އެއް އުރަޔެއްގައި ދެކަނޑިއަށްވެސް އޮވެވިދާނެއެވެ!

15 Apr 2019 | 14:51

ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރުގައި، އާބާދީގެ ގޮތުން މީސްކޮޅު މަދު ގައުމެކެވެ. ރާއްޖޭގެ ގިނަ ރަށްރަށުގައި ކޮންމެވެސް ގޮތަކުން އެކަކު އަނެކަކު ދަންނާނެއެވެ. އަވަށްޓެރިކަމުންނެވެ. ލޭގެ ގުޅުމުންނެވެ. ކައިވެނީގެ ގުޅުމުންނެވެ. މުޖުތަމައުގެ މީސްކޮޅު މަދުވުމާއި އެކު ދިވެހިންނަކީ ޒަމާނުއްސުރެ އެކުވެރި، އެއްބައިވަންތަ ބައެކެވެ.

އެެހެނަސް ފަހަކަށްއައިސް މި އެއްބައިވަންތަކަމަށް ވަނީ ބުރޫއަރާފައެވެ. އެކުވެރިންނަކީ ނެތްބަޔަކަށް ހަދައި، އާއިލީ ގުޅުންތަކަކީ ގެއްލިދާން މައްސަަލައެއް ނެތް އެއްޗަކަށް މިވަނީ ވެފައެވެ. މިކަމުގެ ސަބަބަކަށް ވެފައިވަނީ ވާދަވެރި ސިޔާސީ ނިޒާމެވެ. ހަގީގަތުގައި މިއީ އެ ނިޒާމުގެ ކުށެއްވެސް ނޫނެވެ. މިއީ އެ ނިޒާމުގެ މަސްތުގައި ޣަރަގުވަމުންދާ މަދު ބަޔެއްގެ ކުށެވެ.

ރާއްޖޭގެ ގިނަ އާއިލާތަކަށް ބަލާލާއިރު، ސިޔާސީ ގޮތުން ހަތުރުވެރިން ތިބުމަކީ ވަރަށް ގާތް ކަމެކެވެ. ސިޔާސީ ގޮތުން ވިސްނުން ތަފާތު ކަމުގައިވިޔަސް، ގިނަ ދިވެހިންނަކީ އާއިލީ ކަންކަމުގައި ނިކަން ގުޅި ލާމެހިގެން އުޅޭ ބައެކެވެ. ރާއްޖޭގެ މަތީ ފަންތީގެ ސިޔާސީ އާއިލާތަކުންވެސް ގިނަ ފަހަރަށް މިކަން ފެންނަކަމީ ފާހަގަކޮށްލެވޭ ކަމެކެވެ.

ދާާދިފަހުން މިފަދަ ސިޔާސީ ހަތުރުވެރިކަން ހިމެނޭ އާއިލާއެއްގެ ވާހަކަ ސޯޝަލް މީޑިޔާގައި ފެންމަތިވެއްޖެއެވެ. ޕީޕީއެމްގެ ކުރީގެ ކައުންސިލް މެންބަރ އަދި މަޝްހޫރު ވިޔަފާރިވެރިޔާ ޒާހިދު ރަމީޒު އަދި އެމްޑީޕީގެ ޕީޖީ ލީޑަރ މުހައްމަދު އަސްލަމަކީ އާއިލީ ގޮތުން ގުޅިފައިވާ ދެފަރާތެކެވެ.

ނިއުޕޯޓްގެ ތަންތަން ހުސްކުރުމަށް ސަރުކާރުން ކުރި އަމުރާއި އެއްގޮތަށް އެތަންތަން ހުސްނުވެގެން އުޅޭ ވާހަކަ ސޯޝަލް މީޑިޔާގައި ވަރަށް ބޮޑަށް ދެކެވެމުންދިޔައެވެ. އެގޮތުން އެއްބަޔަކު ބުނަމުންދިޔައީ އެތަން ހުސްވެގެން ނޫޅެނީ އަސްލަމްގެ ނުފޫޒުންކަމަށާއި، އަސްލަމަކީ އެހެންކަމުން މަޖިލީހުގެ ރައީސަށްވުން ގާބިލް ފަރާތެއް ނޫންކަމަށެވެ.

އެކަމަކު އަސްލަމަކީ ޒާހިދުއާއި އާއިލީ ގުޅުންވިޔަސް ސިޔާސީ ގޮތުން ދިމާ އިިދިކޮޅު ޚިޔާލުގެ ފަރާތެކެވެ. އަސްލަމަކީ ޒާހިދު އެންމެ ރުޅިއަންނަ ޕާޓީގެ އިސްފަރާތެކެވެ. އަސްލަމަކީ ޒާހިދު އެބަޔަކަށް ފާޑުކިޔާ އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ތެރޭގައި ހިމެނޭ ފަރާތެކެވެ. ޒާހިދު އެމްޑީޕީއަށް ފާޑުކީ އެއްވެސް ފަހަރަކު އާންމުކޮށް އަސްލަމް އެ ފާޑުކިޔުމުން އިސްތިސްނާކޮށްފައި ނުވެއެވެ.

ރާއްޖޭގެ އެހެނިހެން ސިޔާސީ އާއިލާތަކުގައި އިދިކޮޅު ފިކުރުތަކުގެ މީހުން ތިއްބަސް މަައްސަލައަކަށް ނުވެއެވެ. އެކަކު އަނެކަކަށް ގޯސްކަންކަމުގައި އެހީތެރިވެދޭކަމަކަށް ނުވެއެވެ. އާއިލާގެ ގުޅުމާއި ސިޔާސީ ގުުޅުމަކީ މުޅިން ތަފާތު ދެކަމަކަށް ވާތީއެވެ. އެކަމަކު އަސްލަމާއި ޒާހިދު ވީމާއި، ތެލާއި ފެނާއިވެސް އެއްކުރަންވީއެވެ.

އަސްލަމާއި ދިމާލަށް ބާރުގެ ނުފޫޒު ބޭނުންކުރާ ކަމުގެ ތުހުމަތުތައް ކުރެވުނު އިރު، އިއްޔެ ރޭ ޒާހިދު ނެރުނު ބަޔާނަކުން އެފަދަ ބައެއް ފަރާތްތަކުގެ ވާހަކަތައް ވަނީ މަދުވެފައެވެ.

އޭނާ ބުނީ ނިއުޕޯޓާއި އަސްލަމާއި ދެމެދު ވިޔަފާރީގެ އެއްވެސް ގުޅުމެއް ނޯންނާނެކަމަށާއި އޮތްހާވެސް ގުޅުމަކީ އާއިލީ ގުުޅުމެއް ކަމަށެވެ. އަދި ދެފަރާތުގެ ސިޔާސީ ވިސްނުން ތަފާތުކަމުގައިވިޔަސް، އެކަމުގެ ސަބަބުން އާއިލީ ގުޅުންތަކަށް އެއްވެސް ނުރަނގަޅު ނުފޫޒެއް ނުފޯރާކަމަށް ޒާހިދު ފާހަަގަކުރިއެވެ. ޒާހިދު ބުނީ އޭނާ ދެކޭ ގޮތުގައި ނިއުޕޯޓުގެ ކަންކަމުގެ ތެރެއަށް އަސްލަމް ވައްދަމުންދަނީ މަޖިލީހުގެ ރައީސްގެ މަގާމަށް އަސްލަމް އިންތިޚާބުވުމުގެ ފުރުސަތު ހަނިކުރުމުގެ މަގުސަދުގައެވެ.

ޒާހިދު އިތުރަށްވަނީ ނިއުޕޯޓްގެ ތަންތަން މިހާރުވެސް ހިންގަމުންދަނީ ސިވިލް ކޯޓުން ހުކުމްކޮށްގެން ލިބުނު ހުއްދައާއި އެއްކޮށްކަމަށް ފާހަަގަކޮށް، މިހާތަނަށް ހުކުމް ނުކުރާ ހަމައެކަނި މައްސަލައަކީ ބްރިޖް ޕްލެޓްފޯމްގެ މައްސަލަކަމަށް ބުނެފައެވެ.

ޒާހިދާއި އަސްލަމް ވީމައި، އެއްއުރައެއްގައި ދެކަނޑިއަށްވެސް ނޯވެވެނީއެވެ. އެހެން ފަރާތްތައް ނަމަ އެކަންވެސް ވަނީއެވެ. ޒާހިދާއި އަސްލަމްގެ އާއިލީ ގުުޅުމުގެ ވާހަކަ މީގެ ކުރިން ދެއްކި ފަރާތެއް ނުވެސް ނެތެވެ. މައްސަލައަކީ އަސްލަމް މަޖިލީހުގެ ރައީސަށް ވުންތޯއެވެ؟ ނުވަަތަ މައްސަލައަކީ އާއިލީ ގުުޅުމުން ކަންކަމަށް ނުރަނގަޅު ނުފޫޒު ފޯރުންތޯއެވެ؟

Advertisement

ކޮމެންޓް