މެންބަރު އާޒިމް ވެސް މަޖިލީހުގެ ރައީސްކަމަށް ޝައުޤުވެރިވޭ!

12 Apr 2019 | 09:05

މެދު ހެންވޭރު ދާއިރާގެ މަޖިލިސް ގޮނޑި މިހާރު ވެސް ފުރުއްވަމުން ގެންދަވާ އަލީ އާޒިމް މަޖިލީހުގެ ރައީސް ކަމަށް ވެވަޑައިގަތުމުގެ ޝައުޤުވެރިކަން ފާޅުކުރައްވައިފިއެވެ.

19 ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ނުވަތަ ނައިބު ރައީސްކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވާކަން އާޒިމް ހާމަކުރައްވާފައި ވަނީ ރޭ "ރާއްޖޭޓީވީ"ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

އާޒިމް ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްކަމަށް ވަޑައިގަތުމާއި ބެހޭގޮތުން ޕާލެމެންޓްރީ ގްރޫޕުގެ ބައެއް މެމްބަރުންނާއި މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ.

"މަޖިލީހުގެ ތިންވަނަ ޓާމެއްގައި ހޭދަކުރަމުންދާ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ބޭނުންވޭ މީގެ މަގާމަކަށް ކުރިމަތިލުމަށް. ވިސްނުން އެބަހުރި، އެ ފިކުރު އެބަ ހުރި.'' އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވި ގޮތުގައި އޭނާ މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލައްވާނީ މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށެވެ.

މަޖިލީހުގެ ރައީސްކަމަށް އާޒިމް ޝައުޤުވެރިކަން ފާޅުކުރެއްވި އިރު އެ މަގާމަށް ޝައުޤުވެރިވާކަން ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ވެސް ވަނީ ހާމަކުރައްވާފައެވެ.

ޖާބިރުގެ އިތުރުން މަޖިލީހުގެ ރައީސްކަމަށް ވާދަކުރައްވާނެ ކަމަށް މިހާރު ޔަގީންކުރެވިފައިވާ ފަރާތްތަކަކީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަސްލަމް އާއި ކުރީގެ ހޯމް މިނިސްޓަރ ހަސަން އަފީފެވެ.

އެހެން ނަމަވެސް މިބޭފުޅުންގެ ތެރެއިން މެންބަރު އަސްލަމަށް ކަމަށް ދޭހަވާ ފަދަ މޭރުމަކުން ރައީސް ނަޝީދު ވަނީ ވާހަކަ ދައްކަވާފައެވެ. 

Advertisement

ކޮމެންޓް