ގަބޫލުކޮށް ބަލައިގެންފައިވާ އެޖެންޑާ މާވަރުގަދަ ބައެކެވެ.

މިއީ އަހަރެން ގަބޫލުކުރާ އެޖެންޑާއެވެ. އަހަރެންގެ އެޖެންޑާގެ މައްޗަށް އެހެން ބައެއްގެ އެޖެންޑާއެއް ފަތުރައެއް ނުލެވޭނެއެވެ. އަދި އަހަރެމެންގެ އެޖެންޑާއަށްވުރެ ވަރުގަދަ ފުރިހަމަ އެޖެންޑާއެއް އެހެން އެއްވެސް ބަޔަކަށް ނުހެދޭނެއެވެ. އެހެންވީމަ އަޖުމަ ބަލަންވެސް އަހަރެމެން ގަބޫލުކޮށްގެން ތިބި އެޖެންޑާގެ މައްޗަށް ގަދަވެގަންނަ ވަރުގެ ތަފާތު އެޖެންޑާއެއް ހިފައިގެން އަންނަ ބަޔަކަށް މަރުހަބާ ނުކިޔާށެވެ. އަހަރެމެން ގަބޫލުކޮށްގެން ތިބި އެޖެންޑާގެ މަތީގައި ސާބިތުވެ ތިބެ އެގޮތުގައި ނިމިދާން ދޫކޮށްލަދޭށެވެ.

ޕޮޓޯ: އަހްމްދު އަޝްވާން އިލްޔާސް

Advertisement

ކޮމެންޓް