ޤާސިމްގެ އަނބިކަބަލުން އައިޝާއާއި ގުޅޭގޮތުން ދައްކާ ދަށުދަރަޖައިގެ ވާހަކަތައް ބަލައެއްނުގަނެވޭނެ: ރައީސް ނަޝީދު

11 Oct 2018 | 18:16

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އައިޝަތު ނަހުލާއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދެކެވެމުންދާ ދަށުދަރަޖައިގެ ވާހަކަތައް އެއްގޮތަކަށް ވެސް ބަލައިނުގަނެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ މިރޭ ކުރެއްވި ޓްވީޓްއެއްގައެވެ.

ނަޝީދު ވިދާޅުވީ އައިޝާ އަކީ ވެސް ހުރިހާ ސިޔާސީ ފުރުސަތަކާއި އެންމެހައި ހައްގުތަކެއް ފުރިހަމައަށް ލިބިވަޑައިގަންނަވަންޖެހޭ ބޭފުޅެއް ކަމަށެވެ.

މިފަދައިން ރައީސް ނަޝީދު ޓްވީޓް ކުރައްވާފައިވަނީ އައިޝާ ސަރުކާރުގެ އިސްމަޤާމަކަށް އަންނަން އުޅޭ ކަމުގެ ވާހަކައެއް ފެތުރުމާ ގުޅިގެން އެމްޑީޕީގެ އެކްޓިވިސްޓުން ނުރުހުމުގެ ބަސްތައް ސޯޝަލް މީޑިއާގައި ދައްކަމުންގެންދާ ދަނޑިވަޅެއްގައެވެ.

އެގޮތުން އެންމެ ގަދައަށް ސޯޝަލް މީޑިއާގައި ދައްކާފައިވަނީ ޤާސިމްގެ އަނބިކަބަލުން މިނިސްޓަރު ކަން ބޭނުންވެގެން ކަމަށް ކުރާ ތުހުމަތުތަކެވެ. އަދި އެއާ ގުޅިގެން ވަރަށް ދަށު ދަރަޖައިގެ ވާހަކަތައްވެސް އެ ކަމަނާއާއި ބެހޭގޮތުން ބައެއް ފަރާތްތަކުން ގެންދަނީ ދައްކަމުންނެވެ.

މިކަމާ ގުޅިގެން މިހާތަނަށް ވެސް ޤާސިމް އިބްރާހިމް އަދި އައިޝާވެސް އެއްޗެއް ވިދާޅުވެފައެއްނުވެއެވެ.

އައިޝާއަކީ ޤާސިމް އިބްރާހިމްގެ މައްޗައް ކުރެވުނު ހުކުމާއެކު ސިޔާސީ ދާއިރާއަށް ނިކުންނެވި ޤާސިމް އިބްރާހިމް ގެ އާއިލާއަށް ނިސްބަތްވާ ފުރަތަމަ ފަރާތެވެ. އަދި އޭނާ ވަނީ އާއްމުންގެ ވަރަށް ބޮޑު ލޯތްބަކާ އިހްތިރާމެއް ކުޑަ ދުވަސްކޮޅެއްގައި ހޯއްދަވާފައިކަން ވެސް ފާހަގަކޮށްލެވެ.

Advertisement

ކޮމެންޓް