އެމެރިކާގެ ފުލޮރިޑާ އަދި ޖޯޖިއާއަށް ތޫފާނެއް އަރާއި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

11 Oct 2018 | 12:45

ގަދަވަޔާ ވިއްސާރައާއެކު އައި ތޫފާނެއް އެމެރިކާގެ ފުލޮރިޑާ އަދި ޖޯޖިއާއަށް އަރައި މިހާތަނަށް މީހަކާއި ކުއްޖަކު މަރުވެފައިވާކަމަށް ރިޕޯޓްކޮށްފިއެވެ.

މަރުވި މީހުންގެ ތެރެއިން އެކަކު މަރުވީ އޭނާ ގޭގައި ހުއްޓާ ގަދަ ވަޔާއި ވިއްސާރައިގެ ސަބަބުން ގޭގެ ފުރާޅު މައްޗައް ގަހެއް ވެއްޓުމުގެ ސަބަބުންނެވެ. މަރުވިކަމަށް ރިޕޯޓް ކުރެވުނު ކުއްޖާ މަރުވިކަން އަދި ސާބިތުނުވާ ކަމަށް ކަމާބެހޭ އިދާރާތަކުން ހަބަރުދެއެވެ.

ހަރިކޭން މައިކަލްގެ ނަމުން ނަންދެވިފައިވާ މި ތޫފާނަކީ 1992 ގަ ހަރިކޭން އެންޑްރޫ އެމެރިކާގެ ފުލޮރިޑާއަށް އެރިފަހުން އައި އެންމެ ބާރުގަދަ ތޫފާނެވެ. މިހާރު މި ތޫފާނުގެ މިސްރާބު މިހާރު ހުރީ ޖޯޖިއާގެ ހިސާބުތަކާ ދިމާލަށެވެ.

އެމެރިކާގެ ގައުމީ މޫސުމާއި ބެހޭ އިދާރާއިން ހާމަކުރިގޮތުގައި މިއީ ވަރަށް ވަރުގަދަ ތޫފާނެއް ކަމަށާއި މިތޫފާން އަރައި ނިމޭ ފަހުން ލިބިފަ ހުރި ގެއްލުންތައް ބަލާ ހޯދުމުން ކެޓެގޮރީ 4 ގެ ތޫފާނެއްގެ ބާރުގަދަކަން ފެންނަން ހުންނާނެ ކަމަށެވެ.

ގަޑިއަކު 14 މޭލުގެ ބާރުމިނުގައި ދަތުރު ކުރަމުންދާ މި ތޫފާނުގެ ސަބަބުން ބައި މިލިއަނަށް ވުރެ ގިނަ މީހުންނަށް އެމީހުންގެ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ދިޔުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ މި ކާރިސާއާއި ގުޅިގެން ފެޑެރަލް ރިސޯސްތަކާއި ފައިސާ ބޭނުން ކުރުމުގެ ހުއްދަ ދޭ ޑެކެލަރޭޝަނެއް ފާސް ކޮށްދެއްވާފައެވެ. 

Advertisement

ކޮމެންޓް