ޓީޓީޖީ ޓްރެވަލް އެކްސްޕީރިއަންސް ފެއާގައި ދިވެހިރާއްޖެ ޝޯކޭސް ކޮށްފި

10 Oct 2018 | 20:12

އިޓަލީގެ ރިމިނީގައި މިމަހުގެ 10 އަކުން 12 އަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޓީޓީޖީ ޓްރެވަލް އެކްސްޕީރިއަންސް ފެއާގައި ރާއްޖެ ޝޯކޭސް ކޮށްފިއެވެ.

މިފެއާ އަކީ އިޓަލީގެ ފަތުރުވެރިކަމުގެ މާކެޓުގައި ފަތުރުވެރިކަމަށް ހާއްސަކޮށްގެން ބޭއްވޭ އެންމެ ބޮޑު އެއް ފެއާއެވެ. މިފެއާގެ މައިގަނޑު މަގްސަދަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ އައު ވިޔަފާރިތައް ހޯދާނެ މަގު ތަނަވަސްކޮށް ދިނުމާއި ފަތުރުވެރިކަމާއި ގުޅޭގޮތުން ހިޔާލުފާޅު ކުރުމާއި އައު ހިޔާލުތައް ހިއްސާކުރުމެވެ.

2550 ފަރާތަކުން 150 ގައުމެއް މިފެއާގައި ތަމްސީލު ކުރާއިރު 70،000 އަށްވުރެ ގިނަފަރާތުން މި ފެއާއަށް ޒިޔާރަތްކުރާނެ ކަމަށް ބެލެވެއެވެ. މީގެ ތެރޭގައި 750 އަކަށް ނޫސްވެރިންގެ އިތުރުން 300 ބުލޮގަރުންވެސް ހިމެނެއެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 20 ކުންފުންޏަކުން އެ ކުންފުނިތަކުގެ ހިދުމަތްތަކުގެ މައުލޫމާތު މިފެއާގައި ދިނުމަށްވަނީ ހަމަޖެހިފައެވެ.

ފެއާ ކުރިއަށް ދާ ވަގުތު ތަކުގައި ރާއްޖެ ޝޯކޭސް ކުރެވިފައިވާ ސްޓޭންޑް ކައިރި ހާއްސަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރާއްޖޭގެ ސްޓޭންޑްއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ވީއާރް ގިއަރ ބޭނުން ކޮށްގެން 'ވާޗުއަލް ރިއަލިޓީ' މެދުވެރިކޮށް ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަން ބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މީގެ އިތުރުން ދިވެހި ކާނާއިން ރަހަ ބަލާލުމުގެ ފުރުސަތުވެސް ބައިވެރިންނަށް ލިބިގެންދާނެއެވެ.

އިޓަލީގެ އެތައް ހާސް ފަރުތުވެރިންނެއް ރާއްޖެއަށް ކޮންމެ އަހަރަކުވެސް ޒިޔާރަތްކުރެއެވެ. 

Advertisement

ކޮމެންޓް