ބޭންކް އޮފް މޯލްޑިވްސްއަށް ގިނަ ދުވަހު ހިދުމަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑް ދީފި

11 Oct 2018 | 08:40

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ގިނަ ދުވަހު ހިދުމަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކަށް ދެވޭ އެވޯޑް ހަފްލާ ރޭ ޗަންޕާ ސެންޓްރަލް ހޮޓެލްގައި ބާއްވައިފިއެވެ.

މި އެވޯޑް ހަފްލާ ބާއްވަނީ ބީއެމްއެލްއަށް 15، 20، 25، 30 އަދި 35 އަހަރުވަންދެން ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ އަގު ވަރަޒަން ކުރުމަށްޓަކައެވެ.

ޖުމްލަ 37 މުވައްޒަފަކަށް މި އެވޯޑު ލިބުން އިރު ބީއެމްއެލްގެ ހެޑް އޮފް އިންޓާނަލް އޮޑިޓް ފާތިމަތު ރަޝީދާއަށް 35 އަހަރު ވަންދެން ބީއެމްއެލްއަށް ހިދުމަތްކުރިކަމުގެ 'ސްޕެޝަލް ކޮމެންޑޭޝަން' އެވޯޑް ވަނީ ލިބިފައެވެ. ބީއެމްއެލްއަށް 30 އަހަރު ހިދުމަތް ކޮށްގެން 'ނޯޓަބަލް' އެވޯޑު ލިބިފައިވަނީ ޑެޕިއުޓީ ސީނިއާ އޮފިސަރ އައިމިނަތު ނަސީރަށާއި، އިންޓާނަލް އޮޑިޓް މެނޭޖަރ އައިމިނަތު ހަސަން އަދި ކްލަސްޓަރ ބްރާންޗް މެނޭޖަރ ހުސެން ރަޝީދަށެވެ.

އެވޯޑުތަކުގެ ހައްގުވެރިންނަށް އެވޯޑްތައް ހަވާލު ކޮށްދެއްވީ ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީއެވެ. މި ހަފްލާގައި ވާހަކަ ދައްކަވަމުން އޭނާވަނީ ގިނަ ދުވަހު ހިދުމަތްކުރި މުވައްޒަފުންގެ މިންނަތް މަސައްކަތް ބޭންކުން ބަލާއިގަންނަ ކަމަށާއި ބޭންކު ކުރިއެރުމުގެ ހަގީގަތަކީ އެމުވައްޒަފުން ކަމަށް ވިދާޅުވެފައެވެ. އަދި އެމުވައްޒަފުންނަކީ ތަނުގެ އެހެން މުވައްޒަފުން ގަބޫލުކޮށް ބޯލަނބާ ރަނގަޅު މިންގަޑުތަކެއް އެކުލަވާލުމުގެ އަސްލުކަމަށް ވިދާޅުވެ ގިނަ ދުވަހު ހިދުމަތްކުރި މުވައްޒަފުންނަށް ވަރަށް ބޮޑަށް ޝުކުރުވެސް ދަންނަވާފައެވެ.

ބޭންކަށް ގިނަ ދުވަހު ހިދުމަތްކުރި މުވައްޒަފުންގެ އަގު ވަޒަންކޮށް ބާއްވާ މި އެވޯޑް ހަފްލާ ފުރަތަމަ ބާއްވަން ފަށާފައިވަނީ 2015 ވަނަ އަހަރުގައެވެ. ބީއެމްއެލް އަށް ވަނީ "އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑް" މި އަހަރުވެސް ލިބިފައެވެ. މިއީ ބީއެމްއެލްއަށް މި އެވޯޑް ޖެހިޖެހިގެން ލިބުނު ދެވަނަ އަހަރެވެ. މި އެވޯޑަކީ ހިއުމަން ރިސޯސް ޕޮލިސީ އަދި ޕްރެކްޓްކިސް އިން އެންމެ ރަނގަޅުކަމަށް ފާހަގަކުރެވޭ ފަރާތްތަކަށް ދެވޭ އެވޯޑެކެވެ. 

Advertisement

ކޮމެންޓް