ރަސްމީ ރިޒާވް ވަނީ 805 މިލިއަން ޑޮލަރަށް އިތުރުކުރެވިފައި: ރައީސް

29 Mar 2019 | 16:01

ދައުލަތުގެ ރަސްމީ ރިޒާވް 805 މިލިއަން ޑޮލަރަށް އިތުރުކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިޙް މިހެން ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ސަރުކާރުގެ މަސައްކަތު ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކާއި ގުޅޭގޮތުން ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް އޮފީހުގައި ހުންނަވައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ވެރިކަމަށް ވަޑައިގެންނެވި ފަހުން ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ 200 މިލިއަން ޑޮލަރު އިތުރުކުރެވިފައިވާ ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވި ގޮތުގައި އެމަނިކުފާނު ވެރިަކމަށް ވަޑައިގެންނެވި އިރު ދައުލަތުގެ ރިޒާވްގައި ހުރީ 592 މިލިއަން އެމެރިކާ ޑޮލަރު ކަމަށެެވެ. އަދި މިމަހުގެ ނިޔަލަށް 805 މިލިއަން ޑޮލަރަށް ރަސްމީ ރިޒާވް އިތުރުކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ސޯލިހް ވިދާޅުވި ގޮތުގައި އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި ފަހުން މިހާތަނަށް ދައުލަތަށް 5 ބިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވާ ކަމަށެވެ. އެހެންވެ އެއީ ފަތުރުވެރިކަން ކުރިއަރައި، އިޤްތިޞާދީ ފުދުންތެރިކަން އިތުރުވަމުންދާ ކަމުގެ ހެއްކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް