Advertisement

ޕީޕީއެމްއިން އެމް ސެވަން މުވައްޒަފުންނަށް ރިޝްވަތު ހުޝައެޅި މައްސަލަ ފެންމަތިވެއްޖެ

15 Oct 2018 | 14:45

ނިމިގެންދިޔަ އިންތިހާބުގެ ވޯޓު ކަރުދާސް ޕްރިންޓްކުރި އެމް ސެވަން ޕްރިންޓާސްގެ މުވައްޒަފުން ކޯޓުގައި ވޯޓް ކަރުދާހުގައި މައްސަލހުރިކަމަށް ހެކިބަސް ދިނުމަށް ސަރުކާރުގެ އިސްވެރިންނަށް ބޮޑެތި ރިޝްވަތު ހުޝައެޅި މައްސަލަ ފެންމަތިވެއްޖެއެވެ.

"މުވައްޒަފުންނަށް ވަނީ ބިރު ދައްކާފައި މި ވާހަކަ ނުދެއްކުމަށް ބުނެ. މުވައްޒަފުން ރޮވެފައި އަޅުގަނޑުމެނަށް އެ ވާހަކަތައް ކިޔައިދިނީ،" އެމް ސެވަން އިސް މުވައްޒަފަކު ވިދާޅުވިއެވެ.

އެމްސެވަން އިން މައުލޫމާތު ދެއްވި މުވައްޒަފަކު ވިދާޅުވީ ރިޝްވަތުގެ ގޮތުގައި އެ ކުންފުނީގެ ގިނަ މުވައްޒަފުންތަކަކަށް ރިޝްވަތު ދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށާ، ދިވެހި މުވައްޒަފުންނަށް އެއް މިލިއަން ރުފިޔާ ހުށަހެޅިއިރު ބިދޭސީ މުވައްޒަފުންނަށް 40،000 ޑޮލަރު ހުށަހެޅާފައިވާ ކަމަށެވެ.

ރިޝްވަތު ހުށައެޅުމުގައި އިސްކޮށް ތިއްބެވީ ރައީސް ޔާމީން ސަރުކާރުގެ އިސްވެރިންނާއި ޕީޕީއެމް އަށް ނިސްބަތްވާ މަޖްލިސް މެންބަރުން ކަމުގައި އެފަރާތުން މައުލޫމާތު ދެއްވައެވެ.

މިމައްސަލަ ވަނީ މިދިޔަ އާދިއްތަ ދުވަހު ފުލުހުންގެ އިދާރާއަށް އެމް ސެވަން ފަރާތުން ހުށަހަޅުއްވާފައެވެ.

"އަޅުގަނޑުމެން ފުލުހުންގެ ފަރާތުން އެދިފައިވާނީ މިއީ ގައުމީ ބޮޑު ކަމަކަށް ނިސްބަތްވާ ކަމަކަށް ވުމާއެކު ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި މިކަން ބަލައި ދިނުމަށް." އެމް ސެވަން އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅޭގޮތުން މިހާތަނަށް ޕީޕީއެމް އިން އަދި އެއްވެސް އެއްޗެއް ވިދާޅެއްނުވެއެވެ. 

Advertisement

ކޮމެންޓް