ޔާމީންރަޝީދާއި ރިޟްވާންގެ މައްސަލަވެސް ހަމަ އޮބިގެންދާނީއެވެ.

04 Apr 2019 | 13:00

2008 ވަނަ އަހަރު އެމްޑީޕީ ވެރިކަމަށް އައުމަށް ބޭނުންކުރި އެންމެވަރުގަދަ ހަތިޔާރަކީ ޖަލުގައި މަރުވި އީވާން ނަސީމާއި މޫދުތެރޭގައި ގޮތް ނޭގޭގޮތަށް މަރުވެފައި އޮއްވާފެނުނު އައްޑޫސިޓީ ހިތަދޫ ނާޒުކީގޭ ހުސައިން ސަލާހަށް އިންސާފު ހޯދައިދިނުމެވެ. އެކަމަށްޓަކައި ވަރަށް ވަރުގަދަ މަގުމަތީ މުޒާހަރާތައް ރައީސް މައުމޫންގެ ސަރުކާރާދެކޮޅަށް ހިންގުނެވެ.

ދެވަނަ ފަހަރަށްވެސް އެމްޑީޕީން ވެރިކަމަށް އައުމަށް އެންމެ އިސްކުރީ ވަރަށް އަނިޔާވެރިކޮށް މަރާލި ޔާމީން ރަޝީދާއި ގެއްލިފައިވާ ރިޟުވާނަށް އިންސާފު ހޯދައިދިނުމެވެ. ޔާމީން ރަޝީދުގެ އާއިލާއަށް އިންސާފު ހޯދައިދިނުމަށް އެމްޑީޕީން އެޕާޓީގެ ބޭރުގެ ގުޅުންތައް ބޭނުންކޮށްގެން އދއަށް ދިޔައެވެ. ބޭރުގެ ޑިޕްލޮމެޓުން އެމައްސަލާގައި ކަންބޮޑުވުން ފާޅުކޮށް އިންސާފުވެރި ތަހްގީގެއް ހިންގުމަށް ގޮވާލަމުންދިޔައެވެ.

ކޮންމެއަކަސް އެމްޑީޕީ ދެވަނަ ފަހަރަށްވެސް ރާއްޖޭގެ ރިޔާސަތާއި ހަވާލުވެއްޖެއެވެ. ސަރުކާރަށް ފަސްމަހަށް އެޅި ކުލަގަދަކޮށް ފާހަގަކުރާ ފުރަތަމަ 100 ދުވަސް ނިމިއްޖެއެވެ. ޔާމީން ރަޝީދުގެ މަރާއި ރިޟުވާން ގެއްލުވާލުމުގެ މައްސަލައާއި އަދި އަފްރާޝީމް އަލީގެ މައްސަލަ އަލުން ހާވައިގެން ބެލުމުގެ ފުރުސަތު އެމްޑީޕީއަށް މިއަދުވަނީ ފުރިހަމައަށް ތަނަވަސްވެފައެވެ.

އެމްޑީޕިއަނުންގެތެރޭގައި އަފްރާޝީމްއާއި ޔާމީންރަޝީދު މަރާލުމުގައި ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބާއިގުޅުވައިގެން އެކިއެކި ތިޔަރީތައް ނެރެ ޔޯލަވާހަކަތައް ވަރަށް މަގްބޫލުވެފައި އޮވެއެވެ. ރިޟުވާންގެ މައްސަލަވެސް މެއެވެ. ތިޔަރީތަކާއި ޔޯލަވާހަކަތައް އެޕާޓީގެ އެންމެ އިސް ލީޑަރުންވެސް ގަބޫލުކުރައްވާކަން ދޭހަވާފަދަ ވާހަތައް ދައްކާފައިވެއެވެ.

ކޮންމެއަކަސް މިޔޯލަވާހަކަތަކާއި ތިޔަރީތަކުގެ ހުރި ހަގީގަތްތަކެއް ފަޅާއަރުވާލުމުގެ ފުރުސަތު ކުރިން ދެންނެވިފަދައިން އެމްޑީޕީއަށް މިވަނީ ލިބިފައެވެ. ފުލުހުންގެ އެންމެ އިސްވެރިޔާއަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް އައްޔަންކުރެއްވި މުހައްމަދު ހަމީދަކީ އެމަނިކުފާނުގެ އަނކަނބަލުން ފަސްޓްލޭޑީގެ ކޮއްކޮގެ ފިރިމީހާއެވެ. 

ދެން ފުލުހުންގެ އެންމެ އިސްވެރިންނަށް ކަނޑައެޅުއްވީވެސް ޔާމީނަށް އެއްވެސް ފޭވަރކުރުމުގެ ނުބާއްވާނެ ބޭފުޅުންނެވެ. އެގޮތުން ފުލުހުންގެ އިދާރާގެ ފުރިހަމަ ކޮންޓްރޯލް ރައީސްގެ އަތްޕުޅަށް މިހާރުވަނީ ލިބިވަޑައިގެންފައެވެ. ކަންމިހެން އޮތަސް ރިޟުވާނާއި ޔާމީންގެ މައްސަލަ ބެލުމަށް ރައީސް މިއުޅުއްވަނީ ވަރަށް އެހެންކަހަލަ ގޮތަކަށެވެ. 

ފުލުހުންގެ އިދާރާ އެކަހެރިކޮށް ބާއްވާފައި އެމަނިކުފާނު ވިދާޅުވާ ބައެއްގެ މައްސަލަ ބަލާނެ ވަކި ކޮމިޝަނެއް ހަދައި އެކޮމިޝަނަށް ގާނޫނީ ބާރުދިނުމަށެވެ. ކަރޮޕްޝަންގެ މައްސަލަތަކުގައިވެސް އެމަނިކުފާނު ބޭނުންފުޅުވާ ބައެއްގެ މައްސަލަ ބަލަން ވަކިކޮމިޝަނެއް ހަދައި އެތަނަށް ގާނޫނީ ބާރުދިނުމެވެ. މިދެގާނޫންފާސްކުރަން ރައްޔިތުންގެ މަޖިލީހަށް އެއޮތީ ވައްދާފައެވެ.

އަނެއްކާވެސް ޑިކްޓޭޓަރޝިޕަކަށް މިސްރާބުޖެހީތަ؟

ރައީސް ސާލިހްގެ މިކުރައްވަން އުޅުއްވާކަންތަކަށް ފާޑުކިޔާ މީހުންދެކޭގޮތުގައި މިއީ ދިވެހިން މީގެ އަހަރުތަކެއްކުރިން ދޫކޮށްލި ޑިކްޓޭޓަރޝިޕް އަބުރައި ރާއްޖެއަށް ތައާރަފްކުރުމަށް އެމްޑީޕީން ރާވާފައިވާ ރޭވުމެކެވެ. ކޮންމެ ކަމަކަށް ބާރުގަދަ ރިޔާސީ ކޮމިޝަނެއް ހެދުމުގެ ބޭނުމަކީ ގާނޫން އަސާސީން އެކުލަވާލާފައިވާ ޗެކް އެންޑް ބެލަންސްގެ ނިޒާމު ރޫޅާލައި މުއައްސަސާތައް ޕެރަލައިޒްކޮށް ހުރިހާ ކަމެއް ރައީސް މީހާގެ އަމުރުކުރާގޮތަކަށް ނިންމުގެ ފުރުސަތު ތަނަވަސްކޮށްދިނުމެވެ.

އެހެންނޫންނަމަ ފުލުހުންގެ އިދާރާގެ ފުރިހަމަ ކޮންޓްރޯލް އޮވެ އެތަން ބައިޕާސްކޮށްފައި ގާނޫނެއް ހަދައިގެން ކޮމިޝަނެއް ހިންގުމުގެ އޮތީ ކޮންބޭނުމެއްތޯއެވެ. ކޮމިޝަނަށްވެސް މީހުންލަނީ ހަމަރައީސެވެ. ކޮމިޝަނަށް ރައީސް އައްޔަންކުރާ މީހުންނަށް ލިބިގެންވަނީ މަރުގެ މައްސަލަތައް ތަހްގީގުކުރުމުގެ ކޮން ގާބިލްކަމެއްތޯއެވެ. އެންމެ ބޮޑު ތަހްގީގަކަށް މިހާތަނަށް ކޮމިޝަނުންކުރިކަމަކީ ފުލުހުން ތަހްގީގުކޮށްފައިވާ މައްސަލައިގެ ފައިލް ގެންދިއުމާއި އާއްމުކޮށް ރޭޑިއޯއާއި ޓީވީއާއި ނޫސްތަކުގައި އިއުލާންކޮށްގެން ހެކި އެއްކުރަން އުޅުމެވެ.

ކޮމިޝަންގައި ހުރީ ފުލުސް އޮފީހުގައިނެތް ވަކި ޒަމާނީ ކޮންވަސީލަތްތަކެއްތޯއެވެ. އެއް ކަމެއް ހާސިލު ކުރެވިދާނެއެވެ. އެއީ ރާއްޖޭގެ ފުލުހުންގެ އިދާރާ އެކަހެރިކުރުމަށްފަހު ބޭރުގެ އެކިއެކި ގައުމުތަކުގެ ތަހްގީގު ޓީމުތައް ރާއްޖެގެނެސް ރާއްޖޭގައި ސަރުކާރުން ތަހްގީގުކުރަންބޭނުންވާ ކަންކަން އެމީހުން ލައްވައި ތަހްގީގުކުރުވުމެވެ.

ރިޔާސީ ކޮމިޝަންތަކާމެދު ޝައްކުގެ ލޮލަކުންބެލޭނެ ޖާގަ އެބައޮތެވެ. އެއީ ކޮމިޝަންގެ އިސްވެރިޔަކަށް ލެއްވެވި ހުސްނުއްސުއޫދަކީ މިފަހަކަށްއައިސް އޭނާގެ އިންޓެގްރިޓީއާމެދު އެންމެ ބޮޑަށް ސުވާލު އުފެދޭ އަދި ވަކި ބަޔަކަށް ފާޑުކިއުމުގައި، ވަކިބަޔަކާއިމެދު ޒާތީވުން ދޭހަވާ ސްޓޭޓްމަންޓްތައް ދެއްވުމުގައި ފާހަގަކުރެވޭފަދަ ބޭފުޅަކަށްވުމާއި އެމްޑީޕީއާއި އޭނާއާއިމެދު އޮތް ކަނެކްޝަނެވެ. އެހެންވީމާ އިންސާފުވެރި ނިންމުމެއް އޭނާގެ ފަރާތުން އަތުވެދާނެކަމަށް ބަލާނީ އޭނާގެ ފިކުރަށް ތާއީދު ކުރާ ބަޔަކު އެކަންޏެވެ. ކޮމިޝަނަށްލާފައިވާ މީހުންގެގޮތުން މޯލްޑިވްސް ޕޮލިސް ސާވިސްއަށްވުރެ ވަކި މިނިވަން ތަނެއްކަމަށްބެލެވޭނީ ކޮންގޮތަކުންތޯއެވެ. އިޚްލާސްތެރި ހިތަކާއެކު ކުރާކަމެއްނަމަ ފުލުހުންގެ ތަހްގީގަށް ހޯދިފައިހުރި އެއްޗެހި ކޮމިޝަނަރ ހަމީދު ލައްވައި ހާމަކޮށްލަންވީނޫންތޯއެވެ. ނޫނީ ފުލުހުންގެ މުއައްސަސާ ފޭލްވި ސަބަބު ރައްޔިތުންނާ ހިއްސާކޮށްލަންވީނޫންތޯއެވެ.

ކޮންމެއަކަސް ކަންކަން ހިގަމުންދާގޮތުން ފެންނަނީ އަނެއްކާވެސް ހަމަ ކުރީގެ މަންޒަރުތަކެވެ. އީވާން ނަސީމާއި ހުސައިން ސަލާހުގެ މަރުގެކަންކަން ދިޔަގޮތަށް ކީހައިޅެން ފަރިއްސަށްވެ ތޮޅިއަށް ދާތަނެވެ. ހުސުނުއްސުއޫދުގެ ކޮމިޝަންގައި އެދެމީހުންނަށް އިންސާފު ހޯދައިދިނުން ނެތީ އެއީ އެހެންސަރުކާރަކާދެކޮޅަށް ބޭނުންކުރި ހަތިޔާރަކަށްވީމައެވެ. މިހާރު ޔާމީން ރަޝީދާއި ރިޟްވާންގެ މައްސަލައިގެ އަޑު އެމްޑީޕިއަނުންގެތެރޭގައި މަޑުވެއްޖެނޫންތޯއެވެ. ފާހަގަކުރެވޭކަމަކަށް ފެންނަނީ ސޯޝަލް މީޑިއާ އެކްޓިވިސްޓުން ބޭނުންކުރަމުންދާ ރަތްފުއްޕާ ހަމާއި ސުވާލުމާކު އަދިފިލައިނުގޮސް ހުރުމެވެ. ކޮމިޝަނުން ނޫނީ އެދެމީހުންގެ މަރުގެ ހަގީގަތް ނޭގޭނެކަމަށް ދެކޭކަމަށްވަންޏާ ރައްޔިތުންގެ މަޖިލިސްގެ މެޖޯރިޓީ ނުލިބިއްޖެނަމަ މަޖިލިސް އެކަހެރިކުރުމަށްފަހު ގާނޫނެއް ފާސްކޮށްގެން ރިޔާސީ މަޖިލިސް ކޮމިޝަންގެ ނަމުގައި ކޮމިޝަނެއް ހަދައިގެން އެކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ މީހުން އައްޔަންކޮށް ސަރުކާރު ނުހިންގަންވީ ކީއްވެތޯއެވެ. މިއީ ހެއްވާ ދެކޮޅު ނުޖެހޭ ވާހަކައަކަށްވަންޏާ މޯލްޑިވްސް ޕޮލިސް ސާވިސް ތަހްގީގުތަކުން އެކަހެރިކޮށް ރިޔާސީ ކޮމިޝަނެއް ހަދައިގެން ތަހްގީގުކުރަން އުޅުމަކީވެސް ދެކޮޅު ނުޖެހޭ ހެއްވާކަމެކެވެ. ރިޔާސީ ކޮމިޝަނެއް ހެދީ ޔާމީން ރަޝީދާއި ރިޟުވާނަށް އިންސާފު ހޯދައިދޭނެގޮތަކާއިމެދު ހަދާނެއްގޮތް ހުސްވެ ކޮންމެވެސްކަމެއް ސަރުކާރުންކުރިކަން ދެއްކުންނޫން ކަމެއް ފާހަގައެއް ނުކުރެވެއެވެ.

Advertisement

ކޮމެންޓް