މިހާރު ރިޝްވަތަކީ ކޮބާ؟ ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން އާ ވިސްނުމެއް

08 Apr 2019 | 13:18

ރިޝްވަތަށް ރާއްޖޭގެ ޑިމޮކްރަސީގައި އަޑު އުފުލައި މަޝްހޫރުކަން ހޯދާފައިވާ ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ޒަމާނީ ނަމެއް ތައާރަފްކޮށްފިއެވެ. އިންތިޚާބީ ކަންކަމާއިގުޅޭގޮތުން އެޖަމްއިއްޔާއަށް ފާހަގަކުރެވޭ ކަންކަން ހާމަކުރުމަށް ނޫސްވެރިންނާއި ބައްދަލުކޮށް ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ވެރިން ރިޝްވަތުގެ ފައިސާއަށް ތައާރަފްކުރި މޮޑަން ނަމަކީ އިންތިޚާބީ ފައިސާއެވެ.

ރިޝްވަތު ހަރާމްއެއްޗަކަށްވިޔަސް އިންތިޚާބީ ފައިސާއަކީ ހަރާމްއެއްޗެއްކަމަށް ބުނެވޭނީ ކިހިނެތްތޯއެވެ. ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމަކީ ކުށެކެވެ. ގާނޫންގައި ބަޔާންވެގެންވާ ކުށުގެތެރޭގައި އިންތިޚާބީ ފައިސާގެވާހަކައެއް ނުހިމެނެއެވެ.

އިއްޔެ ރާއްޖޭގައި ނިމިގެންދިޔަ އާއްމު އިންތިޚާބުގައި ވޯޓްގަތުމާއި ވިއްކުމުގެ އަމަލުތައް ވަރަށް ބޮޑަށް ހިގަމުންގޮސްފައިވާކަން ފާހަގަކުރެވޭކަމަށް ކެމްޕެއިންތެރޭގައި ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ބުނެފައިވެއެވެ.

އިންތިޚާބުގެ ކެމްޕެއިންތެރޭގައި ކެންޑިޑޭޓުން ވޯޓާއިގުޅޭގޮތުން އެކެންޑިޑޭޓުންގެ ދާއިރާގެ މީހުންނާ ބައްދަލުކުރަމުންދިޔައިރު ވޯޓްދޭނީ ލާރިގިނައިންދޭބަޔަކަށްކަމަށް ވަރަށް ގިނަ މީހުންބުނާކަމަށް ބައެއް ކެންޑިޑޭޓުން ބުނަމުންދިޔައެވެ. އެއީ ރިޝްވަތުގެ އަމަލަކަށްވެ ހަލާލު އެއްޗަކަށް ނުވެދާނެކަމާއި ދީނުގައި ހަރާމް އަމަލެއްކަމަށް ބުނީމާ ދީނުގެ ވާހަކަ ނުދައްކާށޭ ވޯޓްދޭނީ ފައިސާދިނީމާކަމަށް ބުނި ކިތަންމެ ބަޔަކާއި ދިމާވެފައިވާކަމަށް ބައެއް ކެންޑިޑޭޓުން ބުނެފައިވެއެވެ. ބައެއް ރަށްރަށުގެ ވޯޓްދިން މެޖޯރިޓީ ރައްޔިތުން ރިޝްވަތުގެ ފައިސާ ނަގާފައިވާކަމަށް އެކެންޑިޑޭޓުން ބުނެއެވެ.

ވޮއިސްއާއި ވާހަކަދެއްކި ބައެއް ކެންޑިޑޭޓުން ވިދާޅުވެފައިވާގޮތުގައި ރާއްޖެއިން ކަރޮޕްޝަން ހުއްޓުވުމަކީ މިހާރު އިމްޕޮސިބަލްކަމެކެވެ. ވެރިންގެ ކަރޮޕްޝަނާއި ފަސާދައިގެ ވާހަކަ ދައްކާއިރު އާދައިގެ ރައްޔިތުމީހާވެސްހުންނަނީ ހަމަ އެދަރަޖައަށް ކަރޮޕްޓްވެ ފަސާދަވެފައިކަމަށް އިންތިޚާބުގައި ދިމާވި ކަންކަމުން އެމީހުންނަށް ގަބޫލުކުރެވިއްޖެކަމަށް ބުންޏެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެފައިވާގޮތުގައި އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ ސްޕަމެޖޯރިޓީ ނެގުމުގައި ރައްޔިތުންގެތެރެއަށް ފަހުގަޑީގައި ލާރި އޮއްސާލިއެވެ. އެކަމަކު އެހާވަރަށް އެމްޑީޕީން ފައިސާ ހޯދާނީ ކޮންތާކުންހެއްޔެވެ. އެމްޑީޕީގެ ކެންޑިޑޭޓަކު ވިދާޅުވިގޮތުގައި އިންތިޚާބަށް ހޭދަކުރުމަށް އޭނާއެދުނު އެއްމިލިޔަން ރުފިޔާ ޕާޓީން ފޯރުކޮށްދިނެވެ. އަޑުއިވޭގޮތުން ޖުމްހޫރީ ޕާޓީން ވާދަކުރި ބައެއް ކެންޑިޑޭޓުންވެސް ގިނައަދަދަކަށް ރިޝްވަތުގެ ފައިސާ ނުވަތަ އިންތިޚާބީ ފައިސާ ބެހިއެވެ. އަމިއްލަގޮތުން ނުކުތް ބައެއް ކެންޑިޑޭޓުންވެސް އެހާވަރަށް ލާރިއެޅިއެވެ. މާލޭގެ ބައެއް ދާއިރާތަކުގެ ގެތަކަށް ލައްކަ ލައްކައިން ފައިސާދިނެވެ. ޕީޕީއެމްގެ ކެންޑިޑޭޓަކު ބުނީ އެޕާޓިން ވާދަކުރި ކެންޑިޑޭޓުންނަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ލާރިއަށް އެދުނުމީހުންނަށް ދޭނެ ފައިސާ ޕާޓީން ލިބޭގޮތް ނުވުމެވެ. ވޯޓްލުމުގެ މާކުރިން އެކެންޑީޑޭޓުންތިބީ ކަރުއެލިފައެވެ. ރިޔާސީ އިންތިޚާބުގައިވެސް ޔާމީން އަބްދުލް ގައްޔޫމަށް ނާކާމިޔާބުވި އެންމެ ބޮޑު ސަބަބަކީ ރިޝްވަތުގެ ފައިސާބަހަން އެކައުންޓްގައި ފައިސާހުރެ ނުބަހައި ރައްޔިތުން ހޮވާނެކަމަށް އުއްމީދުކޮށްގެން ހުރުމެވެ.

ކޮންމެއަކަސް ކުރިމަތިވަނީ ބަރަކާތްތެރި ރަމަޟާންމަހެވެ. އިންތިޚާބީ ރިޝްވަތުގެފައިސާ ދިން މީހުންނާއި ރިޝްވަތުގެ ފައިސާނަގައި ދަރިންނަށް ކާންބޯންދިން މީހުން ތައްޔާރުވަނީ ރަމަޟާންމަހުގެ ބަރަކާތާއި ސަވާބު ލިބިގަތުމަށެވެ. އަދި އެއަށްވުރެ ރަނގަޅު ފުރުސަތަކީ ރަމަޟާންމަހު ސަދަގާތްކޮށް އުމުރާ ދަތުރެއްކޮށްލެވޭހާ ފައިސާ ލިބިފައިވުމެވެ.

Advertisement

ކޮމެންޓް