ކައުންސިލްތަކަށް އަލުން މިދަނީ ބާރުތައް ދެމުން: ރައީސް ސޯލިހު

28 Mar 2019 | 11:38

ކައުންސިލްތަކުގެ ކިބައިން ނެގުނު ބާރުތައް އެ ކައުންސިލްތަކަށް އަލުން ދެމުންގެންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރަށް ސަތޭކަ ދުވަސް ފުރުން ފާހަގަކުުރުމަށް މިއަދު ހެނދުނު ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ގެނައުމަކީ މި ސަރުކާރުން ވީ އެންމެ މުހިންމު އެއް ވަޢުދުކަމަށެވެ. އަދި ކުރީ ސަރުކާރުން މިނިސްޓްރީތަކަށް ނަގާފައިހުރި ލޯކަލް ކައުންސިލްތަކުގެ ބާރުތައް މި ސަރުކާރުން އެ ކައުންސިލްތަކަށް އަނބުރާ ދެމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިކަން ކުރުމަށްޓަކައި ލާމަރުކަޒީ ނިޒާމުގެ ގާނޫނަށް އިސްލާހުތަކެއް ހުށައެޅިފައިވާނެކަމަށެވެ.

"ލާމަރުކަޒީ ޤާނޫނަށް އަޅުގަނޑުމެން މި ހުށަހެޅި އިޞްލާޙްތަކުގެ ތެރެއިން، އެންމެ މުހިންމު އެއް ކަމަކީ، މާލީ ބާރުވެރިކަން ކައުންސިލްތަކަށް ދިނުން. ދައުލަތުގެ ބަޖެޓްގެ މަދުވެގެން 5 އިންސައްތަ ކަނޑައަޅާނީ ކައުންސިލްތަކަށް ކަމަށް، މި ބިލްގައި ވާނީ ހިމަނާފައި"، ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ޖުމްލަ 160 ވަޢުދެއް ހިމެނޭކަމަށާއި އޭގެ ތެރެއިން މިއަދާ ހަމައަށް ގާތްގަނޑަކަށް %83 ވަޢުދު ވަނީ ފުއްދިފައިކަމަށެވެ. އަދި ދެން ހުރި ވަޢުދުތައް ފުއްދުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރެވެމުންކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Advertisement

ކޮމެންޓް