Advertisement

ރައީސް މައުމޫންގެ ސިޔާސީ އެއްވެސް ހަމްދަރުދީއެއް ހަނގު ދަރިކަލުން ޣައްސާނަށް ހަމަ ނެތީބާއެވެ؟

09 Apr 2019 | 20:06

ރައީސް މައުމޫން އެމަނިކުފާނުގެ ހަނގުދަރިކަލުން ޣައްސާން މައުމޫންއާއި ދުރުވެވަޑައިގަތީތޯއެވެ. އިންތިޚާބަށް އެމަނިކުފާނުގެ ދޮށީ ފިރިހެންދަރިކަލުން ފާރިޝްމައުމޫންއާއި އަދި އެންމެ ހަނގު ދަރިކަލުން ޣާއްސާން މައުމޫން ނުކުމެވަޑައިގަތުމުން ހަނގުދަރިކަލުންނާމެދު ސިޔާސީ އެއްވެސް ރަހުމެއް ދެއްކެވިތަނެއް ނުފެނެއެވެ. އޭގެބަދަލުގައި ފާރިޝްގެ ކެމްޕެއިންގައި އަމަލީގޮތުން ބައިވެރިވެވަޑައިގެން ޑޯޓުޑޯ އަށް ވަޑައިގެން ރައްޔިތުންގެ ގާތު ފާރިޝްއަށް ވޯޓްއަޅައިދޭން އެދިވަޑައިގަތެވެ. އަދި އެމަނިކުފާނުގެ ދެދަރިކަނބަލުން ދުންޔާއާއި ޔުމްނާ މައުމޫންވެސް ފާރިޝްގެ ކެމްޕެއިންގައި ބުރަކޮށް މަސައްކަތްކޮށްދެއްވައި ހެޔޮދުއާކޮށް ފޭސްބުކާއި ޓުވިޓާގައި ވާހަކަ ދައްކަމުންދިޔައިރު ޣައްސާން ފަކީރުގެ ވާހަކައެއް ބައްޕަ އަދި ދެ ދައްތަވެސް މަންމަވެސް ނުދެއްކެވިއެވެ.

އެހެންވީމާ ޣައްސާން މަސައްކަތްޕުޅުކުރެއްވީ ގިނިކަންޏާއެވެ. ތ ގުރައިދޫގެރައްޔިތުންގެ ހިތުގައި އުފެދުނު ހަމްދަރުދީއެއްގެ ބޮޑުކަމުން ރައްޔިތުން ނުކުމެ އެ އެރައްޔިތުން ތަމްސީލުކުރާ ގޮނޑީގައި ސާބިތުކަމާއެކު ބޭންދުމުންވެސް ރައީސް މައުމޫންގެ ދޫފުޅުން ހަނގުދަރިކަލުންނާމެދު އެއްވެސް އުފާވެރި ޝުއޫރެއް ފާޅެއް ނުކުރެއްވިއެވެ. އޭގެބަދަލުގައި މައުމޫނާއި އާއިލާގެ ހުރިހައިބޭފުޅުންވެސް ހިއްވަރުދެއްވާހެއްދެވީ ފާރިޝްއަށެވެ. ފާރިޝްގެ ކުޅަދާނަކަމާއި ހިއްވަރަށެވެ. ރައީސް މައުމޫން ނާދިރާއަށް ކެމްޕެއިންކޮށްދެއްވިއިރުވެސް އަމިއްލަފުޅު ހަނގުދަރިކަލުންގެ މަތިން ހަނދުމަފުޅުކުރައްވަން ބޭނުންފުޅެއްނުވިއެވެ.

އިންތިޚާބުގެ ކެމްޕެއިންތެރޭގައި އަޅުގަނޑު ވަރަށް ޝައުގުވެރިކަމާއެކު ރައީސް މައުމޫން އެމަނިކުފާނުގެ ލެގަސީ ނެގެހެއްޓުމަށް ކުރައްވަމުންގެންދެވި މަސައްކަތްޕުޅު ބަލަމުންދިޔައިމެވެ. މަޖިލިސް ބަހުސް 2019 ގައި ފާރިޝްއާއި ޣައްސާންގެ ބަހުސްތައް ބަލައިލީމެވެ. އެބަހުސްތަކުން ދެބޭފުޅުންގެ ކެރެކްޓަރ ކުޑަކޮށް ހިތަށް ނަގައިގަނެވުނެވެ.

ދެބޭފުޅުންވެސް ގެންގުޅުއްވީ ބައްޕަ މައުމޫންފަދަ މަޑުމައިތިރި މިޒާޖެކެވެ. އެކަމަކު ޣައްސާން ތަފާތެވެ. އޭނާގެ ބައްޕަ މައުމޫންގެ ބަސްފުޅުތައް އެމުނިއެކުލަވާލާފައި ހުންނަގޮތާއި ބަލާޣާތްތެރިކަމާއި ބޮޑީލޭންގުއެޖާއި މިހުރިހައިކަމަކަށްބެއްޔަސް ހަނގުދަރިކަލުން ޣާއްސާން ފެނުނީ މައުމޫންގެ ވަށްޓަފާޅި ވަރަށް ރަނގަޅަށް އަށަގެންފައިވާ ބޭފުޅެއްގެ ގޮތުގައެވެ. އެއީ ހަމަ ފައްކާ ކުޑަމައުމޫނެކެވެ.

ސިޔާސީ ހަމްދަރުދީއެއް ބައްޕަ މައުމޫނާއި އަދި ދެދައްތައާއި ބޭބެގެ ފަރާތްޕުޅުން ކުޑަ މައުމޫނަށް ލިބިވަޑައިނުގަތީ ސިޔާސީ ގޮތުން ހުންނެވި ފަޅީގައިކަމަށް ގަބޫލުކުރެވެއެވެ. ބައްޕައާއި ބޮޑުބޭބެއާއި ދެމެދު އުފެދުނު ސިޔާސީ ހަނގުރާމައިގައި ބައްޕަ އާއި ދޮށީބޭބެއާއި ދެދައްތައިން ކުރިއަށް ނުކުމެވަޑައިގެން ބޮޑުބޭބެގެ ވެރިކަން މުލުން ލުހެލައި ވަށްޓައި ދިގުވެރިކަމެއް ރާއްޖޭގައި ކުރި ކާމިނީގޭގެ ވެރިކަން ނިމިގެންދިޔައިރު ޣާއްސާންހުންނެވީ ސިޔާސީ ގޮތުން ބޮޑުބޭބެގެ ފަޅީގައެވެ. ބޮޑުބޭބެގެ ފިކުރުގައެވެ. ބޮޑުބޭބެގެ ވެރިކަން އެފަދައިން ވަށްޓައިލާންޖެހޭކަމަށް އޭނާއަށް ގަބޫލުކުރަންދަތީއެވެ.

މިހާރުމިވީ ކިހިނެތްތޯއެވެ. ކާމިނީގޭގެ ވެރިކަމުގެ ހުޅުކޮޅު ދިއްލަވަން ރައީސް މައުމޫން ރޯކުރެއްވި ހުޅުކޮޅު ފާރިޝްއަތްޕުޅުން ނިވިގެންދިޔައީއެވެ. ފަސްއަހަރުގެ ދިގު މުއްދަތަކަށެވެ. އެކަމަކު އުއްމީދުގެ އަލިކަންގެނެސްދޭ ކުޑަކުޑަ ހުޅުކޮޅަކާއެކު ހަނގުދަރިކަލުން ބައްޕަ މައުމޫނަށް އެބަ ބައްލަވައެވެ. އެއްޗެއް ވިދާޅުވޭތޯއެވެ؟ 

Advertisement

ކޮމެންޓް