ނަރުދަމާ އަޅަން އިއުލާންކުރި ރަށްތަކުގެ ތެރޭގައި ނަރުދަމާގެ މަސައްކަތް ނިމިފައިވާ ރަށެއް!

01 Apr 2019 | 11:32

ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ސަރުކާރުން ނަރުދަމާގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ރަށްތައް އިއުލާންކުރި އިރު އޭގެ ތެރޭގައި މީގެ ކުރިން ރައީސް ޔާމީންގެ ސަރުކާރުގައި ނަރުދަމާ އަޅައި ނިމިފައިވާ ރަށެއް ވެސް ހިމެނޭކަން ހާމަވެއްޖެއެވެ.

އެ ރަށަކީ މީގެ އަހަރެއްހާ ދުވަސް ކުރިން ނަރުދަމާގެ ނިޒާމުގެ މަސައްކަތް ނިންމައި މިހާރު ވެސް އެ ނިޒާމު ބޭނުންކުރަމުން ގެންދާ ހއ. ކެލާއެވެ. އެރަށުގެ ނަރުދަމާގެ ނިޒާމުގެ ހިދުމަތް 2018 ވަނަ އަހަރުގެ ޖުލައި މަހު ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ.

ކެލާގައި ނަރުދަމާގެ ނިޒާމެއް ޤާއިމްކޮށް އެ ނިޒާމުގެ ބޭނުންކުރަމުން ދަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ސަރުކާރުން އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގައި 35 ރަށެއްގައި މި އަހަރު ފަށާ ފެނާއި ނަރުދަމާގެ މަސައްކަތުގެ ތެރޭގައި އެރަށް ހިމެނުމުން ކެލާ ދާއިރާގެ ކައުންސިލަރ ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ކެލާ ދާއިރާގެ ކައުންސިލަރ އިންފާޒް ރަޝީދް ވަނީ އެ ރަށުގައި ނަރުދަމާގެ ނިޒާމު މިހާރުވެސް ބޭނުންކުރަމުން ދަނިކޮށް އިތުރު ނަރުދަމާއެއް އަޅަނީ ކީއްކުރަންތޯ ސުވާލު ކުރައްވާފައެވެ. އަދި ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ނުކުރުމަށް ވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ކެލާގެ ނަރުދަމާގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށި 30 މާރިޗު 2015 ގައެވެ. މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ވަނީ 27 ޑިސެމްބަރ 2016 ގައި ނިންމާފައެވެ.

އެމަޝްރޫއަށް ޖުމްލަ 51 މިިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު އެ މަޝްރޫޢުގެ ދަށުން އެރަށުގައި 4 ޕަމްޕް ސްޓޭޝަން ބަހައްޓައި 14.15 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ގާއިމްކޮށްފައިވާއިރު ރަށުގެ 409 ގެއަށް ވަނީ އެޚިދުމަތް ދެވިފައެވެ. އަދި ރަށުން އުފެދޭ ނަޖިސް ބޭރުކުރުމަށް 135 މީޓަރުގެ އައުޓް ފޯލް ހޮޅި ވަނީ އަޅާފައެވެ. 

Advertisement

ކޮމެންޓް

Advertisement