ބަޖެޓް ބޭނުންކުރުމުގެ މިނިވަންކަން ކައުންސިލްތަކަށް ދިނުމަށް މަޝްވަރާ ކުރަނީ

30 Mar 2019 | 13:07

ލޯކަލް ކައުންސިލުތަކަށް ހަމަޖައްސާފައިވާ ބަޖެޓުން ޚަރަދުކުރުމަށް ކޮންމެ ފަހަރަކު ފިނޭންސް މިނިސްޓްރީގެ ހުއްދަ ނަގަން ޖެހޭ ގޮތަށް އޮންނަ އުސޫލު ބަދަލުކުރަން މަޝަވަރާ ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އަށް އަންގައިގެން ހުއްދަ ލިބިގެން މެނުވީ ކައުންސިލްތަކަށް އެއްވެސް ޚަރަދެއް ނުކުރެވެއެވެ. އެކަމާއި މެދު ކައުންސިލްތަކުން މީގެ ކުރިން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ.

ދައުލަތު މީޑިޔާގައި ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ކައުންސިލުތަކަށް ބޭނުންވަނީ މާލީ ފުދުންތެރިކަމަށް ވުރެ ބޮޑަށް މާލީ މިނިވަންކަން ކަމަށެވެ.

އެހެންވެ ކައުންސިލްތަކަށް ހެޔޮބަދަލު ގެނައުމަށްޓަކައި މިނިވަންކަމާއި އެކު ޚަރަދު ކުރެވޭނެ ނިޒާމެއް ގެނައުމަށް ސަރުކާރުން މިހާރު ގަސްތުކުރާ ކަމަށެވެ. އަމީރު ވިދާޅުވި ގޮތުގައި އެ މަސައްކަތްތައް ލޯކަލް ގަވާމަންޓް އޮތޯރިޓީ އާއި ގުޅިގެން ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން އަމީރު ވިދާޅުވި ގޮތުގައި ލާ މަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައިވެސް މާލީ މިނިވަންކަން އަދި މާލީ ފުދުންތެރިކަން ކައުންސިލުތަކަށް ދިނުމަށް މުހިއްމު އިސްލާހުތަކެއް ހުށަހަޅާފައިވާނެ ކަމަށެވެ.

އެ އިސްލާހުތައް ފާސްވުމުން ކައުންސިލުތަކުން އަމިއްލައަށް ވިޔަފާރިކޮށް ބަޖެޓް މެނޭޖް ކުރުމަށް މަސައްކަތް ކުރެވޭތަން ފެންނާނެ ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ. 

Advertisement

ކޮމެންޓް

Advertisement