12 މެންބަރުންގެ ގޮނޑި ގެއްލުވާލި ކަމަށް ރައީސް ވިދާޅުވި މައްސަލަ ކޯޓަށް ހުށަހަޅަނީ

12 Sep 2018 | 15:55

ރައްޔިތުންގެ މަޖިލީހުގެ 12 ގޮނޑި ގެއްލުވާލީ ރައީސް ޢަބްދުﷲ ޔާމީން ކަމަށް އެމަނިކުފާނު އަމިއްލަފުޅު އެއްބަސްވެވަޑައިގެންފައިވާތީ އެކަން ބަލައިދިނުމަށް ކޯޓަށް ހުށަހެޅުމަށް ނިންމައިފިއެވެ.

މެމްބަރުންގެ ގޮނޑި ގެއްލުވާލި ކަމަށް ވިދާޅުވެ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވައި މ.ކުނޫޒު ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ އެކަން ކުރެއްވުމުގެ ގާނޫނީ ބާރާއި އިޚްތިޔާރެއް އެއްވެސް ގާނޫނަކުން ރައީސް ޔާމީނަށް ލިބިދީފައި ނުވާ ކަމަށެވެ.

އަމީތު ވިދާޅުވީ، އަދި މިއީ މުއައްސަސާތަކަށް ނުފޫޒް ފޯރުވައިގެން ހިންގެވި ޖަރީމާތަކެއް ކަމަށާއި އެކަން ފުލުހުންނާ ސިފައިން ބެލުމަށް ގޮވާލައްވާ ކަމަށް އަމީތު ވިދާޅުވި އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވީ ރައީސް ޔާމީން ހިފާ ހައްޔަރު ކުރަން ރާއްޖޭގެ ސިފައިންނާއި ފުލުހުން މިހާރުސުރެން މައްސަކަތް ކުރަން ޖެހޭ ކަމަށެވެ. މުސްތަފާ ވިދާޅުވީ، ރައީސް ޔާމީނަކީ މިހާރު ބުއްދި ފަސްވެފައި ހުރި މީހެއް ކަމަށާއި އެފަދަ ވާހަކަތައް ދައްކަވަނީ އެހެންވެގެން ކަމަށެވެ.

ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވީ، މެމްބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ރައީސް ޔާމީން ދެއްކެވި ވާހަކަފުޅާކު ތިނަދޫގެ ގިނަ އަދަދެއްގެ ބަޔަކު އަނެއްކާވެސް އިދިކޮޅާ ގުޅިއްޖެ ކަމަށެވެ. އަދި މެމްބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން އޮޅިފައިވާ ވާހަކަތަކެއް ރައީސް ޔާމީން އަމިއްލަފުޅަށް އިއްޔެ ސާފުކޮށްދެއްވައި ރައްޔިތުންގެ ހައްގުތަކަށް އަރައިގެންނެވި ކަމަށް ވިދާޅުވެފައިވާ ކަމަށް ސައުދު ވިދާޅުވި އެވެ.

މީގެ އިތުރުން މެމްބަރުން ވިދާޅުވީ ރައީސް ޔާމީން އިއުތިރާފްވެވަޑައިގެންނެވި މައްސަލަތަކުގައި އެމަނިކުފާނާ ދެކޮޅަށް ތަހުގީގު ހިންގައި ޖަވާބުދާރީ ކުރުވޭނެ ކަމަށާއި، މައްސަލަ ކޯޓަށް ވެއްދުމަށްޓަކައި ޤާނޫނީ ވަކީލުންނާ އެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ.

Advertisement

ކޮމެންޓް

Advertisement