ރައީސް ޔާމީންގެ މިސްރާބް އިންތިހާބު ބާތިލްކުރުމަށް

12 Oct 2018 | 09:17

ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީން ސްޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ނިމިދިޔަ ރިޔާސީ އިންތިހާބު ބާތިލް ކޮށްދިނުމަށް އެދި ކަމަށާއި އެ މައްސަލައަށް ޖަވާބު ދާރީވުމަށް އަންނަ ހޮނިހިރު ދުވަހަށް ލިޔުމުން ޖަވާބު ދިނުމަށް އިލެކްޝަން ކޮމިޝަންއަށް ސްޕްރީމް ކޯޓުން މިއަދު އަންގައިފިއެވެ.

އެގޮތުން މިއަދު ހެނދުނު ވަނީ މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް 9:45 ގައި ބާއްވާފައެވެ. އަދި މައްސަލަައާއި ގުޅުންހުރި ލިޔެކިޔުންތައް ވަނީ އީސީއާއި ހަވާލުކޮށްފައެވެ.

ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފައި ވަނީ ދުސްތޫރީ އުސޫލުތަކާ ހިލާފަށް އިންތިހާބުގެ ތެރޭގައި ކަންތައްތަކެއް ހިންގާފައި ވާތީ، ރިޔާސީ އިންތިހާބު ބާތިލް ކުރުމަށް ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވިއެވެ.

އަދި އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 11:00 ގެ ކުރިން އެ މައްސަލައަށް ޖަވާބު ދާރީ ވުމަށް ސުޕްރީމް ކޯޓުން އެ ކޮމިޝަނަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީފް މީގެ ކުރިންވެސް ވިދާޅުވެފައިވާ ގޮތުގައި އިންތިހާބާ ގުޅޭ ގޮތުން އައިސްފައި ހުރި އެކި ޝަކުވާތައް ކޮމިޝަނުން ތަކުރާރުކޮށް ބެލި ނަމަވެސް، އިންތިހާބުގެ ނަތީޖާއަށް ބަދަލު އަންނަވަރުގެ އެއްވެސް ކަމެއް ހިނގާފައި ނެތް ކަމަށެވެ. އަދި އިންތިހާބު ބާތިލް ކުރަން ޖެހޭ ކަމަށް ބުނެ ދައްކާ އެއްވެސް ވާހަކައެއްގައި ހެއްކެއް އަދި އަސްލެއް ވެސް ނެތް ކަމަށް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގެ އިސް މެމްބަރު މުހައްމަދު ސަލީމް (ރޭނިސް) އިއްޔެ ވިދާޅުވީ، އެ މައްސަލާގައި ކޯޓަށް ވަޑައިގަތީ ރައީސް ޔާމީންގެ ސަޕޯޓަރުން ހުށަހެޅި ޝަކުވާތަކަށް ބެއްލެވުމަށް ފަހު ކަމަށެވެ.

ރިޔާސީ އިންތިހާބުން ނާކާމިޔާބު ވެވަޑައިގަތް ރައީސް ޔާމީންވަނީ ބަލި ޤަބޫލުކޮށް ޤައުމާ މުހާތަބްކުރައްވާފައެވެ. އަދި މިހާރުވެސް އާ ސަރުކާރަށް ބާރު ތައް ބަދަލު ކުރުމުގެ އެންމެހައި ކަންތައް ވަރަށް އަމާން ކަމާ އެކު ކުރިއަށް ދާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ

Advertisement

ކޮމެންޓް