ބީއެމްއެލް ވާއު ކިޑްސް ރަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

09 Apr 2019 | 13:08

ބޭންކް އޮފް މޯލްޑިވްސް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވާ 'ބީއެމްއެލް ވާއު ކިޑްސް ރަން' ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް މަހުގެ 27 ވަނަ ދުވަހު ހުޅުމާލެގައެވެ.

މި ދުވުމުގައި ބައިވެރިވެވޭނީ 4 އަހަރާއި 6 އަހަރާ ދެމެދު، 6 އަހަރާއި 8 އަހަރާ ދެމެދު، 8 އަަހަރާއި 10 އަހަރާ ދެމެދުގެ އުމުރުފުރާގެ އިތުރުން 10 އަހަރާއި 13 އަހަރުގެ އުމުރު ފުރާގެ ކުދިންނަށެވެ. މިއަހަރުގެ ދުވުމުގައި 1000 ކުދިންނަށް ބައިވެރިވުމަށް ޖާގަވަނީ ހުޅުވާލެވިފައެވެ.

މި ދުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ކުދިންނަށް ބީއެމްއެލް އާއި އާކް ( އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން) އާ ގުޅިގެން ހަނގާކުރުން ހުއްޓުވުމަށް މުޖުތަމައު އިތުރަށް ހޭލުންތެރިކުރުމަށް ގައުމީ ފެންވަރުގައި ހިންގަންފަށާ 'ބީޓް ބުލީންގ' ޕްރޮގްރާމަށް ފަންޑް ރައިޒްކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. މިގޮތުން ބީއެމްއެލް އިން ގާއިމް ކޮށްފައިވާ ހާއްސަ ވެބްޕޯޓަލް މެދުވެރިކޮށް ފަންޑްރެއިޒް ކުރެވޭނެކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.

މި ދުވުމަށް ރަޖިސްޓްރީ ކުރާ ކުއްޖާ އާއި ބެލެނިވެރިޔާގެ މަޢުލޫމާތު ސައިންއަޕް ފޭޖް މެދުވެރިކޮށް ބޭންކް އޮފްް މޯލްޑިވްސްއަށް ފޮނުވާލުމުން ކޮންމެ ކުއްޖަކަށްވެސް ޚާއްސަ ޕްރޮފައިލްއެއް ތައްޔާރުކުރެވޭނެއެވެ. އަދި ޕްރޮފައިލް އެކްޓިވް ކުރުމަށްފަހު އެސް.އެމް.އެސް މެދުވެރިކޮށް މިމަޢުލޫމާތު ބެލެނިވެރިންނަށް ހިއްސާކުރުމުން ޕްރޮފައިލް ބޭނުން ކޮށްގެން ފަންޑްރެއިޒް ޕޭޖް ގާއިމް ކުރެވޭނެއެވެ. ކޮންމެކުއްޖަކަށްވެސް ފަންޑްރެއިޒް ކުރެވޭނެ އެންމެ މަތީ އަދަދަކީ 2،000 (ދެހާސް) ރުފިޔާކަމަށް ބީއެމްއެލްއިން ބުނެއެވެ.

" ވާއު ކިޑްސް ރަން އަކީ ކޮންމެ އަހަރަކުވެސް ވަރަށް ހިތްގައިމު އުފާވެރި މާހައުލެއްގައި ކުދިންނާއި ބެލެނިވެރިން ބައިވެރިވާ ވަރަށް ހާއްސަ ހަރަކާތެއް. މި ދުވުން ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ހަރަކާތްތެރިވެ އުޅުމުގެ މުހިންމުކަން ބުނެދީ ކުދިންނާއި ބެލެނިވެރިން މިކަމަށް އަހުލުވެރިކުރުވުން. އަދި މި ދުވުމާއެކު ބީއެމްއެލް އާއި އާކް ގުޅިގެން ހަނގާކުރުން ހުއްޓުވުމަށްޓަކައި މުޖުތަމައު ހޭލުންތެރިކުރުވުމަށް ހިންގާ 'ބީޓް ބުލީންގ' ޕްރޮގްރާމަށް ފައިސާ ހަދިޔާކުރުމަށް އޮންލައިން ޕޯރޓަލްއެއްވެސް މިވަނީ ގާއިމްކުރެވިފަ. އަޅުގަނޑުމެންގެ އުންމީދަކީ މިއަހަރުވެސް ވީހާވެސް ގިނަ ކުދިން މިދުވުމުގައި ބައިވެރިވެ އަދި މި މުހިންމު ޕްރޮގްރާމަށް ފަންޑްރެއިޒްކޮށްދިނުން." ބީއެމްއެލްގެ އޮފިޝަލް ވިދާޅުވިއެވެ.

މިއީ ބީއެމްއެލް ވައު ކިޑްސް ރަން ބާއްވާ ހަތަރުވަނަ އަހަރެވެ. ބީއެމްއެލް އިން ދަނީ އިޖުތިމާއި ޒިންމާގެ ދަށުން މިފަދަ ގިނަ ހަރަކާތަކެއްގައި ހިންގަމުންނެވެ. މިގޮތުން މިދިޔަ ފެބްރުވަރީ މަހު 'ބީއެމްއެލް ސްޓާފް ޗެރިޓީ ރަން' ބާއްވައި މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީ އަށް ވަނީ 80،000 ރުފިޔާ ހަދިޔާކޮށްފައެވެ.

Advertisement

ކޮމެންޓް