65 މެންބަރުން ރުއްސުން: ރައީސަށް ބޮޑު ގޮންޖެހުމަކަށް ވާނެ!

11 Apr 2019 | 08:56

ރައްޔިތުންެގެ މަޖިލީހުގެ އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ހޯދި 65 ގޮނޑި އަކީ ސިޔާސީ ގޮތުން އެ ޕާޓީއަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ. މަޖިލީހުގައި ލިބުނު ސުޕަރ މެޖޯރިޓީ އާއި އެކު ކުރިއަށް އޮތް 5 އަހަރު ދުވަހު ސިޔާސީ ގޮތުން ހިންދެމުލުމުގެ ފަހި ފުރުސަތެއް އެމްޑީޕީއަށް ލިބިއްޖެއެވެ.

އެހެން ނަމަވެސް ކުރިއަށް އޮތް 5 އަހަރު އެމްޑީޕީއަށް އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ 65 މެންބަރުންގެ ޕާލަމެންޓަރީ ގްރޫޕެއް ގެންގުޅުމެވެ. ރާއްޖޭގެ ސިޔާސީ މައިދާނުން ފާއިތުވި 5 އަހަރު ދުވަހު ވަނީ އެ މަންޒަރު ވަރަށް ރަނގަޅަށް ވެސް ފެނިގެން ގޮސްފައެެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް މަޖިލިސް މެންބަރުން ރުއްސުން އެއީ އެމަނިކުފާނަށް ވެސް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ޕީޕީއެމް ޕީޖީ ގްރޫޕްގައި ހިމެނޭ ހުރިހާ މެންބަރުންގެ ޑިމާންޑްތައް ސަރުކާރަށް ފުރިހަމަ ކޮށް ނުދެވުމުގެ ޝަކުވާ މެންބަރުން ކުރިއެވެ.

މީގެ އިތުރުން ނިޒާމުން ބޭރުން މަޖިލިސް މެންބަރުން އެމީހުންނަށް ފަހިވާ ގޮތަށް ކަންތައް ކުރުމަށް ސަރުކާރަށް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބާރު އެޅުން ފަދަ ކަންތަކަކީ ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުންގެ ނުރުހުން އަމާޒުވި ކަންތަކެވެ.

މަޖިލިސް މެންބަރުންގެ ކެމްޕެއިންގައި ހަރަކާތްތެރިވި ފަރާތްތަކަށް ވަޒީފާ ހޯދަން އުޅުއްވުމާއި އެ މެންބަރުންގެ މަސްލަޙަތު ހިމެނޭ ކަންތަކާއި ގުޅުވައި ވަޒީފާއިން ވަކިކުރުން ފަދަ ކަންތައް ހިނގިއެވެ. މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައެއް މެންބަރުން އަމަލުތައް ހިންގެވި ކަމަށް ވެސް ތުހުމަތު ކުރެވެއެވެ.

މިހުރިހާ ކަންތަކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ރައްޔިތުންގެ ނަފްރަތު އަމާޒުވުމަށް ދިމާވި ސަބަބުތަކެވެ.

މިކަންތައްތަކަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙަށް ވެސް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ. މެއި މަހުގެ 28 ވަނަ ދުވަހު 19 ވަނަ ރައްޔިތުންގެ މަޖިލިސް ހުވާ ކުރުމާއި އެކު މެންބަރުންގެ ޑިމާންޑްތައް ސަރުކާރަށް އޮހެން ފަށާނެއެވެ. ނިޒާމުގެ ތެރެއިން ކުރެވެން ހުރި ކަންތަކާއި ނިޒާމުން ބޭރުން ކަންތައް ފުރިހަމަ ކުރުމަށް އެދިއެވެ.

ކޮރަޕްޝަނަށް "ޒީރޯ ޓޮލަރެންސް"ގެ ސިޔާސަތެއް ރައީސް ސޯލިޙް ގެންގުޅުއްވި ނަމަވެސް 65 މެންބަރުންގެ ޑިމާންޑްތަކާއި އެކު އެމަނިކުފާނަށް ވެސް ޕްރެޝަރު އިތުރަށް ބޮޑުވެގެން ދާނެއެވެ. ހުރިހާ މެންބަރުން ރުއްސައިގެން ގެންގުޅުމަކީ އެއްވެސް ހާލެއްގައި ފަސޭހަ ކަމެއް ނޫންކަން ރާއްޖޭގެ ސިޔާސީ މަސްރަޚުން ވަނީ ފެނިގެން ގޮސްފައެވެ.

ރައީސް ސޯލިޙްގެ ސަރުކާރަށް 65 މެންބަރުންގެ ފަރާތުން ކުރިމަތިވާ ޕްރެޝަރާއި އެ ޕްރެޝަރާއި ސަރުކާރުން ކުރިމަތިލާނެ ގޮތް ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ފެނިގެންދާނެއެވެ. އަދި އެ ޕްރެޝަރުގެ ތެރެއިން ސިޔާސީ މަސްރަޚަށް ބޮޑެތި ބަދަލުތަކެއް ވެސް އަތުވެދާނެއެވެ.

Advertisement

ކޮމެންޓް

Advertisement