އެންމެން ވެސް ކާށިދޫ އަށް ހިޖުރަކުރަން ބޭނުން!

11 Apr 2019 | 11:44

ސޯޝަލް މީޑިޔާގައި މަޖިލިސް އިންތިޚާބުގެ ނަތީޖާ ތަކާއި ގުޅިގެން ތަފާތު ޝުއޫރުތައް އެކި ފަރާތްތަކުން ދަނީ ފާޅުކުރަމުންނެވެ. މަޖިލީހަށް އަލަށް ހޮވިވަޑައިގެންނެވި ބޭފުޅުންނަށް މަރުހަބާގެ މެސެޖުތައް ދަނީ އޮހެމުންނެވެ.

އިއްޔެ ބޭއްވި މަޖިލިސް އިންތިޚާބު ކާމިޔާބު ކުރެއްވި ބޭފުޅުންގެ ތެރެއިން އެންމެ ގިނައިން އެބޭފުޅަކަށް މަރުހަބާގެ މެސެޖު ސޯޝަލް މީޑިޔާގައި އޮއްސާލެވޭ އެއްބޭފުޅަކީ ކާށިދޫ ދާއިރާގެ މަޖިލިސް ގޮނޑި ކާމިޔާބު ކުރެއްވި އަބްދުﷲ ޖާބިރެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ ޖާބިރުގެ ކާމިޔާބީ އަށް މަރުހަބާ ކިޔުމަށް ފަހު ހަމަ އެނޭވާގައި ގިނަ ބަޔަކު އެދެމުން ދަނީ ކާށިދޫއަށް ހިޖުރަކުރެވޭނެ ގޮތް އޮޅުން ފިލުވުމަށެވެ.

ގިނަ ބަޔަކު ކާށިދޫއަށް ހިޖުރަކުރަން ބޭނުންވެގެން މިއުޅެނީ އަބަދުވެސް ތަފާތު ވާހަކަފުޅުތަކެއް ދައްކަވާ ޖާބިރުގެ ޕީއެސްއެމްއިން ބޭއްވި މަޖިލިސް ބަހުސްގައިވެސް ވެވަޑައިގެންނެވި ބޮޑެތި ވައުދުތަކާއި ގުޅުވައިގެންނެވެ.

ރައްޔިތުންގެ މަޖިލިސް ބަހުސްގައި ޖާބިރު ވިދާޅުވި ގޮތުގައި ކާށިދޫ ދާއިރާގައި 30000 މީހުން އާބާދުވާނެ ސިޓީއެއް ބިނާކުރެއްވުމުގެ ތަަސައްވުރެއް އެބޭފުޅާ ގެންގުޅުއްވައެވެ. އެގޮތުން ކާށިދޫ އަކީ އެންމެ ޒަމާނީ ވަސީލަތްތަކާއި އެކު ތަރައްގީ ކުރެވިގެންދާނެ ސިޓީއަކަށް ހެދުމަށް އެމަނިކުފާނު ކުރައްވާ އުއްމީދުގެ ތެރެއިން ކާށިދޫގައި އެއާޕޯޓެއް އެޅުމަށްޓަކައި އެކަމަށް ބޭނުންވާ ފައިސާވެސް އަމިއްލަފުޅަށް ހަމަޖައްސަވާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ކާށިދޫ އިން 10 ބިމެއް މިހާތަނަށް ބައްލަވައިގެންފައިވާ ވިޔަފާރިވެރިޔާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ގާއިމް ކުރެވޭނެ އެންމެ ބޮޑު އަދި އެންމެ ޒަމާނީ ހެލްތު ފެސިލީޓީގެ ގޮތުގައި "ޖާބިރު ހޮސްޕިޓަލް" ވެސް ކާށިދޫގައި ތަރައްޤީ ކުރެއްވުމަކީ އެބޭފުޅާގެ ތަސައްވުރެކެވެ.

ކޭބަލް ކާރު އަޅާ ވާހަކައާއި އިސްލާމިކް ޓުއަރިޒަމް ފަދަ އެތައް ކަމެއް ކުރެެއްވުމަށް ޕްލޭންތައް ހައްދަވައި ޖާބިރު ވަނީ މަޖިިލިސް އިންތިޚާބުގެ ކުރިން އެ ޕްލޭންތައް ހިއްސާކުރައްވާފައެވެ.

އަދި ހަމައެހެންމެ ބައިނަލްއަޤްވާމީ ކޮންސަލްޓެންޓުން ގެނެސް ދިރާސާތައް ކުރިއަށް ގެންގޮސް ކާށިދޫ "އުސްކޮށްލާ" ރާއްޖޭގެ އެންމެ އުސް އިމާރާތްތައް އެރަށުގައި އަޅާނެ ކަމުގެ ވައުދުތައް ޖާބިރު ވަނީ މަޖިލިސް އިންތިޚާބުގެ ކެމްޕެއިންގައި ވެވަޑައިގެންފައެވެ.

ޖާބިރު ހޮވިވަޑައިގަތުމުން ސޯޝަލް މީޑިޔާގައި ކާށިދޫއަށް ހިޖުރަކުރަން ބޭނުންވެގެން އެވާހަކަ އެންމެން ވެސް ފޯރީގައި ދައްކަނީ ކާށިދޫއަށް އަންނަ ތަރައްޤީ ބޭނުންވެގެން ކަމަށް ބުނެއެވެ.

ކޮންމެ އަކަސް ޖާބިރުގެ ސިޔާސަތުތަކާއި ތަަސައްވަރުތަކަށް އާނ ބަސް ބުނެ ކާށިދޫއިން އެބޭފުޅާ އިންތިޚާބުކޮށްފިއެވެ. ދެން އޮތީ އެރަަށް އެ ތަސައްވަރާއި އެއްގޮތަށް ތަރައްޤީ ކުރެއްވުމަށް ޖާބިރު މަސައްކަތް ކުރައްވާ މަންޒަރު ބެލުމެވެ.

Advertisement

ކޮމެންޓް