އިންތިގާލީ އަދާލަތުގެ ކޮމިޝަން ހެދުމަށް މަޖިލީހަށް ހުށަހަޅައިފި

15 Apr 2019 | 13:15

ކުރީގެ ސަރުކާރުތަކުގައި އެކި ދައުވާތައް އުފުލައި ނުހައްޤުން ޖަލަށް ލާފައިވާ ފަރާތްތަކާއި އަނިޔާ ތަޙައްމަލް ކުރަން ޖެހުނު ފަރާތްތަކަށް އިންސާފޯ ޤާއިމްކޮށްދިނުމަށް ޚާއްސަ ކޮމިޝަނެއް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އިންތިޤާލީ އަދާލަތު ޤާއިމްކުރުމަށް މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން ސަރުކާރުގެ ފަރާތުން މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.

އިމްތިޔާޒު ހުށަހެޅުއްވި ބިލްގެ މަޤްސަދަކީ މީގެ ކުރިން ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ ހިންގުންތެރިއެއްގެ ފުށުން ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ ކަންކަން ބަލައި ތަހުގީގުކުރުމާއި އަދި އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ އާއި ދެރަ ލިބިފައިވާ މީހުންނަށް އިންސާފު ހޯދައި ދިނުމެެވެ.

އިންތިޤާލީ އަދާލަތު ޤާއިމްކުރުމުގެ ބިލްގެ ދަށުން އުފައްދާ ކޮމިޝަނުން ތަހުގީގުކުރާނީ ޖެނުއަރީ 1، 2012 އިން ފެށިގެން ނޮވެމްބަރު 17، 2018 އާ ދެމެދު ހިނގައިދިޔަ މުއްދަތުގެ ތެރޭގައި ހިނގި މައްސަލަތައް އެކަންޏެވެ.

އިންތިޤާލީ އަދާލަތު ޤާއިމްކުރަން އުފައްދާ ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ލިބިދޭ ގޮތައް ފަރުމާކޮށްފައިވާ ބިލްގައި ބުނެފައިވާ ގޮތުން ކޮމިޝަންގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ތަހުގީގްތަކަށް މީހުން ހާޒިރު ކުރުމުގެ ބާރު ލިބިގެން ވެއެވެ.

އެފަދަ އެންގުންތަކަށް ދެކޮޅު ހަދާ ފަރާތްތައް ބަންދުގައި ބަހައްޓައިގެން ހާޒިރު ކުރުމަށް ބޭނުންވާ ކޯޓު އަމުރަށް ކޮމިޝަނަށް އެދެވޭނެއެވެ. އަދި ކޮމިޝަނަށް ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމަށް ބޭރުގެ ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަން ހޯދުމުގެ ބާރު ކޮމިޝަނަށް ލިބޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. 

Advertisement

ކޮމެންޓް