12 މެންބަރުންގެ ގޮނޑި: އީސީގެ ނިންމުން އަނެއްކާވެސް ބަދަލުވެއްޖެ

11 Oct 2018 | 16:08

ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދުގެ ގޮނޑީގެ މައްސަލާގަ މިއަދު ސުޕްރީމް ކޯޓުގަ ބޭއްވި އަޑުއެހުމުގައި އިލެކްޝަން ކޮމިޝަންގެ ނިންމުން އަނެއްކާވެސް ބަދަލުވެއްޖެ އެވެ. އިލެކްޝަން ކޮމިޝަނުން ސްޓޭންޑް ބަދަލުކޮށްފައިވާކަން ހާމަކުރީ މިއަދު ސުޕްރީމް ކޯޓުގަ އެވެ.

އިލެކްޝަން ކޮމިޝަންގެ ވަކީލު ވިދާޅުވެފައިވަނީ ޕީޕީއެމްއިން އަބްދުﷲއާމެދު ސުލޫކީ ފިޔަވަޅު އަޅައި ޕާޓީގެ ދަފުތަރުން ވަކިކޮށް ދިނުމަށް އީސީގައި އެދިފައިވަނީ 30 އޯގަސްޓް 2017 ވަނަ ދުވަހު ކަމަށެވެ. އަދި ދަފްތަރުން އުނިކޮށް ދިނުމަށް އެދި 5 ސެޕްޓެމްބަރ 2017 ގައި ރައްޔިތުން މަޖްލީހަށް ހުށައަޅާފައިވާނެކަމުގައިވެސްވިދާޅުވިއެވެ.

އަދި އީސީގެ ދަފްތަރުން ނަން އުނިކުރަން ރައްޔިތުން މަޖްލީހަށް ހުށައަޅާދުވަހު ޕާޓީން ވަކިކުރެވާނެ ކަމުގައި ބެލެވޭނެކަމަށެވެ.

ވަކީލް ވިދާޅުވީ އެ ތާރިހަކީ އިންތިހާބުވާ ޕާޓީއިން ވަކިވެއްޖެނަމަ ނޫނީ ބަދަލުވެއްޖެނަމަ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ނެރުނު ފްލޯ ކްރޮސިންގެ ހުކުމްގެ ފަހުގެ ތާރީހަކަށްވާތީ ގޮނޑި ގެއްލޭނެ ކަމަށް ވަކީލް ވިދާޅުވި އެވެ.

އެ ހުކުމް ނެރުނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު އެވެ. އެހެންވެ، އަބްދުﷲގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމި ނިންމުމަކީ ސައްހަ ނިންމުމެއް ކަމަށް ކަނޑައަޅައިދޭން ވަކީލް އެދުނެވެ.

އެކަމާ ގުޅިގެން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ ސުވާލުތަކެއް ކުރިމަތި ކުރުވާފަ އެވެ. އެގޮތުން މީގެ ދުވަސް ކޮޅެއް ކުރިން އިލެކްޝަން ކޮމިޝަނުން އަބްދުﷲގެ މައްސަލަ އަލުން ރިވިއުކޮށް ނިންމި ނިންމުންވީ ކިހިނެއްތޯ އުއްތަމަ ފަނޑިޔާރު އެއްސެވި އެވެ.

އަބްދުﷲއާ ގުޅިގެން އިލެކްޝަން ކޮމިޝަންގެ މެންބަރުންގެ ބައްދަލުވުމެއްގައި އަބްދުﷲގެ ގޮނޑި ގެއްލިފައިވާ ކަމަށް ކުރިން އިލެކްޝަން ކޮމިޝަނުން ނިންމި ނިންމުން ބަދަލުކޮށް އާ ގޮތެއް ވަނީ ނިންމާފަ އެވެ.

އެ ނިންމުމުގައި ބުނެފައިވާ ގޮތުން ފްލޯ ކްރޮސިންގެ ހުކުމްގައިވާ އެއްވެސް ހާލަތެއް އަބްދުﷲގެ މައްސަލާގައި މެދުވެރިއެއް ނުވެ އެވެ. ނަމަވެސް މައްސަލަ ސުޕްރީމް ކޯޓުގައި އޮތުމުން އިތުރު ގޮތެއް ނިންމުމުގެ އިހްތިސޯސެއް ސުޕްރީމް ކޯޓަށް ނޫނީ ނޯންނާނެ ކަމަށް ބުނެ އެނިންމުން ވަނީ ސުޕްރީމް ކޯޓުން ބާތިލްކޮށްފަ އެވެ.

Advertisement

ކޮމެންޓް