އެމްޑީޕީއަށް މެޖޯރިޓީ ލިބުން އިންޑިޔާއަށް ކާމިޔާބީ އަކަށް ވަނީ ކީއްވެ؟

09 Apr 2019 | 16:54

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގިނިކަންޏާއި ނިކުމެ 65 ގޮނޑި ކާމިޔާބުކޮށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިވަނީ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ނަގާފައެވެ. އެއާއި އެކު ކުރިއަށް އޮތް 5 އަހަރު ސިޔާސީ ގޮތުން ހިންދެމިލުމުގެ ފުރުސަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ސަރުކާރަށް މިވަނީ ލިބިފައެވެ.

އެމްޑީޕީން ހޯދި ބޮޑު ކާމިޔާބީ މުހިއްމީ ހަމައެކަނި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް އެކަންޏެއް ނޫނެވެ. މަޖިލީހުގައި ބޮޑު އަޤްލަބިއްޔަތެއް އެމްޑީޕީއަށް ލިބުމަކީ އަވަށްޓެރި އިންޑިޔާއަށް ވެސް މުހިއްމު ކާމިޔާބީ އެކެވެ.

އިންޑިޔާ ކަނޑުގައި ޗައިނާގެ ނުފޫޒު ގަދަކުރަމުން އަންނައިރު ޖިއޮގްރަފީ ގޮތުން ރާއްޖެ އޮތީ އިންޑިޔާ އާއި ޗައިނާއަށް ވެސް މުހިއްމު ހިސާބެއްގައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާ އާއި އެކު ގާތްގުޅުމެއް ބޭއްވި އިރު އެކަމާއި ދެކޮޅު ހެދުމުގެ ގޮތުން ރާއްޖެއަށް ފިއްތުންތައް ކުރިމަތި ކުރުވީ އެހެންވެގެންނެވެ.

2018 ވަނަ އަހަރު ރިޔާސީ އިންތިޚާބު ރާއްޖޭގައި ކުރިއަށް ދިޔައިރު އިންޑިޔާގެ ނުފޫޒު ރާއްޖެއިން އެއްކޮށް "ފޮހެލުމުގެ" ވިސްނުމެއް އޭރުގެ ސަރުކާރުން ގެންގުޅުނެވެ. ރައީސް ޔާމީންގެ ސަރުކާރުން އޮތީ ރާއްޖޭގައި އޮޕަރޭޓްކުރަމުން ދިޔަ އިންޑިޔާގެ ހެލިކޮޕްޓަރުތައް ވެސް ފޮނުވާލަން ނިންމައިފައެވެ.

އެ ނިންމުން އަނބުރާ ގެންދިޔައީ، ޗައިނާ އާޢި ދެކޮޅު ސިޔާސަތަކާއި ފާޅުގައި ދެކޮޅު ހައްދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މަދަދުވެރިކަމާއި އެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ސަރުކާރުންނެވެ.

ރައީސް ސޯލިޙްގެ ވެރިކަމުގެ ފުރަތަމަ 4 މަސް ދުވަހުގެ ތެރޭގައި އިންޑިޔާ އާއި އެކު އެތައް އެއްބަސްވުމެއްގައި ސޮއިކުރެވި، ރާއްޖޭގައި ތިބޭ އިންޑިޔާ ސިފައިންގެ އަދަދު ވެސް ވަނީ އިތުރުކޮށްފައެެވެ. އިންޑިޔާއިން ރާއްޖެއަށް ތަފާތު އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ކަންތައް ވަނީ ފާއިތުވި މަދު ދުވަސްކޮޅެއްގެ ތެރޭގައި ފެނިގެން ގޮސްފައެވެ.

މަޖިލިސް އިންތިޚާބުގައި އެމްޑީޕީއަށް ކާމިޔާބު ނުވި ނަމަ އިންޑިޔާ ސިފައިން ރާއްޖޭގައި ތިބުމަށް ނިމުމެއް އައުމުގެ ފުރުސަތު އޮންނާނެއެވެ. އެފަދަ އިޝާރާތްތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމް ވެސް ވަނީ ނުސީދާ ގޮތެއްގައި ދެއްވާފައެވެ.

މަޖިލިސް މެޖޯރިޓީ އެމްޑީޕީން ހޯދުމުން ކުރިއަށް އޮތް 5 އަހަރު އިންޑިޔާގެ ނުފޫޒާއި ދެކޮޅު އިދިކޮޅު ލީޑަރުންނަށް މަސައްކަތް ކުރުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ. އެއީ އިންޑިޔާއަށް ލިބުނު ބޮޑު ކާމިޔާބީ އެކެވެ.

ފާއިތުވި 4 މަހެއްހާ ދުވަހުގެ ތެރޭގައި އިންޑިޔާ އިން ރާއްޖެއަށް ދިން އެހީގެ އަދަދުތަކަށް ބަލާލި ކަމުގައި ވިޔަސް ރާއްޖެ އާއި އެކު އޮތް ގުޅުން ވަރުގަދަ ކުރުމަށް އެގައުމުން ބޭނުންވެފައިވާ މިންވަރު ހާމަވެއެވެ. އެ އެހީތެރިކަމުގެ ތެރޭގައި ރާއްޖޭގައި އިންޑިޔާގެ އަސްކަރީ ބާރު ގަދަކުރުން ހިމެނޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު މެން ފަދަ ބޭފުޅުން ތުހުމަތު ކުރައްވައެވެ.

ރާއްޖެ ހިމެނޭގޮތަށް ޗައިނާއިން ގާއިމްކުރާ ސިލްކް ރޫޓްގެ މަޝްރޫއު ކުރިއަށް ދިއުމަށް ފިއްތުންތައް ކުރިމަތި ކުރުވުމަކީ އިންޑިޔާގެ މަސްލަޙަތު ހިމެނޭ ކަމެކެވެ. އެކަމަށް ތާއީދުކޮށް ނުސީދާގޮތެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެތައް ފަހަރެއްގެ މަތިން ވާހަކަ ދައްކަވާފައިވެއެވެ.

ރައީސް ނަޝީދު ވެސް ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ސުޕަރމެޖޯރިޓީ ބޭނުންކޮށްގެން ޗައިނާގެ ސިލްކް ރޫޓް މަޝްރޫއަށް ރާއްޖެއިން އެއްބާރުލުން ނުދޭން ނިންމުމަކީ އެކަށީގެންވާ ކަމެކެވެ. އެކަން އެގޮތަށް ވުމަށް އިންޑިޔާއިން ބާރު އަޅާނެ ކަމަށް ބެލެވެއެވެ.

މީގެ އިތުރުން އިންޑިޔާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ އާއި އެކު ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް އިތުރަށް އެ ގައުމުން މަސައްކަތް ކުރާނެއެވެ. އެގައުމުގެ ނޫސްތަކުގައި ރައީސް ސޯލިޙް އާއި ކުރީގެ ރައީސް ނަޝީދު ސިފަކުރަނީ ޗައިނާ އާއި ދެކޮޅު ސިޔާސަތަށް ތާއީދުކުރައްވާ ބޭފުޅުންގެ ގޮތުގައެވެ.

މަޖިިލިސް އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުމުގެ ކުރިން އިންޑިޔާއިން އެމްޑީޕީއަށް މަރުހަބާ ކިޔުމަކީ ވެސް އިންޑިޔާ ރުހޭގޮތަށް އެޕާޓީން އަމަލުކުރާނެ ކަމަށް އިންޑިޔާ އިން ޤަބޫލުކުރުން ކަމަށް ބެލެވިދާނެއެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިންޑިޔާއަށް ފައިދާ ބޮޑުގޮތަށް ރައީސް ސޯލިޙްގެ ސަރުކާރުން ގިނަ ކަންތަކެއް ވަނީ ކޮށްފިއެވެ. އިންޑިޔާގެ ހެލިކޮޕްޓަރުތައް ރާއްޖެއިން ފޮނުވާނުލަން ނިންމުމާއި، ރާއްޖޭގައި ތިބޭ އިންޑިޔާ ސިފައިން އިތުރު ކުރުމެވެ.

އިންޑިޔާގެ ސިޔާސަތުތަކަށް ތާއީދުކުރާ ރައީސް ނަޝީދާއި އެކު އެމްޑީޕީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމަކީ އިންޑިޔާ ބޭނުންގޮތަކަށް ރާއްޖޭގެ ފޮރިން ޕޮލިސީ ބަދަލުކުރުމަށް ލިބޭ ފަހި ފުރުސަތެކެވެ.  

Advertisement

ކޮމެންޓް