ޑީޑީ ސިޔާސީ ދާއިރާއިން ދުރަށް ވަޑައިގަންނަވަނީ

11 Apr 2019 | 19:05

ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ރިޓަޔާޑް ބްރިގޭޑިޔާ ޖެނެރަލް އިބްރާހިމްދީދީ ސިޔާސީ ދާއިރާއިން ދުރަށް ވަޑައިގަންނަވަން ނިންމަވާފައިވާކަން އިއުލާން ކުރައްވައިފިއެވެ.

2014 ވަނަ އަހަރު ސިޔާސީ ދާއިރާއަށް ނިކުންނެވި އިބްރާހިމްދީދީ އަށް ހިތަދޫ މެދު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވަނީ ނާކާމިޔާބު ވެވަޑައިގެންފައެވެ. އެހެންވެ އެބޭފުޅާ މިފަހަރުގެ މަޖިލިސް އިންތިޚާބުގައި ވާދަ ނުކުރައްވައެވެ.

ސިޔާސީ ދާއިރާއިން ދުރަށް ވަޑައިގެންނެވުމަށް ނިންމެވިކަން ހާމަކުރައްވައި އިބްރާހިމްދީދީ ކުރެއްވި ޓްވީޓްގައި ވަނީ ސޯޝަލް މީޑިޔާގެ ވަސީލަތްތަކާއި ވެސް ދުރަށް ވަޑައިގަންނަވާނެ ކަން ހާމަކުރައްވާފައެވެ.

އެހެން ނަމަވެސް އިބްރާހިމްދީދީ ވިދާޅުވި ގޮތުގައި ސިޔާސީ ދާއިރާއިން ދުރަށް ވަޑައިގެންނެވި ނަމަވެސް ޤައުމަށް އެބޭފުޅާގެ ބޭނުން ޖެހޭ ކޮންމެ ހާލަތެއްގައި އިޖާބަ ދެއްވާނެ ކަމަށެވެ.

އިބްރާހިމް ދީދީ މިހާރު ވަނީ އެބޭފުޅާގެ ޓްވިޓާރ އެކައުންޓްގެ ޕްރައިވަސީ ވެސް ވަރުގަދަ ކުރައްވާފައެވެ. އެގޮތުން އެބޭފުޅާގެ ޓްވީޓްތައް ފެންނަނީ ވެސް ހަމައެކަނި ފޮލޯވަރުންނަށެވެ.

އިބްރާހިމްދީދީ ސިޔާސީ ދާއިރާއިން ދުރަށް ވަޑައިގަންނަވަން ނިންމަވާފައި ވާއިރު އިންޑިޔާއިން އައްޑޫގައި ހަދަމުން ގެންދާ ޕޮލިސް ޓްރެއިނިން ސްކޫލްގެ މައްސަލައިގައި އެބޭފުޅާގެ ކަންބޮޑުވުންތައް ހުރިކަން މީގެ ކުރިން ވަނީ ހާމަކުރައްވާފައެވެ.

އެގޮތުން އިންޑިއާގެ މަސްލަހަތާ، އައްޑުއާ ގުޅިފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުމް އެކަމަށް ރައްދު ދިނުމުން އިބްރާހިމްދީދީ ވަނީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް