Advertisement

އަމަންއަމާންކަން ޤާއިމުކުރުމުގެ ފުރިހަމަ އިޚްތިޔާރު ފުލުހުންނަށް ވަނީ ދީފަ- ރައީސް

30 Mar 2019 | 06:06

މި ސަރުކާރުން ވެރިކަން ކުރަމުންދާނީ، ޤާނޫނީ އިމުގެ ތެރެއިން އެންމެ ފުރިހަމަ މިނިވަންކަމާ އެކު، އަމަންއަމާންކަން ޤާއިމުކުރުމުގެ ފުރިހަމަ އިޚްތިޔާރު ފުލުހުންނަށް ދީގެންކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އަށްޑިހަ ހަވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެފައިވަނީ މި ސަރުކާރުން ވެރިކަން ކުރަމުންދާނީ، ޤާނޫނީ އިމުގެ ތެރެއިން އެންމެ ފުރިހަމަ މިނިވަންކަމާ އެކު، އަމަންއަމާންކަން ޤާއިމުކުރުމުގެ ފުރިހަމަ އިޚްތިޔާރު ފުލުހުންނަށް ދީގެންކަމަށާއި މިވެރިކަމުގައި، ފުލުހުންނަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ބައެއްކަމުގެ ޔަޤީންކަން ހުރިހާ ފުލުހުންނަށާއި ރައްޔިތުންނަށް އަރުވާކަމަށް ރައީސް ވިދާޅުވިއެވެ.

އެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ހުރިހާ ފުލުހުން ޢަޒުމް ކަނޑައަޅަންވީ ފުލުހުންނާ މެދު ރައްޔިތުންގެ ހިތުގައި އިތުބާރާއި ޔަޤީންކަން އުފެއްދުމަށްކަމަށާއި، ފުލުހުންނާ ބައްދަލުކުރާއިރު، ރައްޔިތުންގެ މޫނުމައްޗަށް އުފާވެރިކަމާއި ހިނިތުންވުން ގެނުވުމަށްކަމަށެވެ. އަދި، ތަރައްޤީ ހަލުވިވެ އިޤްތިޞާދު ކުރިއަރައި ދިޔުމަށް ވެސް، ބޭނުންވާ އެންމެ މުހިންމު ކަމަކީ، ޤައުމުގެ ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ފުލުހުން މަސައްކަތްކުރަންވީ ތެދުވެރިކަމާއި ވަފާތެރިކަމާއެކު ރައްޔިތުންނަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދިނުމަށްކަމުގައެވެ.

މީގެ އިތުރުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ފުލުހުންގެ މުއައްސަސާ އިޞްލާޙްކުރުމުގެ މަސައްކަތް މި ވެރިކަމުގެ ފުރަތަމަ ދުވަހާއެކު ފަށައިފައިވާކަމަށާއި ވެރިކަމުގެ މަސައްކަތު 100 ދުވަހުގެ ތެރޭގައި، ފުލުހުންނާ ގުޅޭގޮތުން ކުރުމަށް ކަނޑައެޅި ހުރިހާ ކަމެއް، ފުރިހަމަކުރެވިފައިވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މިރޭ މި އިފްތިތާޙްކުރި ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭނަކީ، ފުލުހުންގެ މަހާސިންތާގައި ރައްޔިތުންނާއި ފުލުހުންގެ ފަރާތުން ލިބުނު މައުލޫމާތުގެ އަލީގައި އެކަށައަޅާފައިވާ، ފަސް އަހަރުގެ ޕްލޭނެއްކަމަށާއި، ފުލުހުން ރަނގަޅުކުރަންވީ ކަންކަމުގެ ތެރެއިން، ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި އިސްކަންދޭނެ ފަސް ކަމެއްވެސް މި ޕްލޭންގައި ވާނީ ކަނޑައެޅިފައިކަމުގައި ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނަށް ކުރިމަތިވާ ކޮންމެފަދަ ހާދިސާއެއްގައިވެސް، ރައްޔިތުންނާ އެންމެ ފުރަތަމަ ބައްދަލުކުރާ ބަޔަކީ ފުލުހުންނެވެ. ކިތަންމެ އުނދަގޫ ޙާލަތެއްގައި ވިޔަސް، ޖަޒުބާތުގައި ނުޖެހި، ރީތި ބަސްމަގުން މުޢާމަލާތު ކުރުމަކީ، ޕޮލިސް ޕްރޮފެޝަނަލިޒަމްގެ އެންމެ މަތީ މިންގަނޑުކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ފުލުހުންގެ ފަރާތުން އަބަދުވެސް ފެންނާންވާނީ، އޯގާތެރިވުމާއި އެކުވެރިކަމުގެ ސިފަކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް