ލީގް ތައްޓަށް ވާދަކުރާ ލިވަޕޫލް އަދި ސިޓީ ކުޅުނު މެޗުތައް ކާމިޔާބުކޮށްފި

15 Apr 2019 | 08:25

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އަދި ލިވަޕޫލް ކުޅުނު މެޗުތައް ކާމިޔާބު ކޮށްފިއެވެ.

ރޭ ލިވަޕޫލް އަދި ޗެލްސީ ވާދަކުރި މެޗުން ލިވަޕޫލް ކުރި ހޯދީ 2-0 ކުންނެވެ. ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ދެޓީމުގެ ފަރާތުންވެސްވަނީ ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައެވެ.

ދެޓީމުންވެސް ނުރައްކާތެރި ގިނަ ހަމަލާތަކެއް އިދިކޮޅު ގޯލައި އަމާޒު ކުރި މި މެޗުގައި ފުރަތަމަ ގޯލް ޖަހައި ކުރި ހޯދީ ލިވަޕޫލްއެވެ. ދެވަނަ ހާފް ފަށައިގެން މާގިނައިރުތަކެއްނުވެ ލިވަޕޫލްއަށް ކުރި ހޯދަދިނީ މާނޭ ބޮލުން ގޯލްތެރެއަށް ވައްދާލި ބޯޅައިންނެވެ. މި ގޯލަށް ދެ މިނިޓް ނުވަނީސް ލިވަޕޫލްއަށް ކުޅެމުން އަންނަ މިސްރުގެ ތަރި ސަލާހް ވަނީ ލިވަޕޫލްގެ ލީޑް ދެ ގޯލަށް ފުޅާކޮށްދީފައެވެ.

ކައިރި ކައިރީގައި ލިވަޕޫލްގެ ދެ ގޯލް ފެނިގެންދިޔައިރު ޗެލްސީވަނީ މެޗު ތެރެއަށް އަނބުރާ އައުމަށް ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން ހަޒާޑްއަށް ލިބުނު ރަނުގެ ފުރުސަތުތައް ފާހަގަ ކޮށްލެވެއެވެ. ހަޒާޑް ފޮނުވާލި އެއް ހަމަލާ ގޯލް ދަނޑިއަށް އަމާޒުވިއިރު އަނެއް ހަމަލާ ލިވަޕޫލްގެ ކީޕަރުވަނީ ހުޝިޔާރުކަމާއެކީ މަތަކޮށްފައެވެ.

މެޗައި ގުޅޭގޮތުން ލިވަޕޫލްގެ ކޯޗް ކްލޮޕް ބުނީ ޓީމައި މެދު ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމުގައެވެ. ލިވަޕޫލްގެ ސަޕޯޓަރުން ޓީމަށް ދިން ތަރުހީބަށްވެސް އޭނާވަނީ ޝުކުރު އަދާކޮށްފައެވެ. ސިޓީ ނެރެމުންދާ ނަތީޖާތަކާމެދު ޝައުގުވެރިކަމެއް ނެތް ކަމަށްވެސް ކްލޮޕް ވަނީ އޭނާގެ ވާހަކައިގަ ފާހަގަކޮށްފައެވެ.

ކްރިސްޓަލް ޕެލަސްއައި ދެކޮޅަށް ކުޅުނު މެޗުން ސިޓީ މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމުގެ ގޯލްތައް ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިންގް އަދި ގެބްރިއެލް ޖީސުސްއެވެ. ސްޓާލިންގްވަނީ ސިޓީއަށް މި މެޗުގައި ދެ ގޯލް ޖަހައިދީފައެވެ.

ޕެލަސްގެ ފަރާތުން ފެނުނު ހަމައެކަނި ގޯލް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް ޖަހައިދިނީ ލިބުނު ހިލޭ ޖެހުމަކުން މިލިވޯޔެވިކްއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗް ގާޑިއޯލާ ބުނީ ޗެންޕިއަންސް ލީގުގައި ޓޮޓެންހަމް އަތުން ބަލިވުމަށްފަހު އޭނާގެ ޓީމް މި މެޗުގައި ދައްކާފައިވަނީ ވަރަށް ރަނގަޅު ކުޅުމެއް ކަމުގައެވެ.

ކައިރި ކައިރީގައި ގިނަ މެޗުތަކެއް ކުޅެން ޖެހިފައިވުމައި ގުޅޭގޮތުން ގާޑިއޯލާ ބުނީ ޑިސެންބަރު، ޖެނުއަރީ، އަދި ފެބުރުވަރީ މަހުގައި ކޮންމެ ތިން ދުވަހަކުން މެޗެއް ކުޅެން ޖެހުނު ކަމަށެވެ. ގިނަ މެޗުތަކެއް ކުޅުމުގެ ހިތްވަރު ސިޓީ ޓީމުގައި ހުރިކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މި ނަތީޖާތަކާއެކު ލިވަޕޫލް ތާވަލުގެ އެއްވަނައިގަ އޮތީ ސިޓީއަށް ވުރެ އެއް މެޗް އިތުރަށް ކުޅެ ލިބުނު 85 ޕޮއިންޓާއެކީގައެވެ. ސިޓީ ދެވަނަ މަގާމުގައި އޮތީ 83 ޕޮއިންޓް ލިބިގެންނެވެ. 

Advertisement

ކޮމެންޓް

Advertisement