Advertisement

ބަރުލަމާނީ ނިޒާމަކަށް ދާން ރައްޔިތުން ނިންމައިފި ނަމަ އިހުތިރާމް ކުރާނަން: ނާޒިމް

12 Apr 2019 | 21:07

ދިވެހިރާއްޖެގައި ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ރައްޔިތުންގެ ވޯޓަކުން ކަނޑައަޅައިފި ނަމަ އެކަމަށް އިހްތިރާމް ކުރައްވާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމް ވިދާޅުވެއްޖެއެވެ.

19 ވަނަ ރައްޔިތުންެ މަޖިލީހުގެ ދަނގެތީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައިވާ ނާޒިމް މިހެން ވިދާޅުވީ ރޭ ވީޓީވީގައި ވާހަކަ ދައްކަވަމުންނެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ވެރިކަމުގެ ނިޒާމާއި މެދު ގޮތެއް ކަނޑައެޅުމަށް ރައްޔިތުންގެ ވޯޓަކަށް ދިއުމަށް މަޖިލިސް މެންބަރުންނަށްެ ފެނިވަޑައިގަންނަވާ ނަމަ އެކަން އެގޮތަށް ކުރެއްވުމަކީ މައްސަލައެއް ނޫން ކަމަށެވެ.

އެހެން ނަމަވެސް މީގެ ކުރިން ރައްޔިތުންގެ ވޯޓަކުން ރިޔާސީ ނިޒާމަކަށް އާނ ބަސް ބުނެފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ލިބުނު ކަމުގައި ވިޔަސް ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ޖެހޭ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވި ގޮތުގައި އެބޭފުޅާ ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގައި ވެރިކަން ކުރުމަށް އެންމެ ރަގަޅު ނިޒާމަކީ ރިޔާސީ ނިޒާމެވެ. އަދި ނިޒާމު ބަދަލުކުރުމަށް މަސައްކަތް ކުރެވޭ ހާލަތެއްގައި އެކަމާއި ދެކޮޅަށް އަޑު އުފުއްލަވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ވާހަކަތައް ފެށިފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރައްވަން ޖެހޭކަމަށް ވިދާޅުވެ ވާހަކަ ދައްކަވަން ފެއްޓެވި ހިސާބުންނެވެ.

އެހެން ނަމަވެސް ރައީސް ނަޝީދުގެ އެވާހަކަތަކާއި ރާއްޖޭގެ ގިނަ ސިޔާސީ ލީޑަރުން ވަނީ ދެކޮޅު ހައްދަވާފައެވެ.

Advertisement

ކޮމެންޓް