Advertisement

ޕޮގްބާގެ ޕެނަލްޓީތަކުން ޔުނައިޓެޑް މޮޅުވެ ގަދަ ހަތަރެއްގެ އުންމީދު އާކޮށްފި

14 Apr 2019 | 09:10

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އެޓީމުގެ އަމިއްލަ ދަނޑުގައި ވެސްޓް ހަމް ޔުނައިޓެޑައި ދެކޮޅަށް ކުޅުނު މެޗް 2-1 ކުން ކާމިޔާބުކޮށް ގަދަ ހަތަރަކަށް އެރުމަށް ކުރާ އުންމީދު އާކޮށްފިއެވެ.

މި މެޗުގައި ޔުނައިޓެޑްގެ ފަރާތުން ފެނުނު ދެ ގޯލްއަކީވެސް ލިބުނު ޕެނަލްޓީތަކުން ކާމިޔާބުކުރި ގޯލް ތަކެކެވެ. ޔުނައިޓެޑުގެ މެދުތެރެއަށް ކުޅެމުން އަންނަ މަޓާއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް މެޗުގެ ފުރަތަމަ ގޯލް ޖެހީ ޕޯލް ޕޮގްބާއެވެ.

ފުރަތަމަ ހާފުގެ ކުޅުން 1-0 ކުން ޔުނައިޓެޑް ކުރީގައި އޮވެ ނިންމާލިއިރު ދެވަނަ ހާފް ފަށައިގެން މާގިނައިރުތަކެއް ނުވަނީސް ވެސްޓް ހަމްވަނީ ގޯލެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ވެސްޓް ހަމްގެ މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ފެލީޕޭ އެންޑަސަންއެވެ.

މެޗުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ، މޮޅު ކުޅުމެއް ދައްކާ، އަދި ގިނަ ހަމަލާތަކެއް އުފައްދާފައިވަނީ ވެސްޓް ހަމްއެވެ. ވެސްޓް ހަމްވަނީ އެޓީމުގެ ގޯލަށްފަހުވެސް ނުރައްކާތެރި ހަމަލާތަކެއް ޔުނައިޓެޑުގެ ގޯލައި އަމާޒުކޮށް ފޮނުވާލާފައެވެ. އެގޮތުން ބަދަލު ކުޅުން ތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އެޓީމުގެ އެންޓޯނިއޯ ފޮނުވާލި އެއް ހަމަލާ ގޯލު ދަނޑިއަށް އަމާޒުވިއިރު އަނެއް ހަމަލާ ޔުނައިޓެޑުގެ ކީޕަރު ޑިގެއާވަނީ ހުށިޔާރުކަމާއެކީ ދިފާއު ކޮށްފައެވެ.

ޔުނައިޓެޑް އުފެއްދި ނުރައްކާތެރި ކައުންޓާ އެޓޭކްއެއްގައި މާޝިއަލްއަށް ޕެނަލްޓީ އޭރިއާތެރެއިން ކުރި ފައުލަކައި ގުޅިގެން ލިބުނު ޕެނަލްޓީއިން މެޗުގައި ފެނިގެން ދިޔަ ފަހު ގޯލް އަދި ޔުނައިޓެޑް މެޗުން މޮޅުކޮށްދިން ގޯލް ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލްވެސް ޖަހި ޕޮގްބާއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ވެސްޓް ހަމްގެ ކޯޗް ޕެލެގްރިނީ ބުނީ ރެފްރީންގެ ފަރާތުން ގޯސްތަކެއް ހެދި މަންޒަރު ފެނިގެންދިޔަ ކަމަށައި ވީއޭއާރް ބޭނުންކުރާނަމަ އޭނާގެ ޓީމް މިމެޗުން 1-0 ކުން މޮޅުވީސް ކަމުގައެވެ.

މެޗައި ގުޅޭގޮތުން ޔުނައިޓެޑުގެ ކޯޗް ޝޯލްޝާ ބުނީ، މޮޅު ކުޅުމެއް ފެނިގެންދިޔައީ ވެސްޓް ހަމްގެ ފަރާތުންކަމާމެދު އެއްވެސް މީހަކު ދެކޮޅު ނުހަދާނެކަމަށެވެ. ހިނގަމުންދާ ސިޒަނުގެ ގަދަ ހަތަރެއްގައި އޮވެ ޔުނައިޓެޑް ލީގް ނިންމާލައިފިނަމަ މީގެ އަހަރުތަކެއް ފަހުން ޔުނައިޓެޑް ކުޅުނީ ކިހިނެއްތޯ ބަލާނެ ބަޔަކު ނުތިބޭނެ ކަމަށްވެސް އޭނާވަނީ ފާހަގަކޮށްފައެވެ.

މި މެޗުން ކަށަވަރުކުރި ތިން ޕޮއިންޓާއެކު ޔުނައިޓެޑް މިވަގުތު އޮތީ ތާވަލުގެ ފަސްވަނައިގައެވެ. އެއީ 64 ޕޮއިންޓާއެކީއެވެ. 66 ޕޮއިންޓާއެކު ޗެސްލީ ހަތަރުވަނައިގަ އޮތްއިރު ޓޮޓެންހަމް ތިންވަނައިގަ އޮތީ 67 ޕޮއިންޓް ލިބިގެންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅެވުނު އެހެން މެޗުތަކުގެ ނަތީޖާތަކަށް ބަލާލާއިރު ޓޮޓެންހަމްވަނީ ހަޑަސްފީލްގެ މައްޗަށް 4-0 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ. ބޯންމައުތް 5-0 ކުން ބްރައިޓަން ބަލިކުރިއިރު މި ސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުން އައިސްފައިވާ ވުލްވްސްވަނީ ސައުތްހެމްޕްޓަން އަތުން 3-1 ކުން ބަލިވެއެވެ. 

Advertisement

ކޮމެންޓް