Advertisement

އެޓްލެޓިކޯއައި ދެމެދު އޮތް ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު ރެއާލް ނަގާލައިފި

16 Apr 2019 | 08:31

ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑް އަދި ލެގާނެސް ބައްދަލުކުރި މެޗް 1-1 ކުން އެއްވަރުވެގެން ނިމިއްޖެއެވެ.

ލެގާނެސްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ގޯލް ޖަހާ ކުރި ހޯދާފައިވަނީވެސް އެޓީމުންނެވެ. އެއީ މެޗުގެ 45 ވަނަ މިނެޓުގައި ސިލްވާ ކާމިޔާބުކޮށްދިން ގޯލާއެކީއެވެ.

ރެއާލްއިން ވަނީ ދެވަނަ ހާފް ފަށައިގެން ކުޑަ ވަގުތު ކޮޅެއް ތެރޭ ގޯލެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ކަރީމް ބެންޒީމާއެވެ.

ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް ރެއާލްގެ ފަރާތުން ފެނިގެންދިޔަ ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދިޔައީ ދެޓީމުގެ ނަތީޖާ 1-1 ގައި އޮވެގެންނެވެ.

ޒިދާންގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ރެއާލްއަށް މި މެޗުން ތިން ޕޮއިންޓް ނުލިބުނު ކަމުގައިވިއަސް އަންނަ ސީޒަނުގެ ޗެންޕިއަންސް ލީގުގައި ރެއާލްއަށް ކުޅެވޭނެކަންވަނީ ގާތް ގަނޑަކަށް ޔަގީންވެފައެވެ. ތާވަލުގެ ތިންވަނައިގަ އެޓީމް އޮތީ 61 ޕޮއިންޓް ލިބިގެންނެވެ. ރެއާލްއައި އެންމެ ގާތުން ވާދަކުރާ ސެވިއްޔާ ހަތަރުވަނައިގަ އޮތީ 52 ޕޮއިންޓް ލިބިގެންނެވެ.

ސްޕެއިން ލީގުގެ އެއްވަނައިގަ ބާސެލޯނާ އޮތީ 74 ޕޮއިންޓް ހޯދައިގެން ހަމަޖެހިލާފައެވެ. މި ސީޒަނުގެ ލީގުގައި ބާސެލޯނާއައި ލީގުގައި އެންމެ ވާދަކުރި އެޓްލެޓިކޯ މެޑްރިޑް ތާވަލުގެ ދެވަނައިގަ އޮތީ 65 ޕޮއިންޓާއެކީއެވެ.

Advertisement

ކޮމެންޓް