ދިވެހި ފުޓްބޯޅަ އަނދަވަޅެއްގެ ތެރޭގައި، ފެންނަމުން ދަނީ އެފެ.އޭ.އެމް ގެ ދޯހަޅިކަން

12 Oct 2018 | 16:49

ދިވެހި ފުޓްބޯޅަ މިއަދު އަނދަވަޅެއްގެ ތެރެއަށް ވެއްޓިފަ އޮތް ކަމާމެދު ޝައްކު ކުރާނެ އެއްވެސް ފަރާތެއް ނުވާނެއޭ ބުންޏަކަސް ދޮގަކަށް ނުވާނެއެވެ.

މިފަހުން އެންމެ ގަދަޔަށް އިވޭ ވާހަކައަކީ ކުލަބްތަކުގެ ކުޅުންތެރިންނަށް މުސާރަ ނުދެވޭ ވާހަކައިގެ އަޑެވެ. ބިދޭސީ ކުޅުންތެރިންނަށް މުސާރަ ނުދެވިގެން އެ ކުޅުންތެރިންގެ ގައުމަށް އަނބުރާ ފޮނުވާލާ ވާހަކައެވެ. ޓީމު ތަކުން ފަރިތަކުރުންތައް ނުބާއްވާ މެޗުތަކަށް ނުކުންނަ ތަނެވެ. މިކަހަލަ ކިތަންމެ މަންޒަރު ތަކަކާއި އަޑުތަކެކެވެ. 

މިއީ ދިވެހި ފުޓްބޯޅައަށް ލޯބި ކުރާ ފަރާތްތަކުގެ ހިތްތައް ފުނޑު ފުނޑު ކޮށްލާ ކަހަލަ އަޑުތަކާއި މަންޒަރު ތަކެވެ.

ސުވާލަކީ މި މައްސަލަތަކަށް ހައްލެއް ނެރޭނީ ކޮންފަރާތަކުން ތޯއެވެ. އެފެ.އޭ.އެމް އިން ތޯ ނޫނީ ކުލަބްތަކުން ހެއްޔެވެ؟

ކުޅުންތެރިންނަށް ގަވައީދުން މުސާރަ ނުލިބުމާއި ބިދޭސީ ކުޅުންތެރިން އަނބުރާ ގައުމަށް ފޮނުވާލަން ޖެހުމަކީ މީގެ އަހަރުތަކެއް ކުރިންވެސް އޮތް މައްސަލަތަކެކެވެ. ތަފާތަކީ ހަބަރުތަކުގެ ސުރުހީތަކަށް ނާރާކަމެވެ. 

އެފް.އޭ.އެމް އިން މި މައްސަލަތައް ހައްލު ކުރުމުގެ ނިޔަތުގައި ސަރުކާރުގެ ކުންފުނިތައް މެދުވެރިވެގެން ކުލަބްތަކަށް ފައިސާ ލިބޭގޮތަށް ވަނީ އެއްބަސްވުން ތަކެއް ހަދާފައެވެ.

ނަމަވެސް މިކަން ކުރުމުގައި މާ ރޭވުން ތެރި ގޮތްތަކެއް ނުގެންގުޅުމުގެ ސަބަބުން ބައެއް ކުލަބްތަކަށް ކުންފުނިތަކުން ލިބެން ޖެހޭ ފައިސާ ލިބުމުގައި ދަތިތަކެއް އަންނަނީ ކުރިމަތި ވަމުންނެވެ. ކުލަބްތަކައް ދެ މިލިއަނެއްހާ ރުފިޔާ ކުންފުނިތަކުން ލިބޭގޮތަށް ހަމަޖައްސާފަ އޮތް އިރު އެ ފައިސާ ހަރަދު ކުރާގޮތް އެފް.އޭ.އެމް އިން ބަލަނީ ކިހާވަރަކަށްތޯވެސް މިއީ ސުވާލު އުފެދޭ ކަމެކެވެ. މިހެންމިކަން ވަނީނަމަ މިކަންވެސް މާގިނަ ދުވަހެއް ނުވެ ފެންނާނީ ހުއްޓާލާތަން ކަމައްވެސް ފަހަރުގައި ވެދާނެއެވެ.

ދިވެހި ފުޓްބޯޅައާއި ބެހޭ މައި އިދާރާއަށް ވެ އޮވެ އެފް.އޭ.އެމް އަށް އެތަނުގެ ޒިންމާ ނެގޭ މިންވަރާމެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ. ފުޓްބޯޅައިގެ ކަންތައްތައް ކުރި އަރުވައި ހަރުދަނާ ކުރާ ވާހަކަތަކައް ވުރެ މީގެ ދުވަސްކޮޅެއް ކުރިން އެތަނުގެ އެތޭރޭގެ ކޯޅުންތަކުގެ ވާހަކަތައް މީޑިއާތަކުން ކަވަރު ކުރިލެއްވެސް މާ ގިނަކަން ފާހަގަކޮށްލެވެއެވެ.

ދިވެހި ފުޓްބޯޅައިގެ ހާލަތު ގޯސްވީމައި ކުލަބް ތަކުން ހަރުދަނާ ވާން ގޮވާލުމަކުން އަދި ނުފުދޭނެއެވެ. އެންމެ ފުރަތަމަ ކަމަކަށް ކަނަތައްތައް ރެގިއުލޭޓް ކުރަން އޮންނަ ފަރާތުން ކޮންމެ ފަހަރަކު 'އަލިފާން' ރޯވީމައި ފިޔަވަޅުތަކެއް އެޅުމުގެ ބަދަލުގައި ދުރާލާ ރޭވުންތަކެއް ރާވައި ފުޓްބޯޅައަށް އެދެވޭ އަސަރުތަކެއް ކުރާ ރަނގަޅު ނަތީޖާއެއް ނެރެވޭނެހެން މަސައްކަތްތައް އިންތިޒާމް ކޮށް ހިންގުން މާ ބުއްދިވެރިވާނެއެވެ.

ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ދިވެހި ފުޓްބޯޅައަށް އޮތް ފޯރި ގެއްލެން ފެށީ 2008 ގެ ފަށުން ރާއްޖެއަށް އައި ސިޔާސީ އޮއެވަރުގެ ތެރެއިންކަމެވެ. މިކަންތައްތަކުގެ ތެރެއިން މަޝްހޫރު އަދި ނުފޫޒު ގަދަ ސިޔާސީ މީހުންގެ ނުފޫޒު ކްލަބްތަކުގެ އިތުރުން އެފް.އޭ.އެމް އަށްވެސް ވަނީ ކޮށްފައެވެ. މީގެ އެއްމިސާލަކީ އެފް.އޭ.އެމްގެ ފުރަތަމަ އިންތިހާބީ ރައީސް އަކަށްވެސް ހޮވިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ސަރުކާރާއި އިދިކޮޅު މެންބަރެއް ކަމުގައިވުމެވެ.

ސިޔާސީ ބޭފުޅުން ތަނުގެ މަތީ ފަޑީގައި ތިބުމުގެ ސަބަބުން ސަރުކާރުން ބޮޑު ހޭދައެއްކުރާ އެފް.އޭ.އެމް އަށް އޭގެ ނޭދެވޭ އަސަރުކުރުމާއި ބޮޑެތި ގޮންޖެހުތަކާއި ކުރިމަތިލާން ޖެހުމުގެ ނަތީޖާ މިއަދު އަޅުގަނޑުމެންގެ ލޯމަތިން މިދަނީ ފެންނަމުންނެވެ.

މިއަދުވެސް ފެނިގެންދަނީ ސީދާ ގޮތުން ވިޔަސް ނުސީދާ ގޮތުން ވިޔަސް ކުލަބުތަކުގެ ރައީސުންނަށާއި ބޯޑުތަކަށް ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ބޭފުޅުން އައްޔަނު ކުރެވޭތަނެވެ.

ދިވެހި ފުޓްބޯޅައަށް ލޯބި ކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ސިޔާސީ މީހުންގެ ޝާމިލުވުމާއި ހެދި ދިވެހި ފުޓްބޯޅައިގެ ކަންތައްތައް ދުވަހުން ދުވަހައް ގޯސްވުމަކީ ބަލާލަން މާ ހިތްގައިމު މަންޒަރު ތަކެއް ނޫނެވެ.

އެފް.އޭ.އެމް އަދި ކްލަބްތަކުގެ މަގާމުތަކަށް ކަމަށް ކުޅަދާނަ މީހުން އިންތިހާބު ކުރުމަކީ މިހާރުން މިހާރަށްވެސް ކުރަންޖެހިފަ އޮތް ކަމެކެވެ.

ރާއްޖެ މިފަހަރުގެ ސާފް ޗެންޕިއަންކަން ނަގައިފިއެވެ. އެކަމަކު ސަރަހައްދީ ޗެންޕިއަންކަން ރާއްޖެ ހޯދިއިރު ގައުމީ ފުޓްބޯޅަ ޓީމުގެ ފުރަތަމަ 11 ގެ ކުޅުންތެރިންގެ ނަންތައް އިނގެނީ އަހަރުމެންގެ ތެރެއިން ކިތައް މީހުނަށްބާ؟

މިއަހަރު ބޭއްވުނު ސުޒުކީ ސާފް ޗެންޕިއަންސިޕްގެ ޗެންމިއަންކަން ހޯދި ދިވެހި ޓީމް

ރުފިޔާ ފޮތްޗެއް އެއްލައިގެން ނަސީބަށް ބަރޯސާ ވެގެން ދިވެހި ފުޓްބޯޅަ ކުރިއަރާނެ ކަމާމެދު ޝައްކެވެ.

ރާއްޖޭގެ އާބާދީއާ އެއްފަދަ އާބާދީއެއް އޮންނަ އައިސްލެންޑުން އެދަނީ ފުޓްބޯޅައިގެ ދުނިޔޭގެ އެންމެ ގަދަ ބާރުތަކާއި ވާދަކުރަމުންނެވެ. އެގައުމުން އެހިސާބަށް ވާސިލުވުމުގެ އެންމެ ބޮޑު ސަބަބަކީ އެގައުމުގެ ފުޓްބޯޅައާއި ބެހޭ އިދާރާގެ ރޭވުންތެރި ކަމެވެ. ފުޓްބޯޅަ ކުރިއަރުވަން ކަނޑައެޅި ހަރުދަނާ ޕޮލިސީތަކެވެ.

މައްސަލަތައް ފެންމަތި ވާއިރަށް ކުލަބްތައް ޒިންމާދާރު ނޫންކަމަށް ބުނެ، އެއް އަހަރު ކުޅޭ މުބާރާތެއް ޖެހިގެން އަންނަ އަހަރު ނުބާއްވަން ނިންމާ، މުބާރަތްތަކުގެ ފޯމެޓަށް ދެ ދޭތެރެއަކުން ބަލަދު ގެނެސް، ރާއްޖެއިން ބޭރުގައި ވާދަ ކުރަން ލިބޭ ފުރުސަތުތައް ހިތައް އެރީމާ ދޫކޮށްލާފަ ހިތައް އެރީމަ ބައިވެރިވާން ނިންމައިގެން ދިވެހި ފުޓްބޯޅައެއް ކުރިއެއް ނާރާނެއެވެ.

Advertisement

ކޮމެންޓް